ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާތީ، އެ ދާއިރާ މެންބަރަކު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ކެންސަރު ބަލީގައިި މިދިޔަ ބުރާސްފަތި ދުވަހު އަވަހަރާވުމާ ގުޅިގެންނެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ، ގުރައިދޫ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ. ކުރިމަތިލާން ދޭނީ ދެ ހަފުތާގެ މުއްދަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ހަބީބު އިތުރަށް ވިދާޅުވީ، ވ. ރަކީދޫ ކައުންސިލްގެ ހުސްވެފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި އެ އަތޮޅު ތިނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަންވެސް އަންނަ މަހުގެ 15 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.