ޚަބަރު

ވަޒީފާގައިހުރެ ވަޒިފާގައި ތިބެ ޑިގްރީ ހަދާ ޓީޗަރުންގެ މުސާރަ ބޮޑުނުވާ މައްސަލަ މެއި މަހުގެ ކުރިން ހައްލުކުރަނީ

އިބްރާހިމް ޒަކީ

ވަޒީފާގައި ހުރެ ޑިގްރީ ހެދުމުން މުސާރައިގެ ކުރިއެރުން ނުލިބޭ މައްސަލަ އަންނަ މެއިމަހުގެ ކުރިން ހައްލު ކުރާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ޕޭ ކޮމިޝަނުން މިހެން ބުނީ، ވަޒީފާގައި ތިބޭ ޑިޕްލޮމާ ފެންވަރުގެ ޓީޗަރުން ޑިގްރީ ހެދި ނަމަވެސް ވަޒީފާ އަދާކުރާ ތަނުގައި ދެ އަހަރު ދުވަސް ހޭދަކުރުމުގެ ކުރިން މުސާރައިގެ ކުރިއެރުން ނުލިބި، އެހެން ތަނަކަށް ބަދަލު ވުމުން ޑިގްރީ ފެންވަރުގެ މަގާމާއެކު މުސާރައިގެ ކުރިއެރުން ލިބޭ މައްސަލަތަކަކާ ގުޅިގެން ނެޝަނަލް ޕޭ ކޮމިޝަނާއި ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކޮށްގެން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން ސީއެސްސީގެ ނާއިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ، މުސާރައިގެ އާ އޮނިގަނޑުގައިވާގޮތުން ޑީގްރީ ހަދާ ޓީޗަރުން، ޕްރޮމޯޝަން ނުލިބި ދެ އަހަރު ދުވަހު މަޑު ކުރަން ޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން ޓީޗަރުން ވަރަށް ބޮޑަށް ނާއުއްމީދުވާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި، އެކަން އެޑިއުކޭޝަން މިނިސްޓްރީ އާއި ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ސީއެސްސީގެ މެންބަރު މުހައްމަދު ފަރުސަތު ވިދާޅުވީ، ޑިގްރީ ހަދާ ޓީޗަރުން އެހެން ތަނަކަށް ވަޒީފާ ބަދަލުކުރުމުން، ލިބޭ ޕްރޮމޯޝަން އޭނާ ޑީގްރީ ހެދިއިރު ހުރިތަނުންވެސް ލިބެން ޖެހޭނެ ކަމަށެވެ، ނަމަވެސް ސީއެސްސީގެ މެންބަރުން ވިދާޅުވީ، މިހާރު އުސޫލު އޮތް ގޮތުން ވަޒީފާގައި ތިބެ ޑިގްރީ ހަދާ ޓީޗަރުންނަށް މުސާރައިގެ ކުރިއެރުން ދޭނެ ބާރެއް އެ ކޮމިޝަނަށް ނެތް ކަމަށެވެ.

ސީއެސްސީގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ، އެއީ ހުރި އުނިކަމެއް ކަމަށާއި، އަދި އެއީ ޕޮލިސީ ލެވެލްގައި ގޮތް ނިންމާނީ ކޮން ފަރާތަކުންތޯ ކަމާ މެދުވެސް ސުވާލު އުފެދިފައިވާ މައްސަލައެއް ކަމަށެވެ.

އެކަން ހައްލު ކުރުމުގެ، ގާނޫނީ ބާރު އޮތީ ސީއެސްސީއަށްތޯ، ނުވަތަ ޕޭ ކޮމިޝަނަށްތޯ ސުވާލު އުފެދޭ ކަމަށާއި، އެ ކަން ސާފުކޮށް ގާނޫނުގައި ބަޔާން ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރެއްވީ އެއީ ޕޭ ކޮމިޝަނުން ހައްލު ކުރަން ޖެހޭ ކަމެއްގެ ގޮތުގައެވެ.

"ދައުލަތުގެ މުސާރަތައް ހާމަނައިޒް ކުރުމުގެ ގޮތުން ޕޭ ކޮމިޝަނެއް އުފައްދައި ކޮމިޝަންގެ ފަރާތުން އެ ގެންދަވަނީ އެ މަސައްކަތް ކުރަމުން. ކުރަމުން ގެންދަވާއިރު އެންމެ ފުރަތަމަ ތަންފީޒު ކުރި އޮނިގަނޑުގެ ވާހަކަ މި ދައްކަނީ،"

ނައިބު ރައީސް އެ ވާހަކަތަށް ބާރު ދިނުމުގެ ގޮތުން ސީއެސްސީގެ ބައެއް މެންބަރުންވެސް ވިދާޅުވީ، ޕޭ ފްރޭމްވޯކް އެކުލަވައިލީ ނެޝަނަލް ޕޭ ކޮމިޝަނުން ކަމަށްވާތީ، މި މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނަށް ކަމެއް ކުރެވޭނީ، ޕޭ ކޮމިޝަނުން ހުއްދަ ދީގެން ކަމަށެވެ.

ނަމަވެސް ސީއެސްސީގެ ބައެެއް މެންބަރުން ވިދާޅުވީ، ހުރިހާ ޓީޗަރުންނަކީ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ހަދަން ބޭނުންނަމަ އަލަށް ޑިގްރީ ހަދާ މީހުންނަށް ޕޭ ފްރޭމްވޯކުން އެކްސެޕްޝަނަލް ފުރުސަތެއް ދޭން ޖެހޭ ކަމަށެވެ.

މި މައްްސަލައިގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފައިޒަލް ވިދާޅުވީ، ސީއެސްސީން ފާހަގަކުރާ ގޮތަށް، ހަމައެކަނި ޓީޗަރުންނަށް ހާއްސަ ހާލަތެއް ދިނުމަކީ އެހެން ފަންނުތަކުގެ މީހުންނަށް އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށެވެ. އެންމެ ފަހުން އެ ދެ ކޮމިޝަނުން މަޝްވަރާ ކުރުމަށްފަހު، ދިމާވެގެން އުޅޭ މައްސަލައަށް ހައްލު ގެނެވޭނެ މުއްދަތަކީ ކޮބައިތޯ، ކޮމެޓީގެ މުގައްރިރު، މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު ކުރެއްވިއެވެ.

ޕޭ ކޮމިޝަނުން ބުނީ އެ ކަމަށް ވަގުތު ބޭނުންވާ ކަމަށެވެ. އެެހެންކަމުން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެކަމަށް ވަގުތު ދެއްވުމަށް އެދުނެވެ. ނަމަވެސް ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ވިދާޅުވީ، މި މައްސަލަ ދިމާވި ޓީޗަރުންނަށް ހައްލު ހޯދައިދެވޭތޯ އެ ކޮމިޝަނުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.