Close
ޚަބަރު

ފުރުސަތުގައި ދެއްކީ އެހެން ވާހަކައެއްކަމަށްބުނެ ކެލާ ދާއިރާގެ މެންބަރު ޝަރީފް ވެސް މަޖިލީހުން ނެރެފި

އިބްރާހިމް ޒަކީ

މަޖިލިސް ޖަލްސާގައި ރިޔާސަތުން ދިން ފުރުސަތުގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ ނަން އިއްވަވައި މަޖިލީހުން ނެރެފިއެވެ.

ސަރުކާރުގެ ދަރަނި ރީ ސްޓްރަކްޗާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރެކޮމެންޑޭޝަންތަކަށް، އަމަލު ކުރަން ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ހުށަހެޅުއްވި ގަރާރާގުގެ ބަހުސްގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެބޭފުޅުންނަށް ތާއީދު ކުރައްވާ މެންބަރުންގެ މެދުގައި މިއަދުވެސް އޮތީ މައްސަލަ ހޫނުވެފައެވެ.

އެ ހޫނުކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބެލެހެއްޓެވި މެންދުރު ކުރީގެ ދަންފަޅީގައި، ވަނީ ރައީސް އިބޫ ސޯލިހުގެ ފެކްޝަންގައި ހިމެނޭ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ގެ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރު ކޮށްފައެވެ.

ރައީސް އިބޫ ސޯލިހު ފެކްޝަންގެ، ކެލާ ދާއިރާގެ މެންބަރު ޝަރީފްގެ ނަން އިއްވީ، ނަޝީދު ފެކްޝަންގެ، ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރިޠާސަތަށް ވަޑައިގަތުމަށްފަހުގައެވެ.

އެ ގަރާރުގެ ބަހުސްގައި، ވާހަކަ ދެއްކެވުމަށް ރިޔާސަތުން ހަސަން އަފީރު ޝަރީފަށް ފުރުސަތު ދެއްވުމުން، ފުރަތަމަވެސް ވިދާޅުވީ، އަފީފު ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން ރިޔާސަތުން ފައިބާ ވަޑައިގަތުމަށް ގޮވާލާކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހިސާބުން އިތުރު އިންޒާރަކާ ނުލައި އަފީފް ވިދާޅުވީ، މެންބަރު ޝަރީފްގެ ނަން އިއްވާކަމަށާއި، މާލަމުން ނިމުގެ ވަޑައިގަތުމަށް ދަންނަވާ ކަމަށެވެ.

އޭގެފަހުންވެސް ތަކުރާރުކޮށް މާލަމުން ނިކުންނެވުމަށް މެންބަރު ޝަރީފަށް ދެންނެވުމަށްފަހު، އަފީފު ވިދާޅުވީ، ދެން ޖަލްސާ ކުރިއަށް ގެންދާނީ ނަން އިއްވި މެންބަރު ނިކުތުމުން ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު ނިޒާމީ ނުކުތާއަކަށް އެދުމުންވެސް ވިދާޅުވީ، ނިޒާމީ ނުކުތާއަށް ފުރުސަތު ދެވޭނީ ނަން އިއްވި މެންބަރު ނިކުންނެވުމުން ޖަލްސާފަށާފައި ކަމަށެވެ.

އެހިސާބުން ޝަރީފް މަޖިލީހުން ނިކުންނެވިއެވެ.

އަލުން ޖަލްސާ ފެށުމުން ނިޒާމީ ނުކުތާ ނަންގަވައި މެންބަރު ހުސެއިން ޝަހީމް ވިދާޅުވީ، ބަހުސްގެ ތެރެއިން މެންބަރަކަށް ދެއްވާ ފުރުސަތުގައި ވާހަކަ ދައްވަނިކޮށް ނަން އިއްވައި މަޖިލީހުން ބޭރަށް ނުނެރެވޭނެ ކަމަށާއި، އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް އަފީފު ކުރެއްވި ކަމެއް ކަމަށެވެ. އަދި ނަން އިއްވޭނީ އިނޒާރު ދިނުމަށްފަހުގައި ކަމަށާއި، އަދި މެންބަރު ޝަރީފް ގަވާއިދާ ހިލާފަށް ކުރިކަމެއްވެސް ރިޔާސަތުން ވިދާޅު ނުވާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

ނިޒާމީ ނުކުތާއާ ގުޅިގެން އަފީފު ވިދާޅުވީ، "އިންޒާރު ދެފަހަރު ދީފަ ފުރުސަތު ދިނީމަ ދައްކަވަން ފެއްޓެވީ އެހެން ވާހަކައެއް، އެެހެންވީމަ މިތަނުން ހުއްދަ ކުރެވޭނެ ކަމެއްނޫން އެހެންވީމަ ނަންއިއްވީ،" ކަމަށެވެ.