Close
ބްރެޒިލް

ކަފާލާތުގެ ދަށުން އަލްވޭސް ދުލެއް ނުކުރި

އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސްޕެއިނުގައި ހައްޔަރު ކޮށްފައިހުރި ޑެނީ އަލްވޭސް ކަފާލާތުގެ ދަށުން ދޫ ނުކުރާނެކަމަށް ބާސެލޯނާގެ ކޯޓުން ބުނެފިއެވެ.

އުމުރުން 39 އަހަރުވީ އަލްވެސް، މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި ހައްޔަރުކުރީ ބާސެލޯނާގެ ނައިޓް ކުލަބެއްގައި ހިނގި ހަމަނުޖެހުމެއްގައެވެ. އަލްވޭސް ހައްޔަރު ކޮށްފައި ވަނީ ނައިޓް ކްލަބުގައި އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އަންހެންމީހާ ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ ރުހުމާނުލައި ޑެނީ އަލްވޭސް އޭނާ ގައިގައި އަތްލައި ޖިންސީގޯނާ ކޮށްފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލައިގައި އަލްވޭސް ބުނެފައިވަނީ އެބުނާ ނައިޓް ކުލަބަކަށް އޭނާ ދިޔަ ނަމަވެސް، އެއްވެސް މީހެއްގެ ގަޔަށް އަތްލައި، އެބާވަތުގެ އެއްވެސްކަމެއް ކޮށްފައިނުވާނެ ކަމުގައެވެ.

މިވަގުތުވެސް ހައްޔަރުގައި ހުރި އަލްވޭސްއަށް ކަފާލާތުގެ ދަށުން ލުއިދީ، ގޭ ބަންދަށް ބަދަލުކުރަން ލޯޔަރު ކޯޓުގައި އެދިފައި ވަނީ އިއްޔެ އެވެ. ލޯޔަރު ކޯޓަށް ހުށަހެޅީ އަލްވޭސްގެ ޕާސްޕޯޓު ހިފަހައްޓައި، ޓެގް އަޅުވައިގެން ގޭ ބަންދަށް ދޫކޮށް ދިނުމަށެވެ.

އެކަމަށް ކޯޓުން އިންކާރުކޮށް ބުނީ އަލްވޭސް ދޫކޮށްލައިފިނަމަ ފުރައިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ މައްސަލައިގެ ބާވަތުން އަލްވޭސްއަށް އަންނަ ހުކުމް ބޮޑުވުމުގެ އިތުރުން އަލްވޭސްގެ ކިބައިފައި ފައިސާގެ ގާބަލުކަންވެސް ބޮޑުވުމުން ކަމަށް ކޯޓުން ބުންޏެވެ.

އަލްވޭސް ޖިންސީ އަނިޔާގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ މެކްސިކޯގެ ޕޫމާސް ޔޫއެންއޭއެމްއަށް ކުޅެމުން ދަނިކޮށެވެ. އަލްވޭސް ހައްޔަރުކުރުމާއެކު އޭނާގެ އެއްބަސްވުން އެ ކްލަބުން ބާތިލުކުރިއެވެ.

ކެރިއަރުގައި ސްޕެއިންގެ ބާސެލޯނާއަށްވެސް 408 މެޗު ކުޅެދީފައިވާ އަލްވޭސްއަކީ އެ ކްލަބާއެކު ހަ ފަހަރަށް ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެވެ. އޭގެ އިތުރުން ޕީއެސްޖީއާއި ޔުވެންޓަސްއަށް ކުޅުނު އަލްވޭސް ވަނީ 126 މެޗު ބްރެޒިލް ގައުމީ ޓީމަށްވެސް ކުޅެދީފައެވެ. ކެރިއަރުގައި 47 ތަށި ހޯދާފައިވާ އަލްވޭސް ވަނީ ނިމިދިޔަ ގަތަރު ވޯލްޑް ކަޕް 2022 ގައިވެސް ބްރެޒިލަށް ކުޅެފައެވެ.