Close
ޚަބަރު

ދިވެއްސަކާ ގުޅުންނެތިއްޔާ ޑްރަގް އެތެރެކުރާ ބިދޭސީންގެ މައްސަލަ ބެލުމުގެ ބޭނުމެއް ނެތް: ޕީޖީ

އިބްރާހިމް ޒަކީ

ބިދޭސީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި ދިވެއްސެއްގެ މަސްލަހަތު ނެތް ނަމަ، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީންގެ މައްސަލަ ތަހުގީގު ކުރުމަކީ ބޭނުން ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

މިމަހުގެ ހަވަނަ ދުވަހު ގަތަރުގެ ދޯހާ މަގުން ރާއްޖެ އައި ބިދޭސީއެއްގެ ލަގެޖުން 6.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފަހު، އެ މީހާ ރާއްޖެ އެތެރެވިޔަނުދީ ފޮނުވައިލި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުންތަކެއް ސަރުކާރަށާއި އިމިގްރޭޝަނަ ވަނީ ކުރިމަތި ވެފައެވެ.

ނަމަވެސް އެމީހާ ފޮނުވައިލީ ވައިގެ މަގުން ރާއްޖެ އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުންނެވެ.

ޕީޖީ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، "ބައެއް ގައުމުތަކުން އެބަ އާދޭ ޓްރާންސިޓް ޕަސެންޖަރުގެ އަތުގައި ހުންނަ މަސްތުވާތަކެތި ނޫނީ ރާއްޖެއަށް އަންނަ ބިދޭސީން ގެންނަ މަސްތުވާތަކެތި. އެމީހާއާ ދިވެއްސަކާ ގުޅުމެއް ނެތީވިއްޔާ އަޅުގަނޑުމެން އެމީހާ ރާއްޖެއަށް ގެނެސްގެން އެ މައްސަލަ ބަލައި ތަހުގީގުކުރުމުގެ މާބޮޑު މަސްލަހަތެއް ނެތް، އެއަށްވުރެ އެފައިސާ އެހެން ކަމަކަށް ބޭނުން ކުރުމުގެ ބޭނުން ތެރިކަން އެބައޮތް،" ކަމަށެވެ.

ޝަމީމު ވިދާޅުވީ، ރާއްޖޭގައި ހުރުމުގެ ހުއްދައަކީ ކޮންޓްރޯލާ ދެއްވާ ހުއްދައެއް ކަމަށާއި އެއީ މީހަކަށް ލިބޭ ހައްގެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ހުރުމަކީ ބިދޭސީންނަށް ލިބޭ ހައްގެއް ނޫން ކަމަށާއި އެ ހައްގަކީ ދިވެހިންނަށް އެކަނި ލިބޭ ހައްގެއް ކަމަށްވެސް ވިދާޅުވިއެވެ.

"ހަމަ އެގޮތަށް ރާއްޖޭން ބޭރު ގައުމެއްގައި ހުރުމަކީ ވެސް އެހެން ގައުމެއްގެ މީހަކަށް ލިބޭ ހައްގެއް ނޫން، އެގައުމެއްގެ އިމިގްރޭޝަން ކޮންޓްރޯލަރު ހުއްދަ ދޭ މީހަކަށް އެ ގައުމެއްގައި ހުރެވޭނީ، އެކަމާ ބެހޭގޮތުން ސުވާލެއްވެސް ނުކުރެވޭނެ، މިސާލަކަށް ރާއްޖޭގެ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވަކި ބިދޭސީއަކު ރާއްޖެއަށް އަރުވަން ބޭނުން ނުވަނީ ނުވަތަ އެމީހާ ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލް ކުރަނީ އެ ހިސާބުން އެމީހާގެ ހައްގެއް ނޫން ރާއްޖޭގައި ހުރުމަކީ"

ޝަމީމު ވިދާޅުވީ، ކުށްކުރާ ބިދޭސީންގެ މައްސަލައިގައި ވަކި ކަހަލަ ކުށްތަކެއްގައި ހިމެނޭ ބަޔަކު ނޫނީ ރާއްޖޭން ހަރަދު ކޮށްގެން ނިޒާމުގެ ތެރެއިން އެމީހާ ގެންގުޅުމަކީ ބޭނުންކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ނިޒާމުގެ ތެރެއިން އޭނާއަށް ހަރަދު ކޮށްގެން ގެންގުޅުމުގެ ބޭނުމެއް ނެތް. އަދަބު ދިނުމުގެ ބޭނުމަކީ ރިހެބިލިޓޭޓް ކުރުން އަދަބު ދިނުމުގެ ބޭނުމަކީ މުޖުތަމައު ސަލާމަތްކުރުން. އަދަބު ދިނުމުގެ ބޭނުމަކީ އެހެން މީހުންނަށްވެސް ކުށް ކުރީމަ އަދަބު ލިބޭކަން ދެއްކުން. މި ތިން ކަންތަކުގެ ތެރެއިން ދެކަންތައް ހާސިލެއްނުވޭ ބިދޭސީއަކު ޖަލުގައި ބަހައްޓައިގެން. އެހެންވީމަ އަދަބު ދިނުމުގެ މުޅި ފިލޯސަފީއަށް ބަލައިލާ އިރު ވެސް އެއީކީ މާ ހަމަޖެހޭ ކަމަކަށް ބައެއް ފަހަރުނުވޭ. އެހެން ނޫން މިސާލަކަށް ދިވެއްސަކު މެރީ، މިސާލަކަށް ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް އަނިޔާކުރީ ނުވަތަ ވަރަށް ބޮޑެތި ގެއްލުން ދިނީ އެހެންވެއްޖެއްޔާ އޭނައަށް އަދަބުދީ، އެ އަދަބު ތަންފީޒު ކުރުމަކީ އަޅުގަނޑުމެންގެ މަސްލަހަތު އޮތް ކަމެއް"

އޭގެ ބަދަލުގައި ދިވެއްސަކަށް ހަރަދުކޮށް އިސްލާހުކޮށްގެން އަނބުރާ މުޖުތަމައަށް ނެރުން މާ މުހިއްމު ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

"އެއަށްވުރެން މާ ބޮޑަށް ބޭނުން ދިވެއްސަކަށް އެ ހަރަދު ކުރަން، ދިވެއްސަކު އެކަމުން ރަނގަޅުވޭތޯ ބަލަން، އެހެންވީމަ ފައިސާ ހަރަދު ކުރާނީ ބިދޭސީއަކު ބަހައްޓައިގެން ރިހެބިލިޓޭޓު ކުރާނީތޯ ނޫނީ އޭނަ ފޮނުވާލައިފަ އަޅުގަނޑުމެންގެ ދިވެއްސަކަށް އެ ފައިސާ ބޭނުން ކުރާނީތޯ، މިއީ އަޅުގަނޑޫމެން ނިންމަންޖެހޭ ކަމަކީ، އެގޮތަށް ބަލާއިރު ކުށް ކުރާ ބިދޭސީން ރާއްޖޭގައި ގެން ގުޅުމުގެ ހާއްސަ މަސްލަހަތެއް އަޅުގަނޑުމެންގެ ނެތް. އެހެން ނޫން ދިވެއްސަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ނެޓްވޯކެއް ހަދައިގެން އުޅެންޏާ އެކަން އަޅުގަނޑުމެން ބަލާނަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނަން،" ޝަމީމް ވިދާޅުވިއެވެ.