އެކި މައްސަލަތަކަށް ބޭނުންވާ އިިލެކްޓްރޯނިކު ހެކި ހޯދުމަށް، ހަފުތާއަކު ހަތް ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު މަސައްކަތްކުރާ ނެޓްވޯކެއް ގާއިމް ކުރަން، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަން ގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.

މި ބިލުގައި ވަނީ، ކޮމްޕިއުޓާ ސިސްޓަމް ނުވަތަ ކޮމްޕިއުޓާ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ އެނޫންވެސް ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހުގީގުތަކާއި ޝަރީއަތްތަކަށް، ނުވަތަ އެފަދަ ކުއްތަކާ ބެހޭ ތަހުގީގުތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ދުވަހެއްގެ 24 ގަޑިއިރު އަދި ކޮންމެ ހަފުތާއެއްގެ ހަތް ދުވަހު މުއާމަލާތް ކުރެވޭނެ ފަރާތެއް ގާއިމް ކޮށްފައި ހުންނަންވާނެ ކަމަށެވެ.

މި ނެޓްވޯކު ގާއިމް ކުރާނީ ދިވެހި ފުލުހުންގެ ހިދުމަތުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެ ނެޓްވޯކުން ބޭރުގެ އެކި ފަރާތްތަކާ މުއާމަލާތް ކޮށްގެން އިލެކްޓްރޯނިކު ހޯދުމުގެ ކަންތައްތައްވެސް މި ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ބިލުގައި ވަނީ، "ކޮމްޕިއުޓާ ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭ ފަދަ އެނޫންވެސް ކުށަކާ ގުޅިގެން ރާއްޖޭގައި ހިންގާ ޖިނާއީ ޝަރީއަތްތަކުގެ ބޭނުމަށް ނުވަތަ އެފަދަ ކުށްތަކާ ގުޅޭ ތަހުގީގުގެ ބޭނުމަށް، ބޭރު ގައުމަކާއެކު ނުވަތަ ބޭރުގެ އެޖެންސީއަކާއެކު ނުވަތަ 24/7 ނެޓްވާކް އަކާއެކު ނުވަތަ ބައިނަލް އަގުވާމީ އެޖެންސީއަކާ އެކު ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް މަސައްކަތް ކުރެވިދާނެ،" ކަމަށެވެ.

އެގޮތުން ބޭރު ގައުމެއްގެ ހުއްދަ ހޯދުމަކާ ނުލައިވެސް، ކޮމްޕިއުޓާ ޑޭޓާ ހާމަ ކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތެއްގެ ރުހުމާއެކު، ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް، ރާއްޖޭގައި ހުރި ކޮމްޕިއުޓާ ސިސްޓަމެއް ބޭނުންކޮށްގެން، ރާއްޖޭން ބޭރުގައި ހުރި ކޮމްޕިއުޓާ ސިސްޓަމްގައި ރައްކާކޮށްފައި ހުރި ޑޭޓާ ލިބިގަނެވޭނެ ކަމަށް ބިލުގައިވެއެވެ.