މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާލިން ބްރައުޓް ހާލަންޑްގެ އަގު މިހާރު މާކެޓްގައި ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާގެ އެޖެންޓް، ރަފޭލާ ޕައިމެންޓާ ބުނެފިއެވެ.
ހާލަންޑް، މި ސީޒަނަށް ޑޯޓުމަންޑް ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވެފައިވާ އިރު، މިހާރުވެސް އޭނާ ވަނީ ޕްރިމިއާ ލީގުގެ ގޯލު ޖެހުމުގެ ރެކޯޑުތަކެއް މުގުރާލައިފިއެވެ.
މިހާތަނަށް ލީގުގައި ކުޅުނު 23 މެޗުން 26 ގޯލު ހާލަންޑް ޖަހާފައިވާ އިރު، ސީޒަނުގައި އޭނާ ވަނީ ޖުމުލަ 31 ގޯލު ޖަހައިފައެވެ. ހާލަންޑް ލީގުގެ 20 މެޗުން 25 ގޯލު ހަމަކުރި އިރު، މީގެ ކުރިން 20 މެޗުން އެންމެ ގިނަ ގޯލް ޖަހާފައި އޮތީ 2013-14 ވަނަ އަހަރުގެ ސީޒަނުގައި ލިވަޕޫލަށް ކުޅުނު ލުއިސް ސުއަރޭޒެވެ. ސުއަރޭޒް އެ ސީޒަނުގައި 20 މެޗުން 20 ގޯލް ޖެހިއެވެ.
އޭގެ ތެރެއިން ލީގުގައި ހެދި ހަތަރު ހެޓްރިކް ފާހަގަކޮށްލަން ޖެހެއެވެ.
ހާލަންޑް ސިޓީއަށް ދިޔުމުގައި އެންމެ އިސް ރޯލެއް އަދާކުރި ޕައިމެންޓާ ފްރާންސްގެ ޗެނަލަކަށް ވާހަކަ ދައްކަމުން ބުނީ ހާލަންޑަކީ މިހާރު އެއް ބިލިއަން ޑޮލަރުގެ ކުޅުންތެރިއެއްކަން ޔަގީން ކަމަށާއި، އެކަމާ ޝައްކު ނުކުރާ ކަމަށެވެ. ޕައިމެންޓާ ބުނީ އެހާ ބޮޑު އަގެއްގެ ވާހަކަ ދައްކާތީ އެކަމާ ޖޯކު ޖަހާނެ ބަޔަކު ތިބި ނަމަވެސް، ހާލަންޑްގެ އުމުރާއި ފެންވަރުގެ އިތުރުން ޑިސިޕްލިންނަށް ބަލައި، އެއް ބިލިއަން ޑޮލަރަކީ ބޮޑު އަގެއް ނޫން ކަމަށެވެ.
ޕައިމެންޓާ ބުނީ ހާލަންޑް ސިޓީ ޖާޒީގައި ފެންނާނީ ކުރިއަށް އޮތް ކިތައް ސީޒަނުގައި ކަމެއް ބުނަން ނޭނގޭ ކަމަށާއި، ކްލަބަކުން ހާލަންޑަށް ބޮޑު އަގެއް ދައްކާނެ ކަމަށްވެސް އަދި ބުނަން ނޭނގޭ ކަމަށެވެ.
ހާލަންޑާއި ދުނިޔޭގެ އެތައް މަޝްހޫރު ކުޅުންތެރިންނެއްގެ އެޖެންޓް ކަމުގައި ހުރި މިނޯ ރައިއޯލާ މަރުވުމުން އޭނާގެ ގިނަ ކުޅުންތެރިންތަކަކާ ހަވާލުވެ ހުރި ޕައިމެންޓާ ވަނީ ޕީއެސްޖީއަށް ކުޅެމުންދާ އިޓަލީގެ މާކޯ ވަރާޓީގެ ކުރިމަގާ ގުޅޭ ގޮތުންވެސް ޓީވީގައި ވާހަކަ ދައްކައިފައެވެ.
ޕައިމެންޓާ ބުނީ ވަރާޓީ ޕީއެެސްޖީގައި ހުރީ ވަރަށް އުފަލުން ކަމަށާއި، އެ ކްލަބު ދޫކޮށް ދާން ވަރާޓީ އެއްވެސް އިރެއްގައި ބޭނުން ނޫން ކަމަށެވެ. އަދި އެކަމަށް އެއްވެސް އިރަކު މަސައްކަތް ކޮށްފައި ނުވާނެ ކަމަށްވެސް ޕައިމެންޓާ ބުންޏެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ