ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި، އެކުލަވައިލި އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ވަކި ހިސާބަކުން ދެ ފެކްޝަން އުފެދި ސިޔާސީ ވާދަވެރިކަން އައީ ބޮޑުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ ފަރާތްތަކުގެ މެދުގައި ފަރަގު ބޮޑުވެ، ނިމިދިޔަ ރިޔާސީ ޕްރައިމަރީއަށްފަހު ދެ ފެކްޝަންގެ މެދުގައި ވަނީ ސިޔާސީ ހަސަދައިގެ ހުޅު އިންތިހާއަށް ރޯވެފައެވެ.

މިކަން އެންމެ ބޮޑަށް ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. މަޖިލީހުގެ ކޮންމެ ދުވަހަކީ ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ބޮޑެތި އިލްޒާމުތަކެއް ސަރުކާރުގެ ބޮލުގައި އަޅުވާ ދުވަހެކެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ މެންބަރުންނަށްވުރެވެސް އެމްޑީޕީ މެންބަރުން އެކަމުގައި އުޅުއްވަނީ މާބޮޑަށްވެސް ކުރީގައެވެ. އިދިކޮޅުން ނުނަގާ ކިތަންމެ މައްސަލައެއް އެމްޑީޕީ މެންބަރުން ސަރުކާރާ ދެކޮޅަށް ނަގައެވެ. އިދިކޮޅުން ނާޅުވާ އެތައް ބައިވަރު ބޮޑެތި ތުހުމަތުތަކެއް އެމްޑީޕީ މެންބަރުން ސަރުކާރުގެ ބޮލުގައި އަޅުވަމުން ގެންދެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ސަރުކާރުގެ ބޮލުގައި ބޮޑެތި ތުހުމަތުތަކެއް އެޅުވިއެވެ.

އެގޮތުން އެމްޑީޕީގެ ޕްރައިމަރީގައި، ސަރުކާރު މުވައްޒަފުންނާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސަރުކާރުން ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރިއެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ، ކުންފުނިތަކާއި ސަރުކާރު މުވައްޒަފުންނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ވަރުން މިހާރު އެ ފަރާތްތަކަށް ބިރުވެރިކަން ކުރިމަތިވެފައިވާ ކަމަށެވެ. ސަރުކާރުގެ ބައެެއް ކުންފުނިތައް ސިޔާސީ ޖަގަހަ ތަކަކަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކުގައި އޮތީ އެފަދަ މާހައުލެއް ކަން ރައީސް ސޯލިހަށް އެނގިވަޑައިނުގަންނަވާ ނަމަ އެއީ ވެރިކަމަށް އެމަނިކުފާނު ކުފޫ ހަމަނުވުން ކަަމަށްވެސް އިލިޔާސް ވިދާޅުވިއެވެ. އެހެ ންނޫން ނަމަ މިހާރުން މިހާރަށް އެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވީ، "ސަރުކާރު މުވައްޒަފުންނަށާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، އެމަނިކުފާނަށް ތާއީދު ކުރިއްޔާ ނޫނިއްޔާ ވަޒީފާގައި ނުތިބެވޭނެއޭ ނުވަތަ ޑީމޯޓުވާނެއޭ ނުވަތަ އެކަހެރި ކުރާނަމޭ އެއީ ކަނޑައެޅިގެން ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާކަމެއް،" ކަމަށެވެ.

އެންމެ ފަހުން، ސައިކަލެއްގައި ހަރުކޮށް ބޮމެއް ގޮއްވާލައިގެން، 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުވެސް އެމްޑީޕީ މެންބަރުން މި ވަނީ އެމްޑީޕީގެ ސަރުކާރު ބޮލުގައި އަޅުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، މި ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް ރައީސް މުހައްމަދު ނަޝީދަށް، އެމްޑީޕީގެ ރައީސަށް ވަރަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ.

"ޖަލުގެ އެކިއެކި ކުޑަގޮޅީގެ އަދަބުތައް ދައްކާފައިވޭ، އެނޫން ވެސް އެކިއެކި އަނިޔާތައް ދެމުންދިޔަ، ވަރަށް ޒަމާންތަކަކަށް މި އަނިޔާތައް ކޮންމެ ސަރުކާރަކުން ދީފައިވޭ،"

ނަމަވެސް އެއިން އެއްވެސް ސަރުކާރެއްގައި އެ މަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދެވިފައިނުވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ. އޭގެ ބަދަލުގައި ބޮމުގެ ހަމަލާއަކުން އެމްޑީޕީގެ ރައީސް އަވަހާރަކޮށްލުމަށް ފުރުސަތު ދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"ހަމައެކަނި ހަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދީފައިވަނީ މި ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮވެގެން، މި ހަމަލާ އަންނަކަމުގެ އިންޒާރުތައް، ހުރިހާ މައުލޫމާތުތަކެއް ސަރުކާރަށް ލިބި އޮވެ މިހަމަލާ ދީފައިވަނީ،"

އިންތި ވިދާޅުވީ، އެކަމުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި އެބައޮތް ކަމަށެވެ. ނަމަވެސް "އެ ރިޕޯޓާ އެއްގޮތަށް އަމަލު ކުރަނީއެއްނޫން، އަމަލު ކުރާކަށް އެނގެނީއެއް ނޫން، އެއްވެސް ކަމެއް އެއްވެސް ސްޓްރެޓަޖީއެއް ނެތް، އެހެންވީމަ މިދަންނަވަނީ ރައީސް ސޯލިހުގެ ސަރުކާރުން މި ފުރުސަތު މިއޮތީ ހަގީގަތުގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދީފަ، މި މައުލޫމާތު ލިބިހުރެމެ މިފުރުސަތު ދީފައި މިވަނީ،،" ކަމަށްވެސް ވިދާޅުވިއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން މި ހަމަލާގައި، އެ މަކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އެ ހަމަލާގައި ބުރައިގެން ދިޔަ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ 16 ތަނަކަށް ވަނެވެ. އެކަމާގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ކުރަންޖެހުނެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ވަންދެން އެމަނިކުފާނު ވަނީ ރާއްޖޭން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.

މި ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގަތީ ހަނިގޮތަކަށެވެ. މި ހަމަލާއާ ގުޅުންހުރި ފަރާތްތައް ކަމަށް ތަހުގީގުތަކުން ދައްކާ ފަރާތްތަކަށް ދައުލަތުން ވަނީ ދައުވާ ކޮށްފައެވެ. ރައީސް ނަޝީދު އެއިރު އެ ވިދާޅުވި ގޮތަށް މަޖިލިސް 19 ތަފާތު ވުމަކީ މިއީ ކަމަށްވެސް ވެދާނެ އެވެ.