Close
ވޮލީ ބޯލް

ފޯ ނޭޝަންސް ކަޕް: ސިންގަޕޫރު ބަލިކޮށް، ފުރަތަމަ މޮޅު އަފްގާނިސްތާނަށް

ރާއްޖޭގައި މިއަދު މެންދުރުފަހު ފެށި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި ސިންގަޕޫރު ބަލިކޮށް، އަފްގާނިސްތާނުން ފެށުން ރަނގަޅު ކޮށްފިއެވެ.

މިއަދު އެކުވެނީ އިންޑޯ ކޯޓުގައި ކުޅުނު މެޗު އަފްގާނިސްތާނުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ސެޓު ސިންގަޕޫރުން 25-22 އިން ގެންދިޔަ ނަމަވެސް، ފަހަތުން އަރައި އަފްގާނިސްތާނުން ވަނީ އަނެއް ތިން ސެޓި ގެންގޮސްފައެވެ. އަފްގާނުސްތާނުން ސެޓުތައް ގެންދިޔައީ 25-23، 25-23 އަދި 25-23 އިންނެވެ.

މެޗު އަފްގާނިސްތާނުން ރަނގަޅަށް ފަށައި ލީޑުގައި ކުޅެމުން ދަނިކޮށް، ސިންގަޕޫރުން މެޗަށް ވަދެ، ފަހަތުން އަރައި ލީޑު ނެގިއެވެ. ފުރަތަމަ ކޮޅުގައި އަފްގާނުން ފަސް ޕޮއިންޓްގެ ލީޑެއްގައި ކުޅެމުން ދިޔަ ނަމަވެސް ފަހަތުން އަރައި، ސިންގަޕޫރުން ނަތީޖާ އެއްވަރުކޮށް، 10 ޕޮއިންޓަށްފަހު ސެޓުގެ ފަހުކޮޅަށް ދިޔައީ ހަމަހަމަ ކޮށެވެ. އެއްވަރު އެއްވަރުކޮށް ގޮސް، ސިންގަޕޫރުން ވަނީ ފަހު ފަސްވަރަކަށް ޕޮއިންޓްގައި ތަފާތު ދައްކައިފައެވެ.

ދެވަނަ ސެޓު ފަށައިގެން ހަމަހަމަކޮށް ގޮސް، މެދުތެރެއިން ސިންގަޕޫރުން ލީޑެއް ނަގައި ސެޓު ގެއްދިޔުމާ ގާތަށް ޖެހިލިއެވެ. އެހެން ނަމަވެސް، އެ ނަތީޖާ އަނބުރާލަން އަފްގާނިސްތާނަށް ލިބުނު ހިތްވަރަކީ ރަނގަޅު ވަގުތުގައި ޓައިމްއައުޓެއް ނެގުމެވެ. ޓައުމްއައުޓަކަށް ފަހު ފުލުފުލުގައި މުހިއްމު ޕޮއިންޓްތަކެއް ހޯދައި އަފްގާނިސްތާނުން ސެޓު ގެންދިޔައެވެ.

މެޗުގެ ތިންވަނަ ސެޓު އަފްގާނިސްތާނުން ގެންދިޔައީ ތަފާތު މޮޅު ކުޅުމަކާ އެކުގައެވެ. ބޮޑު ލީޑެއްގައި ސެޓުގެ މެދުތެރެއިން އަފްގާނިސްތާނު ކުޅެމުން ދިޔަ އިރު، 18-11 އިންވެސް އެޓީމު ލީޑު ކޮށްފައިވެއެވެ. އެ ފޯމުގައި އަފްގާނިސްތާނުން ތިން ވަނަ ސެޓުވެސް ގެންގޮސް، ހަތަރު ސެޓު ގެންދިޔައީ ބުރަ މަސައްކަތް ކޮށްގެންނެވެ.

ހަތަރުވަނަ ސެޓުގައި ހަމަހަމަކޮށް ދިޔަ އިރު، އަފްގާނިސްތާނުން ފަހު ހަތަރު ވަރަކަށް ޕޮއިންޓްގައި ތަފާތު ދައްކައި މެޗު ޔަގީން ކުރިއެވެ.

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަންގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަ ކުރާނީ ސިންގަޕޫރު އަދި އަފްގާނިސްތާނެވެ. އަންހެން ޑިވިޝަންގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ސިންގަޕޫރު ވާދަކުރާ އިރު، އަންހެން ޓީމު ކުޅޭ މެޗު މިހާރު ދަނީ ކުރިއަށެވެ.

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަން ރޭވިފައި އޮތީ ހަތަރު ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، ދެ ސެމީ ކުޅުމަށްފަހު ފައިނަލް މެޗު ކުޅޭ ގޮތަށެވެ. ރާއްޖޭ ފިރިހެން ވޮލީ ޓީމުން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ މެލޭޝިއާއާ ދެކޮޅަށެވެ.