އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމްވެސް މޮޅުވެއްޖެއެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކުރި އިރު، އެންޓޯނިއޯ ކޮންޓޭގެ އެސިސްޓެންޓް ކްރިސްޓިއަން ސްޓެލީނީ އިރުޝާދު ދިން ޓޮޓެންހަމްއިން އަމިއްލަ ދަނޑުގައި ވެސްޓް ހަމް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން މޮޅުވެ، ޔުނައިޓެޑުން ލީގު ތާވަލުގެ ތިންވަނައިގައި މިވަގުތު އޮތީ 24 މެޗުން 49 ޕޮއިންޓާއެކުގައެވެ. އެއީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ތިން ޕޮއިންޓްގެ ފަރަގެއްގައެވެ. ސިޓީން މިހާތަނަށް ކުޅެފައިވާ 24 މެޗުން އެޓީމަށް ލިބިފައި ވަނީ 52 ޕޮއިންޓެވެ. އާސެނަލް ލީގު ތާވަލުގެ އެއްވަނަ މަގާމު މި ހަފުތާގައި އަލުން ހޯދީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

އަމިއްލަ އޮޕަރޭޝަނަކަށް އިޓަލީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މިވަގުތު ކޮންޓޭ އިނގިރޭސިވިލާތުގައި ހުރި ނަމަވެސް، ސާޖަރީން އެއްކޮށް ރަނގަޅު ނުވާތީ، ރޭގެ މެޗަށްވެސް ބެންޗަށް ނުކުމެފައެއް ނުވެއެވެ. ރޭގެ މޮޅާއެކު ޓޮޓެންހަމް މިވަގުތު ހަތަރުވަނައިގައި އޮތީ 24 މެޗުން 42 ޕޮއިންޓާ އެކުގައެވެ. ފަސްވަނައިގައި އޮތް ނިއުކާސަލްއަށް 23 މެޗުން 41 ޕޮއިންޓް ލިބިފައިވެއެވެ.

ޔުނައިޓެޑާ ދެކޮޅަށް ރޭ ލެސްޓާއިން ރަނގަޅަށް ކުޅުން ފެށި އިރު، ގޯލެއް ފެންނަންދެން ނަތީޖާއަށް ބަދަލެއް ނައިސް އޮތީ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާގެ ރަނގަޅު ސޭވްތަކަކާއެކުގައެވެ. ލެސްޓާގެ ހާވީ ބާންސްއާއި ކެލެޗީ އިހެނާޗޯ ޖެހި ބޯޅަތައް ޑެ ހެއާ މަތަކުރި އިރު، ޔުނައިޓެޑުން ލީޑު ނެގީ 25 ވަނަ މިނެޓުގައެވެ.

މާކަސް ރަޝްފޯޑުގެ ގޯލުން ޔުނައިޓެޑުން ލީޑު ނެގީ، ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ބޯޅަކުންނެވެ.

ދެވަނަ ހާފަށް ނުކުމެ ހާފުގެ ކުރީކޮޅުގައި ރަޝްފޯޑުގެ ދެވަނަ ގޯލެއް ފެނުނު އިރު، އެ ގޯލަކީ މިހާތަނަށް ސީޒަނުގައި އޭނާ ޖެހި 24 ވަނަ ގޯލެވެ. ރަޝްފޯޑު ފަރާތުން ވޯލްޑް ކަޕަށްފަހު ތަފާތު މޮޅު ކުޅުމެއް ފެންނަމުންދާ އިރު، މިއީ ޔުނައިޓެޑް ޖާޒީގައި އޭނާ ހޭދަކުރަމުން އަންނަ އެންމެ ކާމިޔާބު ސީޒަނެވެ.

އެރިކް ޓެން ހާގުގެ ޔުނައިޓެޑަށް ތިންވަނަ ގޯލެއް ޖަހައިދިނީ ބަދަލަކަށް ނުކުތް ޖޭޑަން ސަންޗޯއެވެ.

ޓޮޓެންހަމްއިން ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލުވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެ ގޯލަކީ އަރިމަތިން ދެ ފަރާތަށް ކުޅެމުންދިޔަ ދެ ޑިފެންޑަރުންގެ ރަނގަޅު ކޮމްބިނޭޝަނަކުން ފެނިގެން ދިޔަ ގޯލެކެވެ. ބެން ޑޭވިސް ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ އެމަސަން ރޮޔާލެވެ. މިހާތަނަށް ޓޮޓެންހަމްގެ ޖާޒީގައި އެމަސަން ޕްރިމިއާ ލީގުގެ 45 މެޗެއްގައި ކުޅެފައިވާ އިރު، ރޭގެ މެޗުގައި ފެނުނީ އޭނާގެ ދެވަނަ ގޯލެވެ.

ޓޮޓެންހަމްގެ ދެވަނަ ގޯލު 72 ވަނަ މިނެޓުގައި ހިއުން-މިން ސޮން ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްފިނީ ހެރީ ކޭންއެވެ.