މިމަހު އެއްވަނަދުވަހުންފެށިގެން މަތިވެރިން ގެއްލިގެން ހޯދަމުންދާ، އއ.މަތިވެރި ރިހިވެލި/ ހަސަން އަލީ (ހަސަންފުޅުބެ) (73އ) އާއި މިމަހު ހަތަރުވަނަ ދުވަހުން ފެށިގެން މާލެ އިން ގެއްލިގެން ހޯދަމުން އަންނަ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) ގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ކޮމިޓީގެ މުގައްރިރަށް ލިބިފައިވާ ފުރުސަތުގެ ދަށުން އެ މައްސަލަ ކޮމިޓީއަށް ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ، އެއީ އެތައް ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ.

އެހެންކަމުން އެމީހުން ހޯދުމުގައި ފުލުހުން އަމަލު ކުރަމުދާ ގޮތުގެ ތަފްސީލްތަކާއި، އެކަމާބެހޭގޮތުން ފުލުހުންގެ ފަރާތުން ހޯދަން ޖެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި އެކަން ކޮމެޓީން ބަލަން ޖެހޭ ކަމަށެވެ.

އަސްލަމް މި މައްސަލަ ހުށަހެޅުއްވުމުން އެކަމަށް ތާއީދު ކުރައްވައި މަޑުއްވަރީ ދާއިރާގެ މެންބަރު، އާދަމް ޝަރީފް ވިދާޅުވީ، އެ ދެމީހުން ގެއްލުނު މައްސަލައިގައި އާއިލާގެ ހުރި ކަންބޮޑުވުންތައް އޭނާއާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެކަމުގައި ފުލުހުން ކުރިއަށް ގެންދާ މަސައްކަތްތަކާބެހޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ފުލުހުން ދެމުންނުދާ ކަމުގެ ޝަކުވާ އެ ފަރާތުން ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީގެ މުގައްރިރަކީ އެފަދަ އެހެން މައްސަލަ ތަކުގައިވެސް މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވާ ފަރާތެއް ކަމުން މުގައްރިރުގެ ހައިސިއްޔަތުން އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީތީ، ޝަރީފް އަސްލަމަށް ޝުކުރު އަދާ ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ އެ މައްސަލައާ ބެހޭގޮތުން ފުލުހުންގެ ފަރާތުން ކަމާބެހޭ މައުލޫމާތު ހޯދުމަށްފަހު، ކޮމިޓީގެ އެހެން ބައްދަލުވުމެއްގައި އެ މައްސަލައަށް މަޝްވަރާ ކުރުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެ ދެ މީހުން ގެއްލުނު މައްސަލައިގައި މެންބަރު ޝަރީފު ވަނީ ގެއްލޭ މީހުން ހޯދުން ހަރުދަނާ ކުރަން ސަރުކާރަށް ގޮވާލައި މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލައިފައެވެ.