މިހާރު ކުރިއަށްދާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކޮންގްރެސްގައި ވޯޓު ލުމަކާ ނުލައި އެ ޕާޓީގެ ހަތަރު މަގާމަކަށް އޮޓަމެޓިކުން މެންބަރުން އިންތިހާބުވެއްޖެއެވެ.

ޖޭޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން، ކުރިމަތިލާން ހުޅުވާލާ އިންތިހާބީ މަގާމުތަކަށް، ވާދަކުރާނެ ބޭފުޅަކު ނެތި، އެންމެ ބޭފުޅަކު ކުރިމަތިލައިފިނަމަ އެ ބޭފުޅަކު އެ މަގާމަކަށް އިންތިހާބުވާނެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ޖޭޕީގެ ކޮންގްރެސްގައި ވޯޓު ލުމަކާ ނުލައި އިންތިހާބުވި ބޭފުޅުންގެ ނަންތައް އިއުލާންކޮށްދެއްވީ އިންތިހާބީ ކޮމިޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ.

އެގޮތުން ވޯޓު ލުމަކާ ނުލައި އިންތިހާބުވި ބޭފުޅުންނަކީ ޕާޓީގެ ލީޑަރުގެ މަގާމަށް ގާސިމް އިބްރާހީމް، ޒުވާނުންގެ ލީގުގެ ރައީސްގެ މަގާމަށް އަބްދުﷲ ޔާމީން، ޒުވާނުންގެ ލީގުގެ ނައިބު ރައީސްކަމުގެ މަގާމަށް ޝުއައިބު ޝިފާޒް ޝަރީފް އަދި އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަހުމަދެވެ.

މި މަގާމުތަކުގެ އިތުރުން ދެން ހުރި މަގާމުތަކަށް ވޯޓު ނެގުން މިހާރު ކުރިއަށް އެބަދެއެވެ.