މިފްކޯއިން 22.8 މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ގަނެފައިވާ ތ. ފުނައްޑޫ މަސްފެކްޓްރީއަށް މަސް ގަންނަން ކުރަންޖެހޭ މަރާމާތަށް 236 މިލިޔަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިހެން ބުނީ، ފުނައްޑޫގެ އޮޕަރޭޝަން ފެށުމަށްޓަކައި މިފްކޯއިން އެކަށީގެންވާ މަސައްކަތެއް ކުރޭތޯ ބެލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން އެ ކޮމިޓީއަށް ދިން މައުލުމާތުގައެވެ.

ފުނައްޑޫގެ މަސައްކަތް ކުރިއަށް ގެންދިއުމާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް ކޮމިޓީން މިފްކޯއަށް ފޮނުވި ސިޓީގެ ޖަވާބުގައި މިކޯއިން ކޮމިޓީއަށް ފޮނުވި މައުލޫމާތު އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވަނީ ކޮމިޓީ މެންބަރުންނާ ހިއްސާ ކުރައްވައިފައެވެ.

އެ މައްސަލައިގައި މިފްކޯއިން ބުނެފައި ވަނީ، މަސް ގަންނަން ބޭނުންވާ އޮޕަރޭޝަނަށް ފުނައްޑޫ އެތަން ހަދަން ފެކްޓްރީއަށް ގެނައުމަށް ބޭނުންވާ އެސެސްމެންޓް ހެދިއިރު، އެކަމަށް 236 މިލިޔަން ރުފިޔާ ހަރަދުކުރަން ޖެހޭ ކަމަށެވެ.

އެއީ އިންފްރާންސްޓްރަކްޗާ އާއި މެޝިނަރީ މަރާމާތުކޮށް، އެތަކެތި ބޭނުންކުރެވޭ ފެންވަރަށް ގެނައުމަށް 90 މިލިޔަން ރުފިޔާ އަދި އެރަށުގެ ބަނދަރު ހެދުމުގެ މަސައްކަތަށް ހަރަދު ކުރަން ޖެހޭ 145.9 މިލިޔަން ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ.

މިހާރުވެސް މިފްކޯއަކީ، ލިބޭ އާމްދަނީން ހަރަދުތައް ދެކޮޅު ނުޖެހޭތީ އެ ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ ކޭޝްޕްލޯ ސަޕޯޓުގައި ސަރުކާރަށް ބަރޯސާ ވަމުން އަންނަ ކުންފުންޏެކެވެ. އެހެންކަމުން ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މާލީ ގާބިލުކަން ނެތުމުގެ ސަބަބުން އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދިނުމަށް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ.

އެގޮތުން ސަރުކާރުގެ ޕީއެސްއައިޕީގެ ދަށުން ފުނައްޑޫ ބަނދަރު ހަދައިދިނުމަށް، މިފްކޯއިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމުން ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު ޖަވާބެއް ދޭނެކަމަށް ބުނެފައިވާކަމަށްވެސް މިފްކޯއިން މިއަދު ބުންޏެވެ.

މީގެ އިތުރުން އެރަށު ބަނދަރުގެ މަސައްކަތާއި އެހެނިހެން މަސައްކަތްތައް، ވަކި ވަކި މަސައްކަތްތަކުގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރި ނަމަވެސް މިހާތަނަށް އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާ ކަމަށާއި، ފައިސާ ހަމަޖެހުނުހާ އަވަހަކަށް މަސައްކަތް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ކުރަމުން އަންނަ ކަަމަށްވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ކޫއްޑޫ ގަތީ، ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކުން ނެގި ލޯނަކަށް ފައިސާ ނުދައްކައިގެން އެތަން ވިއްކާލަން ބީއެމްއެލްއިން އިއުލާން ކުރުމުންނެވެ.