ރާއްޖޭގައި މިއަދު ފެށި ފޯ ނޭޝަންސް ކަޕް ވޮލީ މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ ކައިރިން ބަލިވެއްޖެއެވެ.

ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ރާއްޖެ ބަލިވީ ތިން ސެޓު އެއް ސެޓުގެ ނަތީޖާއަކުންނެވެ. ފޯ ނޭޝަންސް ކަޕްގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު މެލޭޝިއާ އަތުން މިއަދު ހަވީރު ބަލިވީ ޓައި ބްރޭކް ސެޓަށް ގޮސް، ތިން ސެޓު ދެ ސެޓުންނެވެ.

މިރޭގެ މެޗުގެ ފުރަތަމަ ދެސެޓު މެލޭޝިއާއިން ގެންދިޔައީ 25-20، 25-20 އިންނެވެ. އޭގެ ފަހުން ތިންވަނަ ސެޓު ރާއްޖެއިން 20-25 އިން ގެންދިޔަ ނަމަވެސް، މެލޭޝިއާއިން ވަނީ ހަތަރު ވަނަ ސެޓު 25-18 އިން ގެންގޮސްފައެވެ.

ދާދި ހަމަހަމަކޮށް ފުރަތަމަ ސެޓުގެ ޕޮއިންޓްތައް ދިޔަ ނަމަވެސް، ސެޓުގެ މެދެއްހާ ހިސާބުން މެލޭޝިއާއިން ލީޑު ނެގިއެވެ. ރާއްޖެ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓޭ) އާއި ހަސަން ނިލާމް (ޕާޓޭ)ގެ އެޓޭކްތައް ފެނުނު ނަމަވެސް މެލޭޝިއާ ރަނގަޅަށް ޑިފެންސްކޮށް، ފަސް ޕޮއިންޓްގެ ފަރަގެއްގައި ސެޓު ގެންދިޔައެވެ.

ދެވަނަ ސެޓުވެސް ފަށައިގެން ދިޔައީ ހަމަހަމަ ކޮށެވެ. ހުޒަންޓޭގެ ހަމަލާތަކާއެކު ރާއްޖެއިން ސްކޯލައިން ދަމަހައްޓަމުން ގޮސް، ސެޓުގެ މެދާހަމައިން ދިމާވީ ރިސީވްގެ މައްސަލަތަކެކެވެ. ރިސީވް ކުރުމުގައި ގިނަ ގޯސްތަކެއް ހެދި، ރާއްޖެ އަތުން ލީޑު ގެއްލިގެން ގޮސްފައިވާ އިރު، މެލޭޝިއާއިން ވަނީ ސެޓު ނިމެންދެން ލީޑު ދަމަހައްޓައިފައެވެ.

ރާއްޖޭގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ، ޓައިމް އައުޓެއް ނަގައި ޓީމު ހަމައަކަށް އަޅުވަން ކުރި މަސައްކަތްވެސް ފެނުނީ އެންމެ ކާމިޔާބުކޮށެއް ނޫނެވެ. ދެވަނަ ސެޓުވެސް 25-20 އިން ގެންގޮސް މެލޭޝިއާ އިން އިތުބާރު ބޮޑުކުރިއެވެ.

ތަޖުރިބާކާރު ކޯޗު ވެލޯސޯ އިރުޝާދުގެ ދަށުން ރާއްޖެއިން ކުޅުނު ފުރަތަމަ ރަސްމީ މެޗަކަށް މިރޭގެ މެޗުވެފައިވާ އިރު، ތިންވަނަ ސެޓުގައި ޓީމުން ރަނގަޅު ގިނަ ކަންތައްތަކެއް ފެނުނެވެ. ސެޓުގެ ކުރީކޮޅުގައި ރާއްޖޭން ބޮޑު ލީޑެއް ނެގި އިރު، އަށް ޕޮއިންޓްގެ ލީޑެއްގައި އޮއްވައި އަނެއްކާވެސް މެލޭޝިއާ އެއްވަރު ކުރިއެވެ. އެހާ ބޮޑު ސްކޯއެއްގައި އޮއްވައި މެލޭޝިއާއިން އެއްވަރު ކުރި ނަމަވެސް ރާއްޖެއިން ވަނީ ކުޅުން ދަމަހައްޓައި، ސެޓު ގެންގޮސްފައެވެ. ސެޓުގައި ހުސައިން ރައްޒާނާއި ޕާޓޭގެ ރަނގަޅު ޝޮޓްތަކެއް ފެނުނެވެ.

ހަތަރު ވަނަ ސެޓުގެވެސް ކުރީކޮޅު ހަމަހަމަކޮށް ދިޔަ ނަމަވެސް، ފަހުކޮޅަށް ގޮސް މެލޭޝިއާއިން ބޮޑު ލީޑެއް ނެގިއެވެ. އެ ލީޑާ ރާއްޖެއަށް އަރާ ހަމަ ނުކުރެވިގެން އުޅެނިކޮށް، މެލޭޝިއާއިން 25-18 އިން ސެޓު ގެންގޮސް މެޗުން މޮޅުވިއެވެ.

މުބާރާތުގައި މާދަމާ މެންދުރު 2:30 ގައި ކުޅޭނީ ފިރިހެން ޑިވިޝަނުގައި މެލޭޝިއާ އާއި އަފްގާނިސްތާނު ވާދަކުރާ މެޗެވެ. ރާއްޖޭގެ އަންހެން ވޮލީ ޓީމު ސިންގަޕޫރާ ދެކޮޅަށް މާދަމާ ހަވީރު 4:30 ގައި ކުޅޭއިރު، ރާއްޖޭގެ ފިރިހެން ޓީމުން ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.