ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންގެންދަވަނިކޮށް ރޭގެ ވަގުތެއްގައި އަވަހާރާވި ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރާއްޖެ ބަދަލުކުރުމުގެ ހިއްސާދާރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޒާ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ތިން ދައުރެއްގައި ކުރެއްވި ބޭފުޅެއް ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ ހަޔާތުގެ ނުހަނު ބޮޑު ބައިވެރިއެއް" ނަޝީދު ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ރިޒާ ކެންސަރަށް ފަރުވާ ހޯއްދަވަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އޭނާ މެލޭޝިއާއަށް ވަޑައިގެންނެވީ މީގެ ދެ މަސް ކުރިންނެވެ.
ރިޒާއަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެކެވެ. އޭނާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައެވެ.
މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން ރިޒާ މަސައްކަތް ކުރައްވާފައިވަނީ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. ރިޒާ ވަނީ ޕީޕީއެމްގެ ފަރާތުން ކޯޓުތަކުގައި ވަރަށް ގިނަ ފަހަރު ވަކާލާތު ކުރައްވައިފައެވެ.
އޭގެ އިތުރުން ރިޒާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު ޖޭއެސްސީގެ މެންބަރުކަމުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ ވަކިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު