Close
ޚަބަރު

އަދާލަތުން ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ނިންމައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފިއެވެ.

އަދާލަތު ޕާޓީން ދެންމެ ނެރުނު ގަރާރުގައި ބުނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސޯލިހަށް ތާއީދުކުރެއްވުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނާއި އެޕާޓީއާ ދެމެދު އެއްބަސްވެވުނު ކަންކަމާ މެދު މަޝްވަރާ ކުރުމަށް މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ވޭތުވެ ދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީއަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މިވަގުތު އޮތް ގޮތަށް ކައުންސިލް ބައްދަލުވުމުގައި ރިއާޔަތް ކޮށްފައިވާ ކަމަށްވެސް އަދާލަތުން ބުންޏެވެ.

އެކަންކަމަށް ރިއާޔަތް ކުރުމަށްފަހު އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އެ ޕާޓީއަށް މަސައްކަތްކުރެވެން އޮތީވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

"އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވަމެވެ،" ގަރާރުގައިވެއެވެ.

އެގޮތަށް ނިންމާފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 42 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާ އެކުއެވެ

އަދާލަތުން މި ނިންމުން ނިންމާފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެދިވަޑައިގެން އަދާލަތު ޕާޓީ ހިމެނޭހެން މިހާރު ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށްވާ ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އަށް ރައީސް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށެވެ.

އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން ފާހަގަވެފައިވަނީ ސޯޝަލް މީޑިއާ އަދި އެ ނޫންވެސް ޕޯޑިއަމްތަކުގައި މި ސަރުކާރާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.