އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ކުޅުނު މެޗުގައި ލީގު ތާވަލުގެ ފުލުގައި އޮތް ސައުތުހެމްޓަން ކައިރިން ބަލިވި އިރު، އެއްވަނައަށް އަރަން މަސައްކަތްކުރި މެންޗެސްޓާ ސިޓީން ނޮޓިންހަމް ފޮރެސްޓް ކައިރިން އެއްވަރު ވެއްޖެއެވެ.

ޗެލްސީން މިރޭ އަމިއްލަ ދަނޑުގައި ސައުތުހެމްޓަން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަހަރު ފެށުނު ފަހުން ޗެލްސީން އެކިއެކި މުބާރާތްތަކުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނިމިދިޔަ ޓްރާންސްފާ ސީޒަނުގައި ބޮޑެތި ހަރަދުތަކެއް ކުރި ޗެލްސީން ވޯލްޑް ކަޕަށްފަހު ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިންވެސް މޮޅުވެވުނީ ކްރިސްޓަލް ޕެލެސް ކައިރިން ކުޅުނު މެޗުން އެކަންޏެވެ.

މިރޭގެ ބައްޔާއެކު ޗެލްސީ އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ 23 މެޗުން ލިބުނު 31 ޕޮއިންޓާ އެކުގައެވެ. ސައުތުހެމްޓަންއަށް ލިބުނު މޮޅާއެކު އެޓީމަށް ވަނީ ކުރިއަށް ޖެހިލަން ހިތްވަރެއް ލިބިފައެވެ. މިހާތަނަށް 23 މެޗުން 18 ޕޮއިންޓާއެކު ސައުތުހެމްޓަން ފުލުގައި އޮތް އިރު، 19 ވަނައިގައި އޮތް ލީޑްސް އޮތީ 23 މެޗުން 19 ޕޮއިންޓާ އެކުގައެވެ.

ޗެލްސީން މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 ގައިވެސް ތިއާގޯ ސިލްވާ އާއި ރީސް ޖޭމްސް ހިމަނާފައިނުވާ އިރު، ފަހަތުން ސެންޓަ ބެކުން ފެނުނީ ކަލިދޫ ކުލިބާލީއެވެ. އަދި ޖޭމްސް ނެތްތައް ފޫބެއްދުމަށް ނުކުތީ ސެޒާ އަޒްޕިލިކިއެޓާއެވެ.

މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާއެއް ފެނިފައިނުވާ އިރު، ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، ޖޭމްސް ވާޑް-ޕްރޯސްގެ ހިތްގައިމު ހިލޭ ޖެހުމަކުން ސައުތުހެމްޓަން ލީޑު ނެގިއެވެ. އެ ގޯލަކީ ވާޑް-ޕްރޯސް ހިލޭ ޖެހުމުން ލީގުގައި ޖެހި 17 ވަނަ ގޯލެވެ. ޕްރިމިއާ ލީގުގެ ތާރީހުގައި ހިލޭ ޖެހުމުން އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔަކީ ޑޭވިޑް ބެކަމްއެވެ. އޭނާ ވަނީ ލީގުގައި 18 ހިލޭ ޖެހުމެއް ގޯލަށް ވައްދާލައިފައެވެ.

ދެވަނަ ހާފަށް ނުކުމެ، ބަދަލުތަކާއެކު ޗެލްސީން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. މައިހައިލޯ މުޑްރީކާއި ރަހީމް ސްޓާލިންގެ ހަމަލާތައް ފާހަގަކޮށްލެވުނު ނަމަވެސް ޗެލްސީއަށް ގޯލެއް ޖެހުންވީ އުނދަގޫ ކަމަކަށެވެ. ކައި ހަވާޓްސްއަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ އާއި ޖާއޯ ފެލިކްސްގެ ހިލޭ ޖެހުންވެސް މަތަކުރީ ސައުތުހެމްޓަންގެ ގޯލްކީޕަރެވެ.

މިރޭގެ މެޗުން މޮޅުވެ، އެއްވަނައަށް އެރެން އޮތް ސިޓީ، ނޮޓިންހަމްއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ރަށުން ބޭރުގައި ސިޓީން މިރޭގެ މެޗުން އެއްވަރުވުމާއެކު އެޓީމު މިވަގުތު ދެވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާއެކުގައެވެ.

އާސެނަލުން ލީގުގައި މިއަދު ކުޅުނު މެޗުގައި އެސްޓޮން ވިލާ ބަލިކުރި އިރު، އެޓީމު އެއްވަނައިގައި އޮތީ 23 މެޗުން 54 ޕޮއިންޓާއެކުގައެވެ.

ސިޓީން މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ބާނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. ސިލްވާގެ އެ ގޯލަށް ޖެކް ގްރީލިޝް ފުރުސަތު ތަނަވަސްކޮށްދިން އިރު، ފުރަތަމަ ހާފުގައި ސިޓީއަށްވެސް އިތުރު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ރެކޯޑު ގޯލު ޖެހުންތެރިޔާ އާލިން ހާލަންޑަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ކޯނަރެއްގައި އެމްރިކް ލަޕޯޓަށް ލިބުނު ފުރުސަތުވެސް އޭނާ ނަގައިލިއެވެ. އޭގެ އިތުރުން 68 ވަނަ މިނެޓުގައި ހާލަންޑް ޖެހި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވި އިރު، ރީބައުންސްގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ސިޓީން ރަނގަޅަށް ދެވަނަ ހާފު ފަށައި، ކުޅުނު ނަމަވެސް 84 ވަނަ މިނެޓުގައި ފޮރެސްޓުން ނަތީޖާ ހަމަހަމަ ކުރިއެވެ. ކްރިސް ވުޑް ޖެހި އެ ގޯލަކީ ގިބްސް-ވައިޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހި ގޯލެކެވެ.