މާލޭގެ ގެސްޓް ހައުސެއްގައި ހަށިވިއްކަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޭގެ ވަގުތެއްގައި ރޯޅި ގެސްޓް ހައުސް ބަލައި ފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ގެސްޓްހައުސްއިން ހައްޔަރުކުރީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

ފުލުހުން ބުނީ، އެ ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާއާއި ބިދޭސީ އަންހެނަކު ހައްޔަރުކުރީ ޖިންސީ ގުޅުން ހިންގަމުންދަނިކޮށް ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.