ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވުމުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދުކުރި ޓުވީޓެއްގައި ބުނީ، ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށެވެ. އިއްޔެ ރާއްޖެއަށް 8،028 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން މިފަހުން ރާއްޖެއަށް ދުވާލަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 240،621 އެވެ.

މި އަހަރު ފެށުނީއްސުރެ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އެގޮތުން ޖެނުއަރީ މަހު އެކަނިވެސް ރާއްޖެއަށް 172,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރިއެވެ. އެއީ މިދިޔަ ދެ އަހަރާ އަޅައި ބަލާ އިރު، ރެކޯޑް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި 42,449 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިދިޔަ 2022 ވަނަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 33 ޕަސެންޓް އިތުރު އަދެދެކެވެ. އަދި 2021 ވަނަ އަހަރަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

މައުލޫމާތަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު ވަނީ 214,985 އަށް އަރައިފައެވެ. މިއީ 2022 ވަނަ އަހަރާ އަޅައި ބަލާއިރު، 31.3 ޕަސެންޓް އިތުރު އަދެކެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އެވުރެޖުކޮށް ކޮންމެ ދުވަހަކު 6,064 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ އިރު، އެވުރެޖުކޮށް 8.1 ދުވަސް ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.