ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން ކުޅުނު ދެވަނަ މެޗުގައި ސިންގަޕޫރު އަތުން ސީދާ ތިން ސެޓުން މިއަދު ބަލިވެއްޖެއެވެ.

ސިންގަޕޫރު ކައިރިން ސީދާ ތިން ސެޓުން ބަލިވުމާއެކު ރާއްޖެއަށް ދެން ސީދާ ފައިނަލްގެ ޖާގައެއް ނުލިބޭނެއެވެ. ރާއްޖެއަށް ފައިނަލަށް ދެވެން އޮންނާނީ ލީގު ބުރަށްފަހު އެއްވަނަ އާއި ދެވަނަ ޓީމުން ކުޅޭ ޕްލޭ އޮފް މެޗުންނެވެ. ސީދާ ފައިނަލަށް ދާ ޓީމު އެނގޭނީ މާދަމާ މެލޭޝިއާ އާއި ސިންގަޕޫރު ވާދަކުރާ މެޗުންނެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިއަދު ކުޅުނު މެޗުގައި ރާއްޖެ އަތުން ސެޓުތައް ގެއްލުނީ 26-28، 21-25 އަދި 14-25 އިންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ދިވެހި ޓީމުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ރަނގަޅު ފެށުމަކުން ފަށައި، ލީޑެއްގައި ކުޅެމުން ގޮސްފައިވާ އިރު، ފަހު ފަސް ޕޮއިންޓާ ހަމައަށް ދިޔައިރުވެސް ރާއްޖެއިން ދިޔައީ ސެޓު ގެންދަން ފުރުސަތު ފަހި ކުރަމުންނެވެ. 20-20 ގައި ސެޓު އެއްވަރުވި އިރު، ހަމަހަމަކޮށް ގޮސް 23-23 އިން ސެޓު އެއްވަރުވިއެވެ.

ސެޓު ނިންމާލަން ރާއްޖެއަށް ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސް، ސެޓު 26-26 ގައިވެސް އެއްވަރުވި އިރު، ސެޓު ނިންމާނުލެވި ރާއްޖެއަށް ސެޓު ގެއްލުނީއެވެ.

ދެވަނަ ސެޓުވެސް ރަނގަޅަށް ފެށީ ރާއްޖެ އިންނެވެ. ހައްވާ ރާޝިދާ (ހައްވަ) އާއި ޖޫޒާން ޒަރީރުގެ ރަނގަޅު ކުޅުމާއެކު ރާއްޖެއިން ލީޑުގައި ކުޅެމުން ގޮސް، ސެޓުގެ މެދުތެރެއިން ސިންގަޕޫރުން ފަހަތުން އަރައި ލީޑު ނެގިއެވެ. އެ ލީޑާއެކު ސިންގަޕޫރުން ކުޅުން ރަނގަޅުކޮށް، ފަސް ޕޮއިންޓްގެ ލީޑެއްގައިވެސް ކުޅެފައިވެއެވެ.

ސެޓުގެ ފަހުކޮޅުގައި ސިންގަޕޫރުން ކުޅުން ބޮޑުތަނުން ރަނގަޅު ކުރީ ޓައިމް އައުޓަކަށްފަހުއެވެ. ސެޓުގެ ފަހު ކޮޅުގައި ރާއްޖޭގެ ކުޅުން ދަށްވެ، ސިންގަޕޫރުން ވަނީ 21-25 އިން ސެޓު ގެންގޮސްފައެވެ.

ތިންވަނަ ސެޓު ފަށައިގެން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ސެޓުގެ މެދެއްހާ ހިސާބުން ސިންގަޕޫރުން ބޮޑު ލީޑެއް ނެގިއެވެ. އެ ލީޑު ދަމަހައްޓައި ސެޓު ގެންދިޔައީ 14-25 އިންނެވެ. ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.