ގަތަރުގެ އެންމެ ބޮޑު ބޭންކް، ގަތަރު އިސްލާމިކް ބޭންކްގެ ޗެއާމަން ޝެއިހް ޖަސީމް ބިން ހަމަދު އަލް ސާނީ، މެންޗެސްޓާ ޔުނައިޓެޑްގެ 100 ޕަސެންޓް ހިއްސާ ގަންނަން ބިޑް ހުށަހަޅައިފިއެވެ.
ޖަސީމްގެ ފަރާތުން ރަސްމީކޮށް އިއްޔެ ޔުނައިޓެޑް ގަތުމަށް ބިޑް ހުށަހެޅީ އޭނާގެ އަމިއްލަ ފައުންޑޭޝަން ކަމަށްވާ، ނައިން ޓޫ ފައުންޑޭޝަންގެ ނަމުގައެވެ. ޖަސީމްގެ ފަރާތުން ރަސްމީކޮށް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުނައިޓެޑް ގަންނަން ކުރި ބިޑަކީ އެ ކްލަބުގެ ކާމިޔާބު ތާރީހު އިޔާދަކުރުމުގެ އިތުރުން ކްލަބުގެ ދަރަނި އެއްކޮށް ދައްކައި، އިތުރު ހަރަދުތައް ކުރުމަށް ތައްޔާރު ވެގެން ކުރި ބިޑެއް ކަމަށެވެ.
ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ ގަދަރުވެރި ކްލަބުގެ ގޮތުގައި ބާއްވަން ކުރަން ޖެހުނު ކޮންމެ ކަމެއް، ކޮންމެ ހަރަދެއް ކުރަން ތައްޔާރު ކަމަށްވެސް ޖަސީމްގެ ފަރާތުން ނެރުނު ބަޔާނުގައިވެއެވެ.
މިވަގުތު ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި ގްލޭޒާސް އާއިލާއިން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ނިންމާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ކޯ ޗެއާމަނުން ކަމަށްވާ ޖޯލް ގްލޭޒާ އަދި އަވްރަމް ގްލޭޒާ ވިދާޅުވެފައި ވަނީ ކްލަބުގެ ހިންގުމަށް ވިޔަފާރީގެ ބަދަލުތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އާ އިންވެސްޓަރުންނަށް ފުރުސަތު ފަހިކޮށް، ކްލަބު ވިއްކާލުމަށްވެސް ބަލަމުން އަންނަ ކަމަށެވެ.
ޔުނައިޓެޑް ވިއްކާލުމުގެ މަސައްކަތް ރައިނޭ ގްރޫޕާ ހަވާލުކޮށްފައިވާ އިރު، އެ ގްރޫޕުން ދީފައިވާ "ސޮފްޓް ޑެޑްލައިން" އަކީ އިއްޔެގެ ނިޔަލަށް ދީފައި އޮތް މުއްދަތެކެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޔުނައިޓެޑް ގަތުމަށް ގަތަރުގެ ޖަސީމްގެ އިތުރުން ބިލިއަނަރު ސާ ޖިމް ރެޓްކްލިފްގެ އިނެއޯސް ކުންފުނިން ވަނީ ރަސްމީކޮށް ބިޑްކޮށްފައެވެ. ރެޓްކްލިފަކީ އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި މީހާއެވެ. މީގެ ކުރިންވެސް އޭނާ ވަނީ ޕްރިމިއާ ލީގުގެ ބައެއް ބޮޑެތި ކްލަބުތައް ގަންނަން މަސައްކަތް ކޮށްފައެވެ.
ޕީއެސްޖީގެ ވެރިން ކަމަށްވާ، ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް (ކިއުއެސްއައި) އިންވެސް ޔުނައިޓެޑް ގަންނަން ވާހަކަތައް ދެއްކި ނަމަވެސް، ސީދާ އެ ގްރޫޕުގެ ނަމުގައި ބިޑެއް ހުށަހެޅިކަމުގެ މައުލޫމާތެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ޔުނައިޓެޑުގެ ވެރިންނަށް ވަނީ ބޮޑެތި ފާޑު ކިޔުންތަކާ އަމާޒުވެފައެވެ. ކްލަބުގެ ޓްރާންސްފާތަކަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް ސަޕޯޓަރުންގެ ފަރާތުން އަމާޒުވެފައިވާ އިރު، ތަށި ނުލިބި ޒަމާންވުމުން އެކަމަށްވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ޔުނައިޓެޑުން އެންމެފަހުން 2017 ވަނަ އަހަރު ހޯދި ތަށްޓަކީ އެ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލްގައި އަޔެކްސް ބަލިކޮށް ހޯދި ތަށްޓެކެވެ. އޭގެ ފަހުން ޔުނައިޓެޑުން ހަ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނުއިރު، ދެ މުބާރާތެއްގެ ފައިނަލުން ވަނީ ބަލިވެފައެވެ. ބަލިވި ފައިނަލްތަކަކީ 2018 އެފްއޭ ކަޕް ފައިނަލާއި 2021 ޔޫރޮޕާ ލީގުގެ ފައިނަލެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް