މާރާމާރީ ހިންގަން ބޭނުންކުރާ ހަތިޔާރާއެކު ހައްޔަރުކުރި އަށް މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
މިމަހުގެ ދިހަ ވަނަ ދުވަހު ހައްޔަރުކުރީ، 19 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ ތިން މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ.
އެ މީހުން ހައްޔަރުކުރީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި، ހިންގަން އުޅުމާއި ރޭވުމާއި ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބެހެއްޓުމުގެ ތުހުމަތުގައެވެ.
އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ. އެ މުއްދަތު އިއްޔެއަށް ހަމަވާތީ ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ކޯޓުން ވަނީ އެ މީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް އިތުރު ހެކި ހުށަހަޅާފައި ނެތް ކަމަށް ބުނެ، ދޫކޮށްލައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންނާ ދެކޮޅަށް ހަމައެކަނި ހުށަހަޅާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓުތަކެކެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ، އެ މީހުން ތިބި އެޕާޓްމަންޓުގެ ތެރެއިން ކަތިވަޅިއާއި ވަޅި ފެނިފައި ވިޔަސް، އެފަދަ ތަކެތި ފެނުމަކީ އިތުރު ހެއްކަކާ ނުލައި، މާރާމާރީ ހިންގަން ގެންގުޅޭ ތަކެތި ކަމަށް ނުބެލެވޭނެ ކަމަށާއި އަނިޔާ ލިބިފައިވާ މީހެއްގެ ފޮޓޯތައް ފުލުހުން ހުށަހެޅިޔަސް، އަނިޔާ ދިނުމުގައި އެ މީހުން ބައިވެރިވެފައިވާ ކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް ހުށަހާފައި ނުވާ ކަމަށެވެ.
މި ފަހަކަށް އައިސް މާލޭގައި ވަނީ މާރާމާރީތައް ހިންގުން އާއްމުވެފައެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި މި ފަހުން މާލޭގައި ހިންގި ސިލްސިލާ މާރާމާރީތަކާއި މުދަލަށް ގެއްލުންދިނުމުގެ ކަންކަން ގުޅިފައިވަނީ ހަތަރު ގޭންގަކާއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލީވެސް އެތަނުން ގޭންގަކަށް ނިސްބަތްވާ ބައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު