ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައި ހުންނަ ބޭންކް އެކައުންޓުތަކުން ގިނަ އަދަދަކަށް ފައިސާ މަދުވާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުތަކުން ގިނަ އަދަދަކަށް ފައިސާ މަދުވަމުންދާ ކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން އުފުލަމުންދާ ޝަކުވާއަށް އެ ބޭންކާއި ގާނޫނު ތަންފީޒުކުރާ އިދާރާ އާއި އެމްއެމްއޭ އިން އެއްވެސް ޖަވާބެއް ދީފައިނުވާތީ، އެމްއެންޕީން އެކަމާ ކަންބޮޑުވާ ކަމަށެވެ.

އެފަދަ މުއާމަލާތްތައް ހިނގާފައިވާ ގޮތް އަވަހަށް ބަލައި، ފައިސާ ލިބެންޖެހޭ ފަރާތްތަކަށް އެ ފައިސާ އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ބީއެމްއެލާއި އެމްއެމްއޭ އަދި ކަމާގުޅޭ ހުރިހާ އިދާރާތަކަށް އެމްއެންޕީން ވަނީ ގޮވާލައިފައެވެ. އަދި އެކައުންޓެއްގައި ޖަމާކޮށްފައި ހުންނަ ފައިސާގެ ޓްރާންސެކްޝަން މައުލޫމާތަކީ ބޭންކަށް އެނގޭނެ މައުލޫމާތު ކަމަށްވާތީ، ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް ވާސިލުވުމަކީ އުނދަގޫކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްއެންޕީން ބުނީ އެ ޕާޓީގެ ފަރާތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާނެ ކަމަށެވެ. އަދި ސަރުކާރުން އެ މައްސަލައަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ބަލައި، ގެއްލުން ލިބުނު ފަރާތްތަކަށް ހައްގުވާ ބަދަލު ދިނުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

ސޯޝަލް މީޑިއާގައި ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ލީކުވެފައިވާ ކަމަށްބުނެ ވާހަކަތަކެއް ދެކެވެމުންދެއެވެ. އެ މައްސަލަތަކާ ގުޅޭގޮތުން ބީއެމްއެލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޭންކުން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާނެ ކަމަށާއި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށެވެ.

ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ ކަމަށާއި އެފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް އެކަމުގެ އަސަރުކުރާ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

ބީއެމްއެލުން އިތުރަށް ބުނެފައިވަނީ، މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.