މުޒާހަރާތައް ކަވާރުކުރާ ނޫސްވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ފުލުހުންނާ މަޝްވަރާކޮށްފިއެވެ.
ބްރޯޑްކޮމްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފުލުހުންނާއެކު އެފަދަ މަޝްވަރާއެއް ކުރީ މިފަހުން ބޭއްވި މުޒާހަރާތައް ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް އަނިޔާވުމާ ގުޅިގެންނެވެ.
"ވޭތުވެދިޔަ ހަފުތާގައި ބޭއްވި އެއްވުމެއް ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާތީ، އެކަން ހިނގައި ދިޔަ ގޮތް ބަލައި، މިފަދަ ހާލަތްތަކުގައި ގުޅުންހުރި ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް ދެނެގަތުމާ ބެހޭގޮތުން ފުލުހުންގެ އިދާރާއާ ކޮމިޝަނުން މަޝްވަރާކޮށްފި. އަދި އެއްވުންތަކާއި މުޒަހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށް ދެ އިދާރާ ގުޅިގެން ވަރަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުންވެސް މިއަދު މަޝްވަރާކުރި،" ބްރޯޑްކޮމްއިން ބުންޏެވެ.
ރައްޔިތުން މަޖިލީހުގެ މިއަހަރު ޖަލްސާ ފެށުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު މަޖިލީހުގެ ބޭރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާ ކަވަރުކުރުމުގެ ތެރެއިން އަނިޔާވި "ޗެނަލް 13" ގެ ނޫސްވެރިޔަކަށް ވަނީ އަނިޔާވެފައެވެ. އެ ނޫސްވެރިޔާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ ސްރީލަންކާއަށް ފޮނުވައިފައެވެ.
އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ނޫސްވެރިޔާއަށް އަނިޔާ ކުރުމުގެ ނިޔަތެއް ނެތް ކަމަށެވެ. އެ މުޒާހަރާގައި ނޫސްވެރިންނަށް އަނިޔާވުމުން ފުލުހުން ވެސް ކަންބޮނޑުވާ ކަމަށެވެ.
ނޫސްވެރިޔާއަށް އަނިޔާވި މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ ފުރިހަމަ ރިވިއުއެއް ޕްރޮފެޝަނަލް ސްޓާންޑާސް ކޮމާންޑުން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭގެ ފަހުންވެސް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގެ ތެރެއިން ނޫސްވެރިންތަކަކަށް ވަނީ އަނިޔާވެފައެވެ.