އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމާ ގުޅޭ ގަރާރެއް މާދަމާ ފަށާ އެ ޕާޓީގެ ގައުމީ ޖަލްސާގައި އެޖެންޑާކޮށްފިއެވެ.

ޖޭޕީން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދި، ރައީސް ސޯލިހުގެ ފަރާތްޕުޅުން ފޮނުއްވާފައިވާ ސިޓީފުޅާ ގުޅޭ ގޮތުން އެއްވެސް ކަމެއް ނިންމުމަށް އެޖެންޑާ ކޮށްފައިނުވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އުންމީދު ކުރާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ގައުމީ މަޖިލީހުގައި ގަރާރެއް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގަރާރެއްގެ ގޮތުގައި ތިނަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ހުށަހަޅުއްވާފައިވާ ގަރާރެއް އަޅުގަނޑުމެން އެޖެންޑާ ކޮށްފިން. އޭގައި މިވަނީ ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި އަދި އެ ނޫނިއްޔާ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުން،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، އެ ގަރާރު އެޖެންޑާ ކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހުގެ ވަގުތަކަށް ކަމަށާއި އެ ގަރާރަށް ބަހުސް ކުރެވިގެންދާނެ ކަމަށެވެ. އަދި ގަރާރުގެ ވަގުތު ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނަވާނީ ގާސިމް އިބްރާހިމް ކަމަށް ވިދާޅުވިއެވެ.

އިލްހާމް އިތުރަށް ވިދާޅުވީ، ޖޭޕީއަކީ ރިޔާސީ އިންތިހާބުތަކުގައި މީގެ ކުރިންވެސް ލީޑުކުރި ޕާޓީއެއް ކަމަށާއި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ގޮތެއް ނިންމާނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބާ މެދު އަދި ގޮތެއް ނުނިންމައެވެ. އިންތިހާބާ ގުޅޭ ޖޭޕީގެ ބޮޑު ނިންމުން ނިންމާނީ، މާދަމާ ފަށާ އެ ޕާޓީގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރާ ކައުންސިލުންނެވެ.