އިނގިރޭސި އެންމެ ވަރުގަދަ އެއް ކްލަބު، ޗެލްސީގެ ކޯޗުކަމުގައި ހުރި ގްރަހަމް ޕޮޓާއަށް ހާލަތު ބަދަލުކުރެވޭނެ ކަމުގެ އިތުބާރު ބޯޑަށް އެބައޮތް ކަމަށް ނޫސްތަކުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ނޫސް ޓެލެގްރާފުން ބުނެފައިވަނީ ޕޮޓާގެ ނަތީޖާތައް ދަށްކޮށް ދާ ނަމަވެސް، ބޯޑުން އޭނާ ފޮނުވާލަން ނުވިސްނާ ކަމަށެވެ. ހާއްސަކޮށް މި ސީޒަނުގެ ތެރެއިން ޕޮޓާ ފޮނުވާލަން ޗެލްސީގެ ވެރިޔާ ޓޮޑް ބޯލީއާއި ޓެކްނިކަލް ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ބެހެދާދު އެގްބާލީ ނުނިންމާނެ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޗެލްސީން އެންމެފަހުން ކުޅުނު 13 މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. މިދިޔަ ޖެނުއަރީ މަހުގެ ޓްރާންސްފާ ސީޒަނުގައި އެކަނިވެސް ކުޅުންތެރިން ގެންނަން ޗެލްސީން 320 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާ އިރު، އެ ކްލަބަށް ކުޅުންތެރިން ގެނެސްފައިވަނީ ދިގު މުއްދަތުގެ ޕްލޭނެއް އޮވެގެން ކަމަށް ޕޮޓާވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ނަތީޖާވެސް ނެރެން ޖެހޭ ކަމަށް ޕޮޓާ ފާހަގަކުރިއެވެ.
ޗެލްސީގެ އާ ވެރިން ހަވާލުވެ، ކްލަބުން ނުކުތް ފުރަތަމަ ފުލް ސީޒަނަކަށް ވާނީ މި ހިނގާ ސީޒަނަށެވެ. މިދިޔަ އަހަރުގެ ތެރެއިން ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ އަސަރުކޮށް، ޗެލްސީގެ ވެރިއެއްގެ ގޮތުގައި އޭރު ހުރި ރޯމަން އަބްރަމޮވިޗް އެ ކްލަބު ވިއްކާލީ މަޖުބޫރު ވެގެންނެވެ. އަބްރަމޮވިޗް ފާހަގަކުރެވިފައި އޮތީ ނަތީޖާ ނުނެރޭ ކޯޗުން އަވަސް އަވަހަށް ކްލަބުން ވަކިކުރާ ވެރިއެއްގެ ގޮތުގައެވެ.
ޓެލެގްރާފުން ބުނީ އަބްރަމޮވިޗްގެ ވިސްނުމުގައި ކޯޗުން ބަދަލުކުރަން މިހާރު ޗެލްސީގައި އޮތް ބޯޑުން ނުވިސްނާ ކަމަށާއި، ޕޮޓާއަށް ގޮތެއް ނިންމަން ބޯޑުން ބޭނުންވަނީ އަންނަ ސީޒަންވެސް އެއްކޮށް ދިނުމަށް ފަހުގައި ކަމަށެވެ. އެއީ ޕޮޓާ ޗެލްސީއާ ހަވާލުވީ ސީޒަން ފެށިފަހުން ކަމަށްވުމުންނެވެ.
އޭގެ އިތުރުން ޗެލްސީއަށް މި ސީޒަނުގައި ދިމާވި އަނިޔާގެ ގިނަ މައްސަލަތަކަކީ ޕޮޓާއަށް ނަތީޖާ ނެރެން އުނދަގޫވި ސަބަބެއް ކަމަށްވެސް ޗެލްސީ ބޯޑުން ގަބޫލުކުރާ ކަމަށް ނޫސްތަކުން ބުނެފައިވެއެވެ.
ޗެލްސީން މި ސީޒަން ފެށީ އޭގެ ކުރިން 2021 ވަނަ އަހަރު އެ ކްލަބާއެކު ޗެމްޕިއަންސް ލީގު އުފުލާލި ކޯޗު، ތޯމަސް ޓުޗެލްއާއެކުގައެވެ. ސީޒަންގެ ފެށުން ގޯސްވުމުން ޗެލްސީގެ އާ ބޯޑުން ޓުޗެލް ވަކިކުރީ މާ ގިނަ ވަގުތެއް ނުދީއެވެ.
ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ނުވަ މެޗުންނެވެ. ޗެލްސީ މިވަގުތު އޮތީ ލީގުގެ ދިހަ ވަނައިގައެވެ.