ރިޕޯޓް

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 34

އަބްދުﷲ ފާރޫގް ހަސަން

1

(10 ފެބްރުއަރީގެ އަދަދާ ގުޅޭ)

މަޝްހޫރު މުއައްރިޚު އެޑްވަޑް ގިބޯންސް ލިޔުއްވާގޮތުގައި ޝަހެންޝާހު ޕެލައެލޮގޫސް (ޤުސްޠަންޠީން XII ގެ) ތަޤްރީރު ހިމެނުނީ ރޯމަން އެމްޕަޔަރުގެ ޖަނާޒާގެ ތަޤްރީރާ އެއްމާނައެއްގެ ތަޤްރީރެއްކަމުގައެވެ. (ގިބޯންސް ބާބު: 68)

ޝަހެންޝާހު ދައުލަތުގެ ބޮޑުންނާއި ރަށުގެ އަޝްރާފުންނަށް އެންމެފަހު ވަގުތާހަމަޔަށް ހަނގުރާމަކުރައްވަން ހިތްވަރުދެއްވުމަށްފަހު ދައުލަތުގެ ބޮޑުން ގޮވައިގެން ވަޑައިގެންނެވީ އަޔާސޯފިޔާއަށެވެ. ޝަހެންޝާހު އަޔާސޯފިޔާއަށް ވަޑައިގެން މަޝްޣޫލުވެވަޑައިގެންނެވީ އެންމެފަހުގެ އަޅުކަމުގައެވެ. އޭރު ދެލޯފުޅުން ހޯސްލާފައި ކަރުނަފޮދު އޮހޮރެއެވެ. ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންވެސް ތިއްބެވީ އެކަހަލަ ހާލުކޮޅެއްގައެވެ. ޝަހެންޝާހު އަޅުކަމުން ނިމިވަޑައިގެން އަނެއްކާވެސް ވަޑައިގެންނެވީ ގަނޑުވަރަށެވެ. އޭރު ހަފަރާތަށް ވެރިވެފައިއޮތީ ބިރުވެރިކަމެވެ. ގަނޑުވަރުގެ ތެރެއިން މުޅީންވެސް އިވެނީ ކީރިތިކުރައްވާ އަޑުފުޅެވެ. ހިތާމަފުޅު ކުރެއްވުމުގެ ބަސްފުޅުތަކުގެ އަޑުފުޅެވެ. ޝަހެންޝާހު އިރުކޮޅަކު އަރާމުކުރެއްވުމަށްފަހު ވަޑައިގެންނެވީ ރަށުގެ ބޭރުފާރު ކައިރިޔަށެވެ.

އެޑްވަޑް ކްރޭޒީ ލިޔުއްވައިފައިވެއެވެ. "ޙަމަލައިގެ ކުރީރޭ ޝަހެންޝާހު ސެއިންޓް ސޯފިޔާ ފައްޅީގައި ޢިޝާއޭ ރައްބާނީ (ދަ ލާސްޓް ސަޕަރ - عـيســـى عــلــيـــه الـسّــلام ޙަވާރީ ބޭކަލުންނާއެކު އެންމެފަހުން ފަރީއްކުޅުއްވި ފަރިއްކުޅުއްވުން ރަމްޒުކުރަން މަސީޙީން ކުރާކަމެއް) ގެ ރަސްމު އަދާކުރެއްވިއެވެ. އެއަށްފަހު އޭނާ ވަޑައިގެންނެވީ އޭނާގެ ހައިބަތުހުރި ގަނޑުވަރަށެވެ. ގަނޑުވަރުގެ ބޮޑެތި ކޮޓަރިކޮޅު (މާލަން) ތަކުގައި ހިންގަވައިލެއްވިއެވެ. އިރުކޮޅަކު މަޑުކޮށްވެސްލެއްވިއެވެ. އެއީ އޭނާގެ ކުރީން ތިއްބެވި ޤައިޞަރުން ޤަރްނުތަކެއްވަންދެން ނުހަނު ޖާހާއި ޝާނުޝައުކަތާއެކު ރަސްކަންކުރެއްވި ގަނޑުވަރެވެ. އެކަމަކު އެގަނޑުވަރު ދެނެއް އޭނާއަކަށްވެސް އޭނާގެ ނަސްލުގެ އެހެން ޝަހެންޝާހަކަށްވެސް ފެނިވަޑައެއް ނުގަންނަވާނެއެވެ. ރަށުގެބޭރު ފާރުގައި ލައިފައިވާ ބޮޑެތި ރެނދުތަކާ ދިމާއިން އޭނާގެ މަޤާމުގައި ހުއްޓިވަޑައިގެން "ޝަހީދުވުމުގެ" އިންތިޒާރުކުރައްވާން ނުކުމެވަޑައިގެންނެވިއިރު ދުނިޔަވީ ޢިއްޒަތާއި ޝަރަފާއި ކީރިތި މޫރިތިކަމުގެމަތީން އޭނާވަނީ ހަނދުމަފުޅު ނެތިފައެވެ. ޤައިޞަރު އޭނާގެ ވަށައިގެން އެއްވެފައިތިބި މީހުނާ މުޚާޠަބު ކުރެއްވިއެވެ. އޭގެތެރެއިން އެތައްބަޔަކީ އެބައިމީހުންގެ ޒުވާން ޢުމުރުއްސުރެ ޤައިޞަރުގެ އަރިހުގައި އުޅެމުންއައި މީހުންނެވެ. އޭނާގެ ފަރާތްޕުޅުން އެއިންމީހަކަށް އެއްވެސްބާވަތެއްގެ ތުރާލެއް އަނިޔާއެއް އިހާނެތިކަމެއް ކުރެއްވިފައިވާނަމަ އެކަމަކަށް މާފުއެދިވަޑައިގެންނެވިއެވެ. ޢީސާއީއެއްގެ ހައިސިއްޔަތުން މާފުކޮށްދިނުން އެދިވަޑައިގެންނެވިއެވެ. އެއަށްފަހު އެ އެންމެންގެ ކަރުނައާއި ހެޔޮދުޢާތަކުގެ ތެރޭގައި މަޑުކުރައްވައިގެން އެބައިމީހުނާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އެއަށްފަހު ޤައިޞަރުންގެ ސިލްސިލާގެ އެންމެފަހުގެ ޤައިޞަރު އަވަހާރަވުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ." (ޞަފުޙާ: 83)

ސްޓެފަން ސުވޭގު/ޒުވޭގު ލިޔުއްވައިފައިވެއެވެ. "ޝަހެންޝާހު ޢިޝާއޭ ރައްބާނީއަށްފަހު އޭނާގެ ފުރަދާނައިންނާއި އަރިހުބޭކަލުންނާއި ޚާދިމުންގެ ކިބައިން މާފުއެދިވަޑައިގަންނަވަމުން ގަނޑުވަރަށް ވަޑައިގެންފިއެވެ. އެއަށްފަހު އަސްމައްޗަށް ސަވާރުވެވަޑައިގެން ރަށުގެ ބޭރުފާރުކައިރިޔަށް ވަޑައިގެންފިއެވެ. (سـلطـــان) محمّـــد ފަދައިންނެވެ. އޭނާވެސް ޢަމަލުކުރައްވަމުން ގެންދެވީ އެގޮތަށެވެ. ޤައިޞަރު ފާރުކައިރީން ރަށުތެރޭގައި ބުރެއް ޖެއްސެވިއެވެ. އޭނާގެ ސިފައިންނަށް ހިތްވަރު ދެއްވުމަށްޓަކައެވެ. އޭނާ ބުރުޖައްސަވައި ނިމުނުއިރު ރޭގަނޑު އަނދިރިވެއްޖެއެވެ." (ޞަފުޙާ: 62)

އޭތް. އޯތް. ޤުސްޠަންޠީނިއްޔާ ފަތަޙަވެއްޖެޔޯތް.

ކުރީންވެސް ދެންނެވި ފަދައިން ވަރަށް ފަތިހާ ހަނގުރާމަ ފެށިއްޖެއެވެ. އޭރަކު އަދި ފަޖުރެއް ނުލައެވެ. ރަށުގެ ބޭރުފާރުގެ ހުރިހައި ދިމާއެއްގައިވެސް ބިރުވެރި ޙަމަލައިގެ ހުޅު ވަނީ ފަޅައިގެންގޮސްފައެވެ. ރަށުތެރެއާއި ރަށުގެ ބޭރުން ފެންނަނީ އަންތަރީސްވާފަދަ މަންޒަރެކެވެ. ރަށުގެ ބޭރުން މުސްލިމުންނެވެ. ރަށުތެރެއިން މަސީޙީންނެވެ. ކޮންމެބަޔަކުވެސް އެބަޔެއްގެ ދީނާއި ޢިއްޒަތާއި ޝަރަފަށްޓަކައި ޤުރްބާންވަނީއެވެ. ތުރުކިޔޭއިން ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމުގެ ރޭވުންތައް ރާވަމުންގެންދިޔަ ދުވަސްވަރު ޤުސްޠަންޠީން ރޯމަން ކެތަލިކުންގެ މަޒުހަބު ޤަބޫލުކުރެއްވުމުގެ ސަބަބުން ރަށުގެ އަހުލުވެރީން ޤުސްޠަންޠީނަށް ފުރަގަސްދިންކަމުގައިވިޔަސް ޤުސްޠަންޠީނިއްޔާގެ އަހުލުވެރީންގެ އެންމެން މިހާރުވަނީ ރަށް ދިފާޢުކުރަން ކަމަރުބަނދެ އަރުވާޖަހައިގެން މަސައްކަތް ފަށައިފައެވެ. އަންހެނެއް ފިރިހެނެއްގެ ފަރަގެއްނެތެވެ. ކުޑަކުއްޖެއް ބޮޑުމީހެއްގެ ތަފާތެއްނެތެވެ. މީހަކަށް ދޫކުރާނެ މީހެއްނެތެވެ. މުއައްރިޚަކު ލިޔުއްވައިފައިވެއެވެ. "ރަށުގެ ބޭރުން އިވެނީ ތަކްބީރާއި ތަހްލީލުގެ އަޑެވެ. މުސްލިމުންގެ ހަނގުރާމައިގެ ބެރުތަކުގެ ބުންއަޑުން ބިންގަނޑުދަނީ ގުޑަމުންނެވެ. ރަށުތެރޭގައި ފައްޅިތަކުން ހުއްޓައިނުލައި ރަނގަބީލުތައް ތެޅުމުގެ ސަބަބުން ވަނީ ބިރުވެރި މަސްރަޙެއް އުފައްދައިފައެވެ."

މުސްލިމުން ޙަމަލަދެމުން ގެންދިޔައީ އިންތިހާދަރަޖައިގެ ޖޯޝާއި ފޯރިޔާއެކުގައެވެ. މުސްލިމުން އަރައަރައިގެންއައިސް ވަރަށް ގަދަފަދަ ޙަމަލަތަކެއް ރަށަށް އަމާޒުކުރަމުން ގެންދިޔައިރު މުސްލިމުންގެ ބޮޑުބަޑިތަކުން ހަތަރުފަރާތުން އަލިފާނުގެ ވާރޭވެއްސަމުން ގެންދެއެވެ. މުޅި ޖައްވު ބައްދައިލައިފައިވަނީ ދުމުގެ ވިލާތަކުންނެވެ. އޭރު މަޙްޞޫރުން ރަށް ދިފާޢުކުރަމުން ގެންދިޔައީވެސް ފުކެއްވެސް ދުލެއްނުދީއެވެ. ފިސާރި ހިތްވަރާއި ސާބިތުކަމާ އެކުގައެވެ. ނަތީޖާއެއްގެގޮތުން ރަށް ފަތަޙަކުރެއްވުމުގެ ނިޝާނެއްވެސް ފެންނާކަށެއް ނުފަށައެވެ. ސްޓެފަން ސުވޭގު/ޒުވޭގު ވިދާޅުވާގޮތުގައި ގަދަފަދަ ޢަޒުމާ ކުރިމަތިލަމުން ގެންދިޔައީ ގަދަފަދަ ޢަޒުމެވެ. (ޞަފުޙާ: 63)

“Resolution was matched by resolution, the defence was as vigorous, as the attacks.”

މިތާނގައި ފާހަގަކޮށްލާންޖެހެއެވެ. "ގިބޯންސް ވިދާޅުވާގޮތުގައި سـلطـــان محمّـــد ثــانـــــى އަމިއްލަފުޅަށް ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. ދިހަހާސް ސިފައިންގެ ގެމައަކާ އެކުގައެވެ. ސްޓެފަން ސުވޭގު/ޒުވޭގު ވިދާޅުވާގޮތުގައި ޔުނިޗަރީ ސިފައިންގެ ބާރަހާސް ފަހުލަވާނުންގެ ގެމައަކާ އެކުގައެވެ. سـلطـــان محمّـــد ثــانـــــى ގެ އެ ސިފައިންނަކީ ފަނަރަވަނަ ސައްތައިގައި ޔޫރަޕުގެ އެންމެމޮޅަށް ތަމްރީނު ދެވިފައިވާ އެންމެ ޤާބިލު ސިފައިންނެވެ. އެބައިމީހުންނަށް މަގުދައްކަވަމުން ގެންދެވި އިސްވާރަކީ ޚުދު سـلطـــان محمّـــد އެވެ. (ޞަފުޙާ: 63) އެޑްވަޑް ގިބޯންސް ވިދާޅުވާގޮތުގައި سـلطـــان އިންނެވީ އަސްމަތީގައެވެ. އޭނާގެ އަތްޕުޅުގައި ދަގަނޑު ގުރުޒެއް އޮތެވެ."

ރަށް ފަތަޙަވީ ދުޢާގެ ސަބަބުން

عــلاّمــــة أسـلـــم ޖޭރާޖުޕޫރީ ލިޔުއްވައިފައިވެއެވެ. "آقــا شمــس الّــديــــن ނިމުތު ދެއްވައިފައިވާގޮތުން ރަށް ފަތަޙަވާނެ ވަގުތު އަތުވެއްޖެއެވެ. ނަމަވެސް ގަޑިޖެހުނުއިރުވެސް ރަށް ފަތަޙައެއް ނުވެއެވެ. سـلطـــان محمّـــد ގެ ވަޒީރެއް ދުވެވަޑައިގެންފައި آقــا شمــس الّــديــــن ގެ އަރިހަށް ވަޑައިގެންނެވިއެވެ. ވަޒީރު ބައްލަވައިލެއްވިއިރު އެކަލޭގެފާނު އޮންނެވީ ސަޖިދައިގައެވެ. ދުޢާކުރައްވަނީއެވެ. އިރުކޮޅެއްގެފަހުން އިސްތަށިފުޅު އުފުއްލަވައިލައްވައިފައި ވިދާޅުވިއެވެ. "ފަތަޙައިގެ މުބާރިކުބާދީއެވެ! މަރްޙަބާއެވެ!" އެވަގުތު އެއްދިމާއަކުން ރަށުގެ ފާރު ހަލާކުވެއްޖެއެވެ. މުސްލިމުން ރަށަށް ވަދެގެންފިއެވެ. ވަޒީރު آقــا شمــس الّــديــــن ގެ މުބާރިކުބާދީ سـلطـــان محمّـــد الــفــاتــــح އަށް ރައްދުކުރެއްވިއެވެ. سـلطـــان ވަގުތުން ސަޖިދައަށް ތިރިވެވަޑައިގެންފިއެވެ. ތެދުވެވަޑައިގެންފައި ވިދާޅުވިއެވެ. "އަހަރެން ޝުކުރުގެ ސަޖިދަ މިކުރީ އަހަރެންގެ ޒަމާނާ ހަމަޔަށް މިފަދަ ބޭކަލުން ލެހެއްޓެވީތީއެވެ." (ޖާމިޢާ)

މުސްލިމު މުއައްރިޚު مـــولانــا أكــبــــــر شــاه خــــان نجــيب آبــادى މިވާހަކަ ތަންކޮޅެއް ތަފްސީލުކޮށް ވަނީ ލިޔުއްވައިފައެވެ. މިދަންނަވާ ފަދައިންނެވެ.

"ޢުޘްމާނީ ލަޝްކަރުގެ ބަހާދަރުން ރަށުގެ ބުރުޒުތަކަށާއި ފާރުގެ ތަންކޮޅެއް ދެރަވަރު ދިމަދިމާއިން ފާރުމައްޗަށް އެރުމުގައި އެތަކެއްފަހަރު ކާމިޔާބު ހޯދިއެވެ. ނަމަވެސް ފާރުގެ އެތެރެއިން ސިފައިންނާއި ރަށުގެ ރައްޔިތުން، އަންހެނުންނާއި ކުޑަކުދީންނަށް ދާންދެން ގެންދިޔައީ ވަރުގަދަޔަށް ހަނގުރާމަކުރަމުން ރަށް ދިފާޢުކުރަމުންނެވެ. ރަށުގެ ހުރިހައި ފަރާތެއްގައިވެސް ކަންހުރީ އެގޮތަށެވެ. އެއްގަމުމަގުންނާއި ކަނޑުމަގުން ޖޯޝާއި ފޯރިޔާއެކު ވަރުގަދަޔަށް ޙަމަލަދެމުން ގެންދެއެވެ. ހަނގުރާމަ ހިނގަމުންދިޔައީ އަޖައިބުވެ އަންތަރީސްވާހައި ވަރުގަދަޔަށެވެ. ރަށްބޭރު ފާރުދޮށަށް އެތައްބައިވަރު މުޅަ މަސްތަކެއް އެޅިއްޖެއެވެ. އެކަމަކު ރަށް ޙިޞާރުކުރާ މީހުންވެސް، ރަށުގައި ޙިޞާރުވެފައިތިބި މީހުންވެސް ހިންމަތް ދޫކޮށެއް ނުލައެވެ. ހިތްވަރު އެލުވައެއް ނުލައެވެ. މެންދުރުވީއިރު ހަނގުރާމައިގެ އެތައްދަރެއް ހުރީ މައްޗަށް އުފުލިފައެވެ. سـلطـــان އެމަނިކުފާނުގެ މުރްޝިދުގެ އަރިހަށް ވަޒީރަކު ފޮނުއްވިއެވެ. އެވަގުތަކީ ޚާއްޞަގޮތެއްގައި ދުޢާއާއި ރޫޙާނީ މަދަދު ބޭނުންވާ ވަގުތެކެވެ. ޙިޞާރުވެފައިތިބި މީހުންގެ ހިންމަތްތެރިކަމާއި ދިފާޢުގެ ވަރުގަދަކަމުން ޙަމަލަދޭ މީހުންގެ ހިތްކުޑައިވާން ފަށައިފިއެވެ. މިއަދު ރަށް ފަތަޙަ ނުކުރެއްވިއްޖެކަމުގައިވާނަމަ ދެން އެރަށް ފަތަޙަކުރެއްވުން އުނދަގޫވެދާނެކަމަށް سـلطـــان ވިސްނައިވަޑައިގެންނެވިއެވެ. އެހެނީ ޙަމަލަދޭ މީހުންވަނީ ފުރިހަމަ އާރާއި ބާރުގެ ބޭނުންކޮށްފައެވެ. ކޮޅުނެތްކޮޅަށް ހިންމަތްކޮށްފައެވެ. އަލަކުންލާނެ ބާރެއްނެތެވެ. ދައްކާނެ ހިތްވަރެއްނެތެވެ. އެހެންކަމުން މިއަދު ރަށް ފަތަޙަ ނުކުރެއްވިއްޖެކަމުގައިވާނަމަ ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމަކީ މުސްތަޙީލު ކަމެއްކަމަށް ތުރުކިޔޭއިންނަށް ހީވެދާނެތީއެވެ. سـلطـــان ފޮނުއްވި ވަޒީރު އެ ރައްބާނީ މުރްޝިދުގެ ފޭލިގެކޮޅުގެ ކައިރިޔަށް ވަޑައިގެންނެވުމުން ދޮރުވާނު އޭނާ އެތެރެޔަށް ވެދެވަޑައިގެންނެވުން މަނާކޮށްފިއެވެ. ރަސްގެފާނުގެ ވަޒީރު ދޮރުވާނާ ދިމާޔަށް ނުހަނު ހަރުކަށިފުޅުކޮށް އަޑުލެއްވިއެވެ. ވިދާޅުވިއެވެ. "ޝައްކެއްނެތެވެ. މިއީ ވަރަށް ނާޒުކު އަދި ނުރައްކައުތެރި ވަގުތެކެވެ. ރަސްގެފާނުގެ މެސެޖު މުރްޝިދުގެ އަރިހަށް ރައްދުކުރުން ވަރަށް މުހިންމެވެ." ވަޒީރު އެހެން ވިދާޅުވެފައި އެ ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. ވަޒީރަށް ފެނިވަޑައިގެންނެވީ އެ އަޅުވެރިޔާ ސަޖިދައިގައި އޮންނަވައި ދުޢާކުރައްވަނިކޮށެވެ. ވަޒީރު ފޭލިގެކޮޅަށް ވެދެވަޑައިގެންނެވުމުން އެކަލޭގެފާނު އިސްތަށިފުޅު އުފުލައިލައްވައިފައި ވިދާޅުވިއެވެ. "ޤުސްޠަންޠީނިއްޔާ ފަތަޙަވެއްޖެއެވެ."
ވަޒީރަށް އެވާހަކަފުޅު ޔަޤީނެއް ނުކުރެއްވުނެވެ. އެކަމަކު ވަޒީރު އެނބުރިވަޑައިގެންނެވުމުން އޭނާއަށް ފެނިވަޑައިގެންނެވީ ރަސްގެފާނުގެ ދިދަކޮޅު ފާރުމަތީގައި ވިހުރުވި ވިހުރުވި ހުއްޓައެވެ. ކަންވީގޮތަކީ سـلطـــان ދުޢާކޮށްދެއްވަން އެދިވަޑައިގެން ވަޒީރު ފޮނުއްވީ ވަރަށް ނާޒުކު ވަގުތެއްގައެވެ. ވަޒީރު ވަޑައިގެންނެވިތަނާހެން سـلطـــان ގެ ކުރިފުޅުމަތީން ފާރުގެ ބައެއް ވެއްޓިއްޖެއެވެ. މީހަކު ކުރިކަމަކާ ނުލައެވެ. ފާރު ވެއްޓުމުގެ ސަބަބުން ޚަންދަޤުވެސް ބެރިއްޖެއެވެ. މުސްލިމުންނަށް ރަށަށް ވަދެގަތުމުގެ މަގު ސާފުވެއްޖެއެވެ. ފާރުގެ އެބައި ވެއްޓުނު ވަގުތު، ބަނދަރާވީފަރާތުން ކަނޑުގެ ސިފައިންވެސް ރަށުގެ ބުރުޖެއް ހިފައިފިއެވެ. އެ ބުރުޖުގައިވެސް سـلطـــان ގެ ދިދަ ނަގައިފިއެވެ. އެވަގުތު ޔޫނާނީންނަށް ސިހުން ލިބުމާއެކު، ތުރުކިޔޭގެ ކަނޑުގެ ސިފައިން ވަނީ ފުރުސަތުގެ ބޭނުންކޮށްގެން ބޮސްފަރަސްގެ އަނގަމައްޗަށްވެރިވެ ޔޫނާނީން އަޅައިފައިވާ ޗޭނު ދޫކޮށްލައި ޢުޘްމާނީ އަރުމާދު ބޮސްފަރަހަށް ވައްދައިފައެވެ. އެ ބުރުޖަށް ދިދަ ނެގިތަނާއި ފާރު ހަލާކުވެގެން ވެއްޓުނު މަންޒަރު ފެނުމާއެކު سـلطـــان ގެ އަރިހުގައިތިބި ސިފައިން ވަގުތުން ޙަމަލަދީފިއެވެ. ޢީސާއީންވެސް ވަރުގަދަޔަށް ސާބިތުވެތިބެ ދިފާޢީ ޙަމަލަދިނެވެ. އެކަމަކު ސީދާ ކުރިމަތިލައިގެންކުރާ ހަނގުރާމައިގައި މަސީޙީންނަކަށް މުސްލިމުންގެ ކުރިމައްޗަކު ފައިތިލަ ސާބިތުކޮށެއް ނުލެވުނެވެ. އެންމެފަހުން ޤުސްޠަންޠީނިއްޔާ ފަތަޙަވެއްޖެއެވެ. (ޞަފުޙާ: 384)

ޖަރުމަން މުޞަންނިފް ސްޓެފަން ސުވޭގު/ޒުވޭގު ޤުސްޠަންޠީނިއްޔާ ފަތަޙަވުމުގެ އެހެން ސަބަބެއްވެސް ބަޔާންކުރައްވައެވެ. އެއީ ވަރަށް ޝައުޤުވެރި އަދި ޙައިރާންކުރުވަނިވި ސަބަބެކެވެ. އެސަބަބަކީ އެރަށު ބޭރުފާރުގެ ތިންފާރުގެ ތެރެއިން އެންމެ އެތެރޭފާރުގައި ހުންނަ ކުޑަކުޑަ ދޮރެއް އިއްތިފާޤުން ހުޅުވިފައި ހުރުމެވެ. ތުރުކިޔޭއިން ރަށަށް ވަދެގަތީ އެދޮރުންނެވެ. އެއީ ޤުސްޠަންޠީނިއްޔާ ފަތަޙަކުރަން އެބައިމީހުންނަށް ޣައިބުން ލިބުނު މަދަދެއް ކަހަލައެވެ. ސްޓެފަން ސުވޭގު/ޒުވޭގު އެ ހާދިސާގެ ތަފްސީލު ބަޔާންކުރައްވަނީ އަންނަނިވި ފަދައިންނެވެ.

"ވެދާނެކަމަށް ޤަބޫލުކުރާންދަތި ކަމެއްވެއްޖެއެވެ. ރަށުގެ ބޭރުފާރުގައި ހެދިފައިވާ އެތަކެއް ބާގަނޑުތަކުގެ ތެރެއިން ބާގަނޑަކުން ތުރުކިޔޭއިންގެ ބަޔަކު އެތެރެޔަށް ވަދެގެންފިއެވެ. އެއީ އެންމެ ވަރުގަދަޔަށް ހަނގުރާމަ ހިނގަމުންދިޔަ ސަރަޙައްދާ މާދުރުނޫން ހިސާބެކެވެ. އެބައިމީހުންނަކަށް އެންމެއެތެރޭ ފާރުމައްޗަށް ހަރުގަނޑުންލާފައި އަރާކަށެއް ނުކެރުނެވެ. އެކަމަކު އެބައިމީހުން އެތެރެޔަށް ވަދެވޭނެތަނެއް ފެނޭތޯ ހޯދާންފަށައިފިއެވެ. މާކަބޮޑު ރޭވުންތެރިކަމަކާވެސް ގަސްދަކާވެސް ނުލައެވެ. އެބައިމީހުންނަށް ފެނުނީ ޤަބޫލުކުރަން ދަތިވާފަދަ ފަރުވާކުޑަކޮށްލެވުމެއްގެ ސަބަބުން އެތެރޭ ފާރުގެ ދޮރެއް ނުލެއްޕި ހުއްޓައެވެ. އެދޮރަކީ ކެރަކާޕޫޓާ (Kerkaporta) ދޮރެވެ. ކިޔާ ދޮރެވެ. އެދޮރަކީ އަމާންކަމުގެ ދުވަސްވަރު ފައިމަގުގައި ހިނގާމީހުންނަށް ޚާއްޞަކޮށްފައި ހުންނަ ދޮރެކެވެ. ޢަސްކަރީ ޚާއްޞަ އަހަންމިއްޔަތެއްވެސްނެތް ދޮރެކެވެ. އެހެންކަމުން އެދޮރުހުރީ ދޮރުވާނުންގެ ބަޔަކުވެސް ފާރަވެރީންގެ ބަޔަކުވެސްނެތި ދޫކޮށްލެވިފައެވެ. ވޭތުވެދިޔަރޭގެ ވަރުގަދަ ހަނގުރާމައިގެ ޖޯޝާއި ފޯރީގައި އެދޮރު ހުންނަކަންވެސް ހަނދާންނެތިފައި ހުރީއެވެ.

"ތުރުކިޔޭއިންގެ ޔުނިޗަރީ ސިފައިންނަށް އެދޮރު ހުޅުވިފައިހުއްޓައި ފެނުމުން ޙައިރާންވެ އަންތަރީސްވިއެވެ. އިންތިހާދަރަޖައިގެ ވަރުގަދަ ބޯފާރަކުން އަޅައިނުލެވިހުރި ތަނެއް ހޯދައިގަނެވުނީތީއެވެ. އެމީހުން އެންމެފުރަތަމަ ހީކުރީ އެމީހުން ޖައްސަން ދުޝްމިނުން ޖަހައިފައިހުރި ދަންތުރައެއް ކަމުގައެވެ. އެހެނީ އެވަގުތަކީ ފާރުގައި އަޅައިލެވޭ ކޮންމެ ރެނދެއްވެސް ތޮރުފައިލެވޭ ކޮންމެ ބާކޮޅެއްވެސް އިންތިހާޔަށް ސަމާލުކަންދީގެން ބަލަހައްޓަމުންދިޔަ ވަގުތަކަށްވާތީއެވެ. އެފަދަ ކޮންމެ ދިމާޔަކަށް ކެކިކެކިހުންނަ ތެޔޮ ގެންގޮސްދެމުންދިޔަ ވަގުތަކަށް ވާތީއެވެ. ކޮންމެ ބާކޮޅަކާ ދިމާޔަށް ވަރުގަދަ ފަހުލަވާނުން ލޮންސިއާއި ސިލޭހަ ހިފައިގެން ހުސިޔާރުވެތިބި ވަގުތަކަށްވާތީއެވެ. އެކަމަކު ކެރަކާޕޫޓާ ދޮރުއެހެރީ އެއްވެސް އަޅައިލުމެއްނެތި ހުޅުވިފައެވެ. އެދޮރަކީ ރަށުގެ ސީދާ މެދުތެރެޔަށް ހުޅުވައިލެވޭ މަގެކެވެ.

"ތުރުކިޔޭއިން ހިތްވަރާއެކު ކުރިޔަށް އެރިއެވެ. އެހީތެރިވާ ގެމަތަކަށް އަންގައިގެން ވަގުތުން މީހުން ގެނައެވެ. އެއްވެސް ކުރިމަތިލުމެއް ތަޅައިފޮޅުމެއް ހިންގުމަކާނުލައި ވަރަށްބޮޑު ގެމައަކަށް އެތެރެޔަށް ވަދެވިއްޖެއެވެ. ރަށް ދިފާޢުކުރާންތިބި މީހުންގެ ފުށްކަނދުރާއަށް ޙަމަލަދޭން އެދޮރުން ވަދެގަތެވެ. ރަށް ދިފާޢުކުރާންތިބި މީހުންނަށް ތުރުކިޔޭއިން އެބައިމީހުންގެ ފުރަގަހުގައި ތިއްބައި ފެނުމުން ހަޅޭއްލަވާން ފަށައިފިއެވެ. "ދުޝްމިނުން ރަށަށް ވެރިވެއްޖެއޭ" ގޮވާން ފަށައިފިއެވެ. އެހަޅޭއް ހިމެނުނީ ތުރުކިޔޭއިން ބޮޑުބަޑިތަކުން ޖަހަމުންދިޔަ އުންޑަތަކަށްވުރެ މާ ގެއްލުންބޮޑު ހަޅޭކެއް ކަމުގައެވެ. މާބޮޑަށް ހަލާކުހުރި އަޑެއް ކަމުގައެވެ.

"ތުރުކިޔޭއިންވެސް ރަށުތެރޭގައްޔާއި ރަށްބޭރުގައި އެއަޑު ފަތުރައިލިއެވެ. "ރަށް ފަތަޙަވެއްޖެއޭ" ގޮވާންފަށައިފިއެވެ. އެއާވިދިގެން ރަށުގެ ދިފާޢީ ބާރު ހުވާސް ހިނގައިފިއެވެ. ނަތީޖާއަކަށްވީ (ޤުސްޠަންޠީން ގެންނަވައިފައިވާ) ކުލީސިފައިންވެސް އެބައިމީހުންނަށް ކެއްސެއް ލިބިއްޖެކަމުގައި ނުވަތަ އެބައިމީހުން ތުރުކިޔޭއިންގެ ގޮނީގެ ތެރޭގައި ބެދިއްޖެކަމަށްހީކޮށް އެބައިމީހުންތިބި ދިފާޢީ މަޤާމުތައް ދޫކޮށްލައިފައި ގޯލްޑަންހޯނުގެ އަނގަމަތީގައިހުރި ޔޫނާނީ ނާފަހަރާ ދިމާޔަށް ދުވެފިލުމެވެ. ޝަހެންޝާހު ކޮންސްޓަންޓެއިން ފިލައިގެންދާ މީހުން ހުއްޓުވަން އެމަނިކުފާނުގެ ވަފާތެރި އެކުވެރީންގެ މަދު މީސްކޮޅަކާއެކު މަސައްކަތްޕުޅު ކުރެއްވިއެވެ. އެމަނިކުފާނުގެ މީހުން އެއްތަންކުރެއްވުމަށާއި ޙިޞާރުކުރާ މީހުން (ތުރުކިޔޭއިން) ނާ ކުރިމަތިލައްވަން ކުރިޔަށް އަރައިވަޑައިގަންނަވާން ނާކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. (ކަނީސަތުލް ޙަވާރިއްޔީންގެ ކައިރީގައި ރުކުރުވާލައްވައިފައިވާ ރިޒާވް ލަޝްކަރުވެސް ގެންނެވިއެވެ. ކަނީސަތުލް ޙަވާރިއްޔީން ހުރީ މިހާރު مـسجــد الــفــاتــــح އެހެރަތާނގައެވެ - އެކަމަކު ނަޞްރު އައިސް ބައްދަލުކުރީމާ ދެއްކޭނީ ކޮންބާރެއްތޯއެވެ؟) އެމަނިކުފާނު ކުޑަވެސް ސަނާހަތެއްނެތި ސީދާ ކުރިމަތިލައްވައިގެން ހަނގުރާމަ ކުރައްވަނިކޮށް ޤަތުލުވެއްޖެއެވެ. އެމަނިކުފާނުގެ ހަށިކޮޅު ފެނުނީ ވިދިގެންއައި ދުވަހުއެވެ. މުޅަ ގަބުރުތަކުގެ ފުންޏެއްގެ ތެރެއިންނެވެ. ހަށިކޮޅު ފާހަގަކުރެވުނީ، ރަތްކުލައިގެ ފައިވާންޖޯޑުކޮޅުގެ ސަބަބުންނެވެ. އެ ފައިވާންޖޯޑުކޮޅުގައި ރަންކުލައިގެ ބާޒެއް ޖަހައިފައި ހުރުމުގެ ސަބަބުން އެ ފައިވާންޖޯޑުކޮޅު ވަރަށްބޮޑަށް ފާހަގަކުރެވުނެވެ. އެގޮތުން ސާބިތުވެފައިވަނީ ރޫމީންގެ އިރުމަތީ ރަސްކަމުގެ އެންމެފަހުގެ ޝަހެންޝާހު އަވަހާރަވީ ރޫމީ ހިތްވަރުފުޅު ގަދަކަމާއި ފިރިހެންވަންތަކަމާއެކު އޭނާގެ ރަސްކަން ދިފާޢުކުރައްވަން ނާކާމިޔާބު މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވަނިކޮށްކަމެވެ.

މުޞަންނިފް އިތުރަށް ލިޔުއްވައިފައިވެއެވެ. "ތާރީޚުގެ މިޞްރާބު ބަދަލުކޮށްލީ އަޖައިބުވާފަދަ އިއްތިފާޤަކުން ހަނދާން ނައްތައިލެވިފައިހުރި ކެރަކާޕޫޓާ ދޮރޯއްޓެވެ." (ތަޤްދީރުގެ އުދައަސްތަވުން، ޞަފުޙާ: 64، 65)

ޤުރްބާންވި މުޖާހިދެއް

އިސްތަންބޫލު ފަތަޙަކުރުމުގެ ވާހަކަލިޔާ ކޮންމެ މުސްލިމު މުއައްރިޚަކު ހަނދާން ނައްތައިލައިގެންނުވާނެ ޤުރްބާންވީ މުޖާހިދެއްގެ ނަންފުޅު މިތާނގައި ލިޔެލަމެވެ. އެ މުޖާހިދަކީ އުލުބަތުލީ حـســن އެވެ. އާދެ، ޔުނިޗަރީ ސިފައިންގެ ކޮމާންޑަރ އާޣާ حـســن އެވެ. ޤުސްޠަންޠީނިއްޔާގެ (ސެއިންޓް ރޮމާނޫސް ދޮރޯށީގެ ބޮޑު ބުރުޖުމަތީގައި ހުންނަ ރޫމީ ބޮޑުދިދަ ވައްޓައިލެއްވުމަށްފަހު އެތާނގައި) އެންމެފުރަތަމަ އިސްލާމީދިދަ ވަޔާ ވިހުރުވައިލެއްވީ އޭނާއެވެ. އޭނާއަކީ ނުހަނު ހަށިހެޔޮ އަދި ނުހަނު ހިތްވަރުފުޅާއި ފަންވަރުފުޅުހުރި މުޖާހިދެކެވެ. سـلطـــان محمّـــد الــفــاتــــح ޚާއްޞަގޮތެއްގައި އިތުބާރުކުރެއްވި އޮފިސަރެކެވެ. سـلطـــان ގެ ވަރަށް އަރިސް ބޭފުޅެކެވެ. އޭނާ އެންމެފުރަތަމަ ފާރުމައްޗަށް އަރައިވަޑައިގެންނެވީ ތިރީސް މުޖާހިދުން ގޮވައިގެންނެވެ. އޭނާއާއި އޭނާގެ އެކުވެރީންކުރެ އަށާރަ މުޖާހިދުންވަނީ ޝަހީދުވެފައެވެ. އެކަމަކު އެމަތިވެރި ޝަހީދުން ވަނީ އެހެނިހެން މުޖާހިދުންނަށް ފާރުމައްޗަށް އަރައިގަންނަން މަގުފަހިކޮށްދއްވައިފައެވެ. އެ މުޖާހިދުން ވަނީ ރޫމީން ބަލަބަލައިތިއްބައި ފާރުމަތީން އަރައިވަޑައިގެން ރަށުތެރެޔަށް ވެދެވަޑައިގެންފައެވެ. ނަތީޖާއެއްގެގޮތުން އެދުވަހުގެ މެންދުރުކުރީން ވަނީ އިސްތަންބޫލު ފަތަޙަވެފައެވެ. އާޣާ حـســن ޝަހީދުވެވަޑައިގެން ވެއްޓިވަޑައިގެންނެވިއިރު އޭނާގެ ހަށިކޮޅުގައި ކަނޑިޔާއި ލޮންސީގެ ވަރަށްގިނަ ފާރުތައް ހުއްޓެވެ. ވަރަށް ފުނަށް ހެރިފައިހުރި ހަތާވީސް ތީރު ހުއްޓެވެ. އެ ޒަޚަމްތަކުން ފޭބިލޭ އޮހޮރެމުންދިޔައީ މުސްލިމު ތުރުކިޔޭގެ ހަނދުފަޅިޖެހި ދިދައިގެ ބުޑަށެވެ.

ތާރީފުގެ ޖިޒީއެއް

މުސްލިމުންނަކީ ވަރަށް ހިތްވަރުގަދަ ބަޔެކެވެ. އެހެންކަމުން މުސްލިމުން ހިތްވަރުގަދަ ކޮންމެ މީހެއްގެ އަގުވަޒަން ކުރެއެވެ. މުސްލިމުންގެ ދުޝްމިނެއްކަމުގައި ވިޔަސްވެހެވެ. އެހެންކަމުން އަޅުގަނޑުމެން ޝަހެންޝާހު ޤުސްޠަންޠީނަށްވެސް ތާރީފުގެ ޖިޒީ އަދާކުރަމުއެވެ. އޭނާ އޭނާގެ ޤައުމާއި ދީނަށްޓަކައި ފުރާނައިން ޤުރްބާންވެވަޑައިގެންނެވީ ހިތްވަރުގަދަ ސިފައިންގެ މީހަކު ފަދައިންނެވެ. އޭނާ އެންމެފަހު ވަގުތާ ހަމަޔަށްވެސް ހަނގުރާމަ ކުރެއްވިއެވެ. ނުހަނުގަދަ ހިތްވަރުފުޅާއި ފިރިހެންވަންތަކަމާ އެކުގައެވެ. އޭނާ ޤަތުލުވީ އެގޮތަށް ހަނގުރާމަ ކުރައްވަނިކޮށެވެ. ޤައިޞަރު އޭނާ ހުންނަވަން ޚިޔާލުކުރެއްވީ ސެއިންޓް ރޮމާނޫސް ދޮރޯށީގެ ކުރިމައްޗެވެ. އެއީ މިހަނގުރާމައިގެ އެންމެ ނުރައްކައުތެރި އެންމެ ބިރުވެރި މަރުކަޒެވެ. އެންމެ ވަރުގަދަޔަށް ހަނގުރާމަ ހިނގިދިމާއެވެ. އޭނާ ބޭނުންފުޅުނަމަ ފިލައިވަޑައިގެން ޔޫރަޕުގެ އެހެން ޤައުމަކަށް ވަޑައިގެންނެވުނީހެވެ. އޭނާގެ ވަފާތެރި ބައެއް އެކުވެރީން މުޙާޞިރާގެ ތެރޭގައިވަނީ އެގޮތަށް ލަފާވެސް އަރުއްވާފައެވެ.

سـلطـــان محمّـــد الــفــاتــــح ގެ މުޞަންނިފް ލިޔުއްވައިފައިވެއެވެ.

"ޝަހެންޝާހު ނުހަނު މަޑުމައިތިރިކަމާއެކު އެބޭފުޅުންގެ ވާހަކަފުޅުތައް އަޑުއެއްސެވިއެވެ. އިސްދަށަށް ޖައްސަވައިގެން އިންނަވައި ވަރަށްގިނައިރު ވިސްނައިވަޑައިގެންނެވިއެވެ. ދެން އިސްއުފުލައިލައްވައިފައި އެމަނިކުފާނުގެ އެކުވެރީންގެ އެ އިޚްލާޞްތެރި މަޝްވަރާއަށް ޝުކުރު އަދާކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "ރަށުން ފޭބުމުން ޝަޚްޞީގޮތުން އަޅުގަނޑަށް ލާބައެއް ކުރުމަކީވެސް އެކަށީގެންނުވާ ކަމެއްނޫނެވެ. އެހެންކަމުގައިވިޔަސް އަޅުގަނޑު މިރަށުން ދިޔުމަކީ އެއްވެސްގޮތަކުން ރަނގަޅު ކަމެއްނޫނެވެ. އަޅުގަނޑު މިރަށުގެ ފައްޅިތަކުގައި ރޭގަނޑާއި ދުވާލު އަޅުކަން ކުރީމެވެ. އަޅުގަނޑަށް އަޅުގަނޑުގެ ވަފާތެރި އެކުވެރީންނާއި ހިތްވަރުގަދަ ރައްޔިތުން ދޫކޮށްލައިފައި ދެވޭނީ ކިހިނަކުންތޯއެވެ. އެހެން ހަދައިފިކަމުގައިވާނަމަ ދުނިޔެ އަޅުގަނޑާމެދު ބުނާނީވެސް ކީކޭތޯއެވެ؟ އަޅުގަނޑު އުންމީދުކުރަނީ ތިޔަބޭފުޅުން ތިޔަ މައްސަލައިގައި އަލުން އަޅުގަނޑާ ވާހަކަ ނުދައްކަވާނެ ކަމުގައެވެ. އަޅުގަނޑަކަށެއް އަޅުގަނޑުގެ އެކުވެރީން ދޫކޮށެއް ނުލެވޭނެއެވެ. މިގޮތުން އަޅުގަނޑަށް މަރާ ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސްވެހެވެ." ޝަހެންޝާހުގެ ވާހަކަފުޅު މިހައިތަނަށް ގެންދެވުނުއިރު ޝަހެންޝާހަށް ކީރިތިކުރެއްވިއްޖެއެވެ. ޝަހެންޝާހުގެ އެކުވެރީންވެސް ގިސްލައްވައިފައި ކީރިތިކުރެއްވިއެވެ. (ޞަފުޙާ: 75) އާދެ، ޝަހެންޝާހު ޤުސްޠަންޠީން ވަރަށް ހިތްވަރުފުޅު ގަދައެވެ. އެމަނިކުފާނު ރޫމީ ހިތްވަރު ގަދަކަމުގެ ޙައްޤު އަދާކުރެއްވިއެވެ."

سـلطـــان الــفــاتــــح އިސްތަންބޫލަށް އަރައިވަޑައިގެންނެވުން

މިސުރުގެ ޢިލްމުވެރިޔެއްކަމުގައިވާ ޑޮކްޓަރ محمّـــد مـصـطـفــــى صفـــــوت ލިޔުއްވައިފައިވެއެވެ.

ޤުސްޠަންޠީނިއްޔާގެ ފާތިޙު سـلطـــان محمّـــد ثــانـــــى އެމަނިކުފާނުގެ ވަޒީރުންނާއި ލަޝްކަރުގެ ކޮމާންޑަރުންނާއި ސިފައިންގެ ގާޑާއެކު އިސްތަންބޫލަށް އަރައިވަޑައިގެންނެވީ މެންދުރު ވަގުތުއެވެ. ސެއިންޓް ރޮމާނޫސް ދޮރޯށީންނެވެ. އެމަނިކުފާނު ރަށުގެ ބާޒާރުމަތީން ލައްވައިފައި އެންމެފުރަތަމަވެސް ވަޑައިގެންނެވީ ސެއިންޓް އަޔާސޯފިޔާ އަށެވެ. އަޔާސޯފިޔާގެ ދޮރުމައްޗަށް ހުއްޓިވަޑައިގެން ފައިވާންޖޯޑުކޮޅު ބޭލުއްވިއެވެ. މާތް اللّـــه އަށް ޝުކުރު ދެންނެވުމަށާއި އެކަލާނގެ ޙަޟްރަތުގައި ޢާޖިޒުވެވަޑައިގެންނެވުމުގެގޮތުން އިސްތަށިފުޅަށް ވެލިމުށެއް އަޅުއްވައިލެއްވިއެވެ. އެއަށްފަހު އަޔާސޯފިޔާއަށް ވެދެވަޑައިގެންނެވިއެވެ. އަޔާސޯފިޔާގެ ރީތިކަމާއި ފުރިހަމަކަމާމެދު އެމަނިކުފާނު ޙައިރާންފުޅުވިއެވެ. ސީދާ ވަޑައިގެންނެވީ އަޔާސޯފިޔާގެ ޤުރްބާންގާހަށެވެ. އެތަނަށް ވަޑައިގެން ފާދިރީންނާ ބައްދަލުކުރެއްވިއެވެ. سـلطـــان الــفــاتــــح އެބައިމީހުންނަށް ތަސައްލީ ދެއްވައި ހިތްހަމަޖައްސައިދެއްވިއެވެ. އެމީހުންނަށް އެއްވެސްކަހަލަ ދުކެއް ގެއްލުމެއް ނުދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެބައިމީހުން ޢާންމުކޮށް ޖުލޫސު ނެރޭއިރު ގެންގުޅޭ ސާމާނުތައް ހިފައިގެން އަސްމަތީގައި ރަށުތެރޭގައި ޖުލޫސެއްނެރޭން އެންގެވިއެވެ. އެބައިމީހުންނަށް މިނިވަންކަން ލިބިގެންވާކަން މީހުނަށް އަންގަން ވިދާޅުވިއެވެ."

ޤުސްޠަންޠީނިއްޔާގެ ވަޒަންވެރީންކުރެ ފުރާނަ ސަލާމަތްކުރާން އަޔާސޯފިޔާއަށް ވަދެތިބި މީހުނާ ބައްދަލުކުރައްވައި އެބައިމީހުންގެ ޖާނާއި މާލަށް ޙިމާޔަތް ދެއްވާނެކަން ބަޔާންކުރެއްވިއެވެ. އެބައިމީހުންނަށް ދީނީ މިނިވަންކަން ފުރިހަމަޔަށް ލިބިގެންވާކަމާއި އެބައިމީހުންގެ ދީނާ ބެހިވަޑައި ނުގަންނަވާނެކަން އަންގަވައި އަމާންކަމާއެކު ގޭގެއަށްދާން އަމުރުކުރެއްވިއެވެ. މުސްލިމުން އިސްތަންބޫލު ފަތަޙަކުރާން އުޅޭތީއާއި މުސްލިމުން އިސްތަންބޫލަށް އެރުމުން ބިރުން ރަށްރަށް ދޫކޮށްލައިފައިދިޔަ އެންމެންނަށްވެސް އެނބުރި އައުމުގެ މިނިވަންކަން އޮތްކަން އިޢުލާން ކުރެއްވިއެވެ. އެމީހުންގެ ގެދޮރާއި އުފުލޭ އަދި ނުއުފުލޭ މުދާ އެބައިމީހުންނަށް ހުރިކަމާއި އެމީހުން އެނބުރިއައިސް އެމުދަލާ ޙަވާލުވަންދެން ސަރުކާރުން އެމުދާ ބަލަހައްޓަވައިދެއްވާނެކަންވެސް އިޢުލާން ކުރެއްވިއެވެ.

ޑޮކްޓަރ محمّـــد مـصـطـفــــى صفـــــوت އަދިވެސް ލިޔުއްވައިފައިވެއެވެ.

"ތުރުކިޔޭއިންވަނީ ރޫމުގެ ޢީސާއީ ޝަހެންޝާހުންގެ ދައުރުގައިވެސް އަޔާސޯފިޔާގެ އެންމެއިސް އޮފިސަރަށް ލިބިވަޑައިގެންފައިއޮތް ޢިއްޒަތާއި އިޚްތިޔާރާއި ޢިނާޔަތްތައް އޭނާއަށް ހަމަޔަށް ދެއްވައިފައެވެ. އަދި ކީއްތޯއެވެ؟ ޢަދާލަތުގެ ތަނަވަސް އިޚްތިޔާރުވެސް އޭނާޔަށް ދެއްވިއެވެ. ދެޚަޞްމުންނަކީ މަސީޙީން ކަމުގައިވާނަމަ ޤުސްޠަންޠީނިއްޔާގެ ބިޠުރީޤަށް އޭނާގެ ޢަދާލަތުގައި އެ ޤަޟިއްޔާއެއްގެ ނިޔާކަނޑައެޅުއްވިދާނެއެވެ. ކުށްވެރީން ޖޫރިމަނާކުރެއްވުމާއި މުޖްރިމުންނަށް ޖަލުގެ އަދަބު ދެއްވުމަކީވެސް ބިޠުރީޤަށް އިޚްތިޔާރު ދެއްވައިފައިވާ ކަމެކެވެ. އެކަމަކު މަސީޙީންނަށް ޚާއްޞަކުރައްވައިފައިވަނީ މުސްލިމުންނާ ތަފާތު ޖަލެކެވެ. މަސީޙީ ކުށްވެރީންނަށް މަރުގެ އަދަބު ދެއްވުމުގެ އިޚްތިޔާރުވެސް ބިޠުރީޤަށް ދެއްވިއެވެ. سـلطـــان محمّـــد الــفــاتــــح އެމަނިކުފާނުގެ ވަޒީރުންނަށާއި ފުރަދާނައިންނަށް އަންގަވައިފައިވަނީ މަސީޙީ ކުށްވެރީންގެ ޝަރީޢަތްތަކުގައި ބިޠުރީޤު (ޕެޓްރިއާކް/ބިޝޮޕް) ކުރައްވާ ޙުކުމްތައް ތަންފީޒު ކޮށްދެއްވުމަށެވެ.

"سـلطـــان محمّـــد الــفــاتــــح އިސްތަންބޫލު ފަތަޙަކުރެއްވުމުގެ ކުރީން އިސްތަންބޫލުގައި އޮތް ޢީސާއީ ދައުލަތުން ވަނީ އިސްތަންބޫލުގެ ރައްޔިތުންގެ ދީނީކަންކަމާ ވަރަށް މައްޗަށް ބެހިފައެވެ. އެކަމަކު ތުރުކިޔޭއިން ޢީސާއީ ރައްޔިތުންގެ ދީނީކަންކަމުގެ ތެރެޔަކަށް އެއްވެސް ސިފައެއްގައި އަތެއް ނުބާނުއްވައެވެ. އިސްތަންބޫލުގެ ޕެޓްރިއާކާއި އޭނާގެ ދީނީ މަޝްވަރާ މަޖިލީހަށް ފުރިހަމަ އިޚްތިޔާރު ދޫކޮށްލެއްވީއެވެ. ދީނުގެ ޙުކުމްތައް ހިންގެވުމާއި ދީނީ ކަންކަން އިންތިޒާމު ކުރެއްވުމުގައި އެބޭފުޅުންނަކީ ފުރިހަމަ އިޚްތިޔާރު ލިބިގެންވާ ބޭފުޅުންކަމުގައި ހަމަޖެއްސެވިއެވެ. ޕެޓްރިއާކް ބޭނުންފުޅު ކޮންމެ ވަގުތަކު ދީނީ މުޝީރުންގެ ސިންތާ މަޖިލިސް ބޭއްވެވެއެވެ. ޢީސަވީ ފިޤުހުގެ އުސޫލުތަކާ އެއްގޮތަށް ހުރިހައި މައްސަލަތަކެއް ނިންމެވެއެވެ. ސަރުކާރުން އެމައްސަލަތަކުގެ ތެރެޔަކަށް ވެދެވަޑައެއް ނުގަންނަވައެވެ. އިސްތަންބޫލުގެ ޕެޓްރިއާކަކީ އެއް ހައިސިއްޔަތަކުން ބަލާއިރު ސަރުކާރުގެ ފުރަދާނައެކެވެ. އެކިއެކި ދަތިތަކާއި އުނދަގޫތައް ކުރިމަތިވެފައިވާ ޢީސާއީންގެ މައްސަލަތައް ބައްލަވައި އެކަންކަމުގެ ޙައްލު ހޯއްދަވައިދެއްވުމަކީވެސް ޕެޓްރިއާކުގެ މަސްއޫލިއްޔަތެކެވެ. ތުރުކިޔޭ ގަވަރުނަރެއްގެ ފަރާތުން ޢީސާއީއަކަށް އެއްވެސްކަހަލަ ގޯނާއެއް ފޯރާކަމުގައިވާނަމަ ޕެޓްރިއާކަށް އެކަމާ ބެހިވަޑައިގެންނެވެއެވެ. އިސްތަންބޫލުގެ ޕެޓްރިއާކަށް ލިބިވަޑައިގެންފައިވާ އިޚްތިޔާރުތަކާއި މަސީޙީންގެ ދީނީ މިނިވަންކަން ބަޔާންކުރައްވައި سـلطـــان محمّـــد الــفــاتــــح ސިއްކަޖެއްސެވި ފަތްކޮޅެއްވެސް ދެއްވިއެވެ.

"އިސްތަންބޫލުން ބޭރުގެ އެކިއެކި ރަށްރަށާއި އަވަށްއަވަށުގައި ތިއްބަވާ ޢީސާއީ އުސްޤުފުންނަށްވެސް ނުހަނު އިޙްތިރާމާއި ޢިއްޒަތް ވަނީ ލިބިވަޑައިގެންފައެވެ. ޝަރީޢަތް ހިންގުމުގެ އިޚްތިޔާރާއި ބާރުވެސް އެބޭފުޅުންނަށް އޮވެއެވެ. މިއަދާހަމަޔަށްވެސް އުސްޤުފުން ގެންދަވަނީ އެބޭފުޅުންގެ ސަރަޙައްދުތަކުގެ ޢީސާއީންގެ މައްޗަށް ވެރިކަން ހިންގަވަމުންނެވެ. ތުރުކިޔޭ ޙާކިމުންނެކޭ އެއްބީދައަކުންނެވެ. (ދަޢުވަތެ އިސްލާމް، އުރުދޫ ތަރުޖަމާ، ޞަފުޙާ: 164، 165)

ލޯޑް އެވާރސްލީ ވެސް މިކަންކަން ޤަބޫލުކުރައްވައެވެ. "محمّـــد ގެ މި މަތިވެރި ބޮޑު ދީލަތިފުޅުކަމަކީ އެދުވަސްވަރުގެ މަސީޙީ ޔޫރަޕުގެ ސިޔާސީ އަޚްލާޤިއްޔާތަށްވުރެވެސް މާބޮޑަށް ކުރިޔަށްހުރި ކަންކަމެވެ. މާމަތިވެރި ދީލަތިފުޅު ކަމެކެވެ. އެދުވަސްވަރު ސްޕޭނުގެ ޢީސާއީން ގެންދިޔައީ އެބައިމީހުން ހައްޔަރުކުރާ މުސްލިމުން (މޯރސް) ޢީސާއީ މަޒުހަބު އިޚްތިޔާރުކުރުމާ އިންކާރުކޮށްފިނަމަ (ފިތްކަނޑައިގެން ދާވަރުގެ ވަޙްޝީ އަދަބުދެމުން) ރަށުން ބޭރުކުރަމުންނެވެ. ސްޕޭނުގެ ޢީސާއީން محمّـــد ދެއްކެވި ނަމޫނާއަކަށް ޢަމަލެއް ނުކުރެއެވެ."

سـلطـــان الــفــاتــــح އަޔާސޯފިޔާގައި އެދުވަހުގެ ޢަޞުރުނަމާދު ކުރައްވައިގެން ވަޑައިގެންނެވީ ރަށުތެރެ ބައްލަވައިލައްވާށެވެ. އެމަނިކުފާނަށް ރަށުގެ އެކިހިސާބުހިސާބުން ކުރީގެ ޤައިޞަރުންގެ ރީތި ފައްކާ ގަނޑުވަރުތައް ފެނިވަޑައިގެންނެވުމުން ވަރަށްބޮޑު ޢިބްރަތެއް ކަމުގައިވިއެވެ. ކުއްލިޔަކަށް އެމަނިކުފާނަށް ވިދާޅުވެވުނީ ފިރުދައުސީގެ އަންނަނިވި ޅެންބައިތެވެ. ފާރިސީބަހުގެ އެ ޅެންބައިތުގެ މަފްހޫމަކީ

"އީރާނުގެ ޝަހެންޝާހު ކިސްރާގެ ގަނޑުވަރުގައިވަނީ މަކުނުވާ ފުރައިފައެވެ.
އަފުރާސިޔާބުގެ މުންނާރުތައްވަނީ ބަކަމޫނުތައް ބެރުޖަހާ ތަނަކަށްވެފައެވެ."

އިނގިރޭސި މުއައްރިޚު ލޭންޕޫލާއި ކްރޭޒީއާއި ގިބޯންސްވެސް ވަނީ سـلطـــان محمّـــد الــفــاتــــح މި ޅެންބައިތު ވިދާޅުވި ވާހަކަ ލިޔުއްވައިފައެވެ. ލޭންޕޫލާއި ކްރޭޒީ ލިޔުއްވައިފައިވަނީ ޅެންބައިތުގެ އިނގިރޭސި ތަރުޖަމާއެވެ.

ޤުސްޠަންޠީނިއްޔާ ފަތަޙަވި ތާރީޚު

ޤުސްޠަންޠީނިއްޔާ ފަތަޙަވި ތާރީޚު ތަފާތު ގޮތްގޮތަށް ބަޔާންކުރެވިފައި ހުރެއެވެ. އެކަމަކު އަޅުގަނޑު މިތާނގައި މިނަކަލުކޮށްލަނީ އެ ތާރީޚުގެ ދެ ބަޔާންކުރުމެކެވެ. ޢިލްމުވެރި ޝާޢިރެއް އެ ތާރީޚު ބަޔާންކުރައްވައި ޅެންބައިތެއް ވިދާޅުވެފައިވެއެވެ.

(ނުނިމޭ)