ދެހާސް ސަތާރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީ މަރާލި ގއ. ދާންދޫ، ގޯލްޑްލީފް/ ހާރިސް އަބްދުލްއަފޫރު މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފުވައްމުލަކު، ސިޓީ، ހިލްޓަން/ ޔާމީން ރަޝީދުގެ މައްޗަށް ކުށް ސާބިތު ނުވި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ "29 ސެޕްޓެންބަރު 2017 ދުވަހުގެ 21:56 އެހައިކަށްހާއިރު، ހުޅުމާލެ ހާފްވޭ ހައުސް ކައިރީގައި ގއ. ދާންދޫ، ގޯލްޑްލީފް، ހާރިސް ޢަބްދުލްޣަފޫރުއަށް ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން މަރުވި މައްސަލައިގައި، ޏ. ފުވައްމުލައް، ހޯދަޑު، ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް 29 ޑިސެންބަރު 2022 ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރެއްވުމާ ގުޅިގެން، އެ މައްސަލަ 12 ފެބްރުވަރީ 2023 ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ،" ކަމަށެވެ.

ދަށު ކޯޓުގައި ދައުލަތުން ވަނީ އެ ކުށް ޔާމީންގެ މައްޗަށް ސާބިތުކުރުމަށް ސިއްރު 11 ހެކިވެރިޔަކާއި 14 ފުލުހެއްގެ ހެކިބަސް، ޕޯސްޓް މޯޓަމް ރިޕޯޓް، ހާރިސް އައިޑެންޓިފައި ކޮށްފައިވާ ފޮޓޯ ސޮފްޓް އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) މަރު ސާބިތު ކުރާ ފޯމް ހުށަހަޅައިފައެވެ. ނަމަވެސް ހެކިން ހުށަހަޅަން ދިން ފުރުސަތުގައި ޔާމީންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިދިޔަ ޑިސެމްބަރު މަހު ކުރި ހުކުމުގައި ވަނީ ގަސްދުގެ މަރުގެ ރުކުންތައް ފުރިހަމަވެފައި ވޭތޯ ބަލާއިރު، ހާރިސްއަށް ހަމަލާ ދިނުމަށް ޔާމީންގެ އިތުރުން ވެސް ބަޔަކު ބައިވެރިވެފައިވާ ކަން ދައުލަތުން ހުށަހެޅި ހެކިތަކުން ސާފުވާ ކަމަށެވެ. މައްސަލައިގައި އެހެން މީހުން ހިމެނޭ އިރުވެސް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަމައެކަނި ޔާމީންގެ މައްޗަށް ކުރުމުން ދިފާއުން އެކަމާ ސުވާލު އުފައްދާ ކަމަށް ހުކުމުގައި ބުންޏެވެ.

"މައްސަލާގައި ދައުލަތުގެ ހެކިންގެ ތެރެއިން ހެކިބަސް ދީފައިވާ އެއްވެސް ހެއްކެއްގެ ހެކިބަހުގައި، ދައުވާ ލިބޭ ފަރާތުން ހެކިވެރިޔާއަށް ހަމަލާ ދެނިކޮށް ފެނިފައި ނުވާ ކަމަށް ފާހަގަ ނުކުރެއެވެ. އަދި ދައުވާ ލިބޭ ފަރާތުން އެ ސަރަހައްދުން ފެނިފައިވާ ކަމަށްވެސް ފާހަގަކޮށްފައި ނުވެއެވެ،" ހުކުމުގައި ވެއެވެ.

ޔާމީން ކުށުގެ ވެށިން ފެނިފައި ނުވާތީ ދައުލަތުން ވަނީ ސިއްރު ހެކިވެރިންގެ ބަހަށް ރިއާޔަތް ކުރުމަށް އެދިފައެވެ. އެގޮތުން ދައުލަތުން ބުނެފައިވަނީ ވަނީ ސިއްރު ހެކިވެރިއެއްގެ ހެކިބަހުގައި "ދައުވާ ލިބޭ ފަރާތުގެ ޖީންސް ކަމަށް ބެލެވޭ ޖީންސް އަކުން ނިޔާވި ފަރާތުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި ނިޔާވި ފަރާތަށް ހަމަލާދީފައިވާ ސަރަހައްދުން ފެނުނު ފައިވާނަކުން ދައުވާލިބޭ ފަރާތުގެ ޑީއެންއޭ ފެނިފައިވާ ކަމަށް. އަދި ނިޔާވި ފަރާތަށް ހަމަލާ ދިނުމުގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ އެއާބްލޭޑް ސައިކަލެއް، ދައުވާ ލިބޭ ފަރާތުން ވެސް ދުއްވާ ކަމަށް" ފާހަގަ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ދިފާއުން ބުނެފައިވަނީ، ހާރިސް އަކީ ޔާމީނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ފަރާތެއް ކަމަށާއި އެހެންކަމުން އެ ހާދިސާގެ ތެރޭގައި ހާރިސްގެ ޑީއެންއޭ ޔާމީންގެ ޖީންސަށް ނަގުލު ވެދާނެ ކަމަށެވެ. ދައުލަތުން ފާހަގަކުރާ އެ ޑީއެންއޭއަކީ ހާރިސްގެ މަރުގެ މައްސަލައިގައި ނަގާފައިވާ ޑީއެންއޭ ނޫން ކަމަށާއި އެއީ ހާރިސް، ޔާމީނަށް ހަމަލާދިން މައްސަލައިގައި ފުލުހުން ނަގާފައިވާ ޑީއެންއޭއެއް ކަމަށެވެ.

ޔާމީންގެ ގެއިން ފެނުނު ފައިވާނަކީ ބާވެ ގޮނޑަށް އެއްލާލާފައިވާ ފައިވާނެއް ކަމަށާއި ހާރިސްއަށް ހަމަލާދިން ސަރަހައްދުން ފެނުނު ސައިކަލާއި ޔާމީން ދުއްވާ ސައިކަލުގެ ނަމްބަރު ބޯޑު ތަފާތު ކަމަށް ދިފާއުން ފާހަގަ ކުރިއެވެ.

ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ކޯޓުން ހުކުމް ކުރީ ހާރިސްގެ މަރުގެ މައްސަލައިގައި ޔާމީނަށް ކުރާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.

އެގޮތަށް ހުކުމް ކުރީ މުޅި އެ މައްސަލައަށް ޖުމުލަކޮށް ބަލާއިރު، ކުށުގެ ސަރަހައްދުން ޔާމީން ފެނުނު ކަމަށް އެއްވެސް ހެކިވެރިޔަކު ހެކިބަސް ދީފައި ނުވާތީއެވެ. އަދި ސިއްރު ހެކިވެރިންގެ ބަޔާންތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ގާނޫނޫ އަސާސީގައި ނެތުމުންނާއި ޑީއެންއޭ ރިޕޯޓާ ގުޅޭގޮތުން (ސާމްޕަލް ހޯދި ގޮތާ ގުޅޭ ގޮތުން) ދިފާއުން އުފެއްދި ސުވާލުތަކަށް ދައުލަތުން އެކަށީގެންވާ ހުއްޖަތެއް ދެއްކިފައި ނުވުމުން ކަމަށް ހުކުމުގައިވެއެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އާދަމް މުހައްމަދުއެވެ.