ހުޅުމާލެ ފޭސް 2ގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އެޕާޓްމަންޓް ޔުނިޓުތަކުގެ ތެރެއިން ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކުރާ ޔުނިޓުތައް ހޯދައި ފިޔަވަޅު އަޅަން ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓްތަކަކީ ބޮޑު އަބާދީއެއް ދިރިއުޅެމުން އަންނަ ސަރަހައްދެއް ކަމަށްވާތީ އެ ފުލެޓްތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަމަށާއި ފަސޭހައަށް ގިނަ އުސޫލުތަކަކާއި ގަވައިދުތަކެއް އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ފިނިޝިންގެ މަސައްކަތްތައް ކުރުމުގައި އުސޫލުތަކެއް ކަނޑައަޅައި، އިމާރާތުގެ ސްޓަރަކްޗާއަށް ގެއްލުން ވާ ފަދަ ޓޫލްތައް ނުވަތަ އެކަހަލަ މަސައްކަތް ކުރުން މަނާ ކުރެވިފައިވާއިރު، އިމާރާތް ބޭނުން ކުރުމުގައިވެސް އެހެން މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް އިމާރާތް ބޭނުން ކުރުމަށް އުސޫލުތަކެއް ހެދިފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ، އުސޫލުތަކެއް ހެދިފައިވީ ނަމަވެސް އެކި ފަހަރު މަތިން ހިންގާފައިވާ އިންސްޕެކްޝަންތަކުގައި އުސޫލުތަކާއި ގަވައިދުތަކާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަވަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް އެޕާޓްމަންޓްތަކުގައި ވަޑާން މަސައްކަތް ކުރުމާއި އެކި ވިޔަފާރިތަކަށް ޔުނިޓްތަކުގެ ބޭނުންކުރުމާއި ގިނަ އަދަދެއްގެ ކުނި އެޕާޓްމަންޓުގެ ބޭރުގައި ބެހެއްޓުން އަދި ބެލްކަނިން ބޭރަށް ވާގޮތަށް ސްޓްރަކްޗާއަށް ބަދަލު ގެނެސް ގަސް މުށި ފަދަ ތަކެތި ބެހެއްޓުން ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނީ، މިގޮތަށް ފާހަގަކުރެވިފައިވާ އެޕާޓްމަންޓް ޔުނިޓްތައް ޖޫރިމަނާކޮށް، ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އަދި މިހާރުވެސް އެކަމަށް ހާއްސަ އިންސްޕެކްޝަނެއް ހިޔާ ފުލެޓްތަކުގައި ކުރިއަށް ގެންދިއުމަށް ނިންމައި، އެ އިންސްޕެކްޝަނުން ފާހަގަވާ ކަންކަމަށް ބަލާ އެކަށީގެންވާ ފިޔަވަޅުތައް ގަވައިދާއި އުސޫލުތަކުގެ ތެރެއިން އަޅަމުން ގެންދާނެ ކަމަށް ބުންޏެވެ.