އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީންވެސް މޮޅުވެއްޖެއެވެ.

ޔުނައިޓެޑުން ރަށުން ބޭރުގައި މިރޭ ލީޑްސް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ސިޓީން މިރޭ އެސްޓޮން ވިލާ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ލީގުގެ އެއްވަނައިގައި އޮތް އާސެނަލުން މި ހަފުތާގައި ކުޅުނު މެޗުގައި ރޭ ބްރެންޓްފޯޑު ކައިރިން އެއްވަރުވެފައިވާ އިރު، ސިޓީން މިރޭ ހޯދި މޮޅާއެކު އެޓީމަށް ވަނީ އާސެނަލާ ތިން ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ.

އާސެނަލުން 21 މެޗު ކުޅެ، 51 ޕޮއިންޓާއެކު އޮތް އިރު، ސިޓީން ކުޅުނު 22 މެޗުން އެޓީމު ވަނީ 48 ޕޮއިންޓް ހޯދައިފައެވެ. މި ހަފުތާ ދެން އޮތް ލީގު މެޗުގައި ސިޓީ އާއި އާސެނަލް ކުރިމަތިލާން ޖެހިފައިވާ އިރު، އެ މެޗުގައި އާސެނަލް ބަލިކޮށް ސިޓީއަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިރޭ ލީޑްސް ކައިރިން މޮޅުވި ޔުނައިޓެޑް ތާވަލުގެ ތިންވަނައިގައި އޮތީ 23 މެޗުން 46 ޕޮއިންޓާއެކުގައެވެ.

ޔުނައިޓެޑުން މިރޭގެ މެޗަށް ނުކުތީވެސް ސަސްޕެންޝަނުގައި ހުރި ބްރެޒިލްގެ ކަސެމީރޯ ނުލައެވެ. އޭނާގެ ބަދަލުގައި މެދުތެރެއިން ފެނުނީ އަލަށް ޓީމަށް ގެންދިޔަ މާސެލް ސަބިޓްސާއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތައް މަދުކޮށް ފެނުނު އިރު، ދެވަނަ ހާފުގައި ޔުނައިޓެޑުން ލީޑު ނަގަންދެން ލީޑްސްއިން ރަނގަޅަށް ކުޅެ ނުރައްކާ ކުރިއެވެ. ކްރިސެންސިއޯ ސަމާވިލް ޖެހި ބާރު ބޯޅައެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ މަތަކުރި އިރު، ޖެކް ހެރިސަންއަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ 80 ވަނަ މިނެޓުގައެވެ. އެޓީމުގެ ގޯލް ޖަހައިދިނީ އާދަޔާ ހިލާފު ރަނގަޅު ފޯމެއްގައި ހުރި މާކަސް ރަޝްފޯޑެވެ. ރަޝްފޯޑުގެ އެގޯލަށްފަހު ޔުނައިޓެޑުން އެޓޭކް ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން އޭގެ ފަސް މިނެޓް ފަހުން ދެވަނަ ގޯލެއް ޖެހިއެވެ. ޔުނައިޓެޑްގެ ދެވަނަ ގޯލް ޖެހީ އަލެހާންޑްރޯ ގާނާޗޯއެވެ.

ސިޓީން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު ރަނގަޅަށް ފަށައި އެޓީމުން ވަނީ ހަތަރުވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ސިޓީގެ ރިޔާދު މަހަރޭޒް ނެގި ކޯނަރު ބޮލުން ގޯލަށް ވައްދާލައި ލީޑު ނަގައިދިނީ ރޮޑްރީއެވެ. ސިޓީން މެޗުގެ ކޮންޓްރޯލް ގެއްލުވާނުލައި ކުޅެމުން ގޮސް، 39 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ސިޓީގެ އެ ގޯލަކީ އާލިން ހާލަންޑް ކަނޑާލި ބޯޅައިގައި އިލްކޭ ގުންޑޮގަން ޖެހި ގޯލެކެވެ.

ހާފު ނިމެންދަނިކޮށް ސިޓީއަށް ޕެނަލްޓީއެއް ލިބި މަހަރޭޒް ވަނީ ލީޑު ފުޅާކޮށްދީފައެވެ. އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން ވިލާގެ ޑިފެންޑަރު ސިޓީގެ ޖެކް ގްރީލިޝްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފަށް ސިޓީން ނުކުތީ ހާލަންޑްގެ ބަދަލުގައި ޖޫލިއަން އަލްވަރޭޒް ދަނޑަށް ނެރެގެންނެވެ. ހާލަންޑް ބަދަލުކުރަން ޕެޕް ގާޑިއޯލާއަށް ޖެހުނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ދެވަނަ ހާފުގައި ވިލާއިން ކޮންމެވެސް ވަރަކަށް އެޓޭކް ރަނގަޅުކޮށް، އޮލީ ވޮޓްކިންސް ޖެހި ގޯލާއެކު ކުޑަ އުންމީދެއް ހޯދި ނަމަވެސް އެޓީމަށް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ. ވިލާގެ ދެވަނަ ގޯލަކަށް ޖޯން ޑުރާން ޖެހި ބާރު ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އަދި ބަދަލަކަށް ނުކުތް ފިލިޕް ކުޓީނިއޯ ޖެހި ބޯޅަ މަތަކޮށް ބޭރުކޮށްލީ ސިޓީގެ ގޯލްކީޕަރު އެޑަސަންއެވެ.

ސިޓީން ފަހު ކޮޅުގައި އުފެއްދި ހަމަލާއެއްގައި މަހަރޭޒަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.