އެއްވެސް ގައުމަކާ ދުޝްމަނުކަމެއް ނެތް ގައުމެއް ދުނިޔޭގައި މަދުވާނެ ކަމަށާއި ރާއްޖެއާ ދެކޮޅުވެރި ގައުމެއް ނެތުމަކީ ލިބިފައިވާ ވަރަށް ބޮޑު ނަސީބެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން އިސްނަގައިގެން ކިޔަވާ ދަރިވަރުންނަށާއި ޔުނިވާސިޓީތަކުގެ ދަރިވަރުންނަށް އަދި ސަރުކާރު ވުޒާރާތަކަށް އަމާޒުކޮށްގެން ހާރިޖީ ސިޔާސަތާއި އެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަދު ފެށި ފޮސިމް އައުޓްރީޗް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމަކާއި ރާއްޖެއާ ގުޅުން ރަނގަޅު ކަމަށެވެ.
"އަޅުގަނޑުމެންނާއެކު އެއްވެސް ރުޅިވެރިކަމެއް އެއްވެސް ހަމަނުޖެހުމެއް އޮތް އެއްވެސް ގައުމެއް ނެތް. އަޅުގަނޑުމެންނަކީ، ދިވެހިރާއްޖެއަކީ، ދިވެހި ދައުލަތަކީ އެއްވެސް ބައެއްގެ ދުޝްމަނެއް ނޫން. އަޅުގަނޑުމެން އެންމެނާވެސް ރައްޓެހި. ހައްތަހާވެސް އަޅުގަނޑުމެންގެ ރައްޓެހި ގައުމުތައް. ދުނިޔޭގެ ވަރަށް މަދު ގައުމަށް އޮތް ނަސީބެއް އެއްވެސް ގައުމަކާ ދުޝްމަނުކަމެއްނެތި، އަރާރުމެއް ނެތި ރީތިކޮށް އުޅުން" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރާއްޖެއަކީ އެންމެ ކުރީއްސުރެ ފެށިގެން ވެސް ދުނިޔޭގެ ބާރުތަކާއެކު ގާތް ގުޅުމެއް ބޭއްވި ގައުމެއް ކަމަށާއި އެކަމުގެ ހެކިތައް ޗައިނާގެ އާސާރީ ލިޔުންތަކުންނާއި އޮޓޮމަން އެމްޕަޔާގެ ލިޔުންތަކުން ފެންނަން ހުންނާނެ ކަމަށެވެ.
ރާއްޖެއަކީ ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި ގައުމުތަކުން ބަލައިގަތުމަކީ ރާއްޖެއަށް ލިބޭ އުފަލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ 96 ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ރާއްޖެ ހިމެނުމަކީ ޒަމާނުއްސުރެ ރާއްޖެއިން ހާރިޖީ ސިޔާސަތަށް އިސްކަން ދީގެން މަސައްކަތް ކުރިކަމުގެ ނަތީޖާ ކަމަށެވެ. ޔުނައިޓެޑް ނޭޝަންގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ރާއްޖެ ހިމެނުނީ 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށާއި އެއިރު ރާއްޖެއަކީ ވަރަށް ފަގީރު އަދި ކުޑަ ގައުމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"ރާއްޖެއަކީ އެހާތަނަށް އދ. ގެ މަޖިލީހުގެ މެމްބަރުކަން ހޯދި އެންމެ ކުޑަ ގައުމު، އެންމެ ކުޑަ ގައުމު. އަޅުގަނޑުމެން އދ. ގެ މެމްބަރަކަށްވީ އިރު އަޅުގަނޑުމެންނަކީ ދުނިޔޭގެ ގައުމުތަކުގެ ލިސްޓުގައި ފަހަތުން ހަތްވަނަ، ފަގީރުކަމުން. އެންމެ ފަގީރު ހަތްވަނަ ގައުމު ދުނިޔޭގެ ލިސްޓުގަ،" ޝާހިދު ވިދާޅުވިއެވެ.
އދ. ގެ މެމްބަރު ގައުމަކަށް ރާއްޖެވުމުން އެކަމުގެ ބަދަލު މުޅި ދުނިޔެއިން ފެނިގެން ދިޔަ ކަމަށާއި އެގޮތުން އަޅުވެތިކަމުގައި ތިބި ގައުމުތައް މިނިވަން ކަމަށް ވަކާލާތު ކުރަންފެށި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަށްވެސް މިނިވަންކަން ލިބިއްޖޭ، އެހެންވީމާ ތިމަންނަމެންނަށްވެސް އދ. ގެ ހިމާޔަތުގެ ތެރެއަށް ދިޔުމުގެ ފުރުސަތު އެބައޮތޭ،" ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަޅުވެތިކަމުން މިނިވަންވުމަށް ގައުމުތަކަށް ހިތްވަރު ލިބިގެން ދިޔައީ ރާއްޖޭގެ ސަބަބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު