Close
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ޗައިނީސް ސުޕަ ލީގާއި ސާބިއާ ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ މިހައިލޮވިޗް މާޒިޔާއަށް

ސާބިއާގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ އިތުރުން ޗައިނީސް ސުޕަ ލީގުގައި ކުޅެފައިވާ ސާބިއާގެ ފޯވާޑް، ސްޓެފަން މިހައިލޮވިޗް، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ފޯވަޑް ކްލަބާ ގުޅުނުކަން މިއަދު އެ ކްލަބުން ވަނީ އިއުލާންކޮށްފައެވެ. އާ ސީޒަނަށް ތައްޔާރުވަމުން އަންނަ މާޒިޔާއިން މިހާރުވެސް ތަމްރީނުތައް ކުރަމުން އަންނަ އިރު، ޓީމު އިތުރު ތަމްރީނުތަކަށް ސައުދީ އަރަބިއާއަށް ވަރަށް އަވަހަށް ފުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިއަދު މާޒިޔާއަށް ސޮއިކުރި މިހައިލޮވިޗް ޔޫތު ކެރިއަރު ފެށީ ސާބިއާގެ ގަދަބާރު ރެޑްސްޓާ ބަލްގްރޭޑަށެވެ. އެ ކްލަބާއެކު ޒުވާން އުމުރުގައި ސީނިއާ ޓީމުންވެސް ފުރުސަތު ހޯދައި، 2012-2014 އަށް މިހައިލޮވިޗް ހޭދަކުރީ އެ ކްލަބުގައެވެ.

ފޯވާޑް ލައިންގެ އެކި މަގާމަށް ކުޅެވޭ މިހައިލޮވިޗް، ސާބިއާގެ ގިނަ ކްލަބުތަކަކަށް ކުޅުނު އިރު، އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ކްލަބުތައް ގިނައެވެ. އޭގެ ތެރޭގައި ބަރޯކް ކާކަކާއި ރާޑް އަދި ރަޑްނީޗީ ނީޝް ހިމެނެއެވެ. އޭގެ ފަހުން މިހައިލޮވިޗް ކުޅުނީ ޗައިނީސް ސުޕަ ލީގުވެ. މިދިޔަ ދެ ސީޒަނުގައި މިހައިލޮވިޗް ހޭދަކުރީ ޗައިނާގެ ގުއިންޒޯ ހެންގްފޭންގް އަށެވެ.

ފުޓްބޯޅައިގެ ސްޓެޓިސްޓިކްސް ބަލަހައްޓާ ޓްރާންސްފާ މާކެޓުގައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު، ސީނިއާ ކެރިއަރުގައި މިހައިލޮވިޗް ވަނީ ޖުމުލަ ނުވަ ކްލަބަށް 194 މެޗުން 41 ގޯލު ޖަހައިފައެވެ.

މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް ފުރިހަމައަށް ތައްޔާރުވަމުންދާ އިރު، އަންނަ ސީޒަނުގައި އެ ކްލަބަށް އިރުޝާދު ދޭނީ ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވެވެ. އެ ކްލަބަށް މިހާތަނަށް ގެންދިޔަ ބިދޭސީ ކުޅުންތެރިންނަށް ބަލާ އިރު، ކުރިން ރާއްޖޭގެ ކްލަބުތަކަށް ކުޅުނު ހަލީލް ޖަމާލް ހިމެނެއެވެ.

މާޒިޔާއިން ސީޒަނަށް ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އާކޮށްފައިވާ އިރު، އަލަށްވެސް ވަރުގަދަ ދިވެހި ކުޅުންތެރިންތަކެއް ޓީމަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި ކުރިން އީގަލްސްއިން ފެނުނު ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަހުމަދު ނޫމާން (ހެލްމެޓް)ގެ އިތުރުން ވެލެންސިއާއަށް ކުޅުނު އަލީ ފާސިރު (ސެންޓޭ)، ގައުމީ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް އަދި ކްލަބު ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް ގާސިމް (ޗޯޓު) ފާހަގަވެއެވެ.