އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް އަބްދުއް ސަމަދުގެ އެގައުމުން ޑީޕޮޓްކޮށްލައިފައިވާކަން "ވަން" އަށް އެނގިއްޖެއެވެ.

އަބްދުއްސަމަދު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިދިޔަ ހޮނިހިރު ދުވަހު ގެންގޮސްފައިވަނީ ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދެއްކުމަށް ޓަކައި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓާކަމަށް އާއިލާއިން ބުނެއެވެ.

އެކަމާ ގުޅިގެން އިއްޔެ ފޮރިން މިނިސްޓްރީން ވަނީ، އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ސަމަދު ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެކަން މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ސަމަދު ވަނީ މިއަދު މެންދުރުފަހުގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފައެވެ. ޑީޕޯޓްކޮށްލުމާ ހަމައަށް ސަމަދު ހުރީ އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށުގައެވެ. އޭނާގެ ހާލު ރަނގަޅުކަންވެސް އެނގިފައިވެއެވެ.

ސަމަދަށް ވީނުވީއެއް ނޭނގޭތީ، އޭނާ ހޯދައި، އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް އިދިކޮޅު ކޯލިޝަނުން ރޭގެ ވަގުތެއްގައި ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފައެވެ.

ސަމަދު އިންޑިއާއިން ޑީޕޯޓްކޮށްލަނީ ޕާސްޕޯޓްގެ މައްސަލައެއް އުޅޭތީކަން އެނގިފައިވެއެވެ. ސަމަދަކީ އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތެކެވެ.