މިމަހު މާލޭގައި އަންހެން އަދި ފިރިހެން ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތެއް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށް، މުބާރާތުގެ ލޯގޯ މިއަދު އިއުލާން ކޮށްފިއެވެ.

ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި މިއަދު ހަވީރު ބޭއްވި އިވެންޓެއްގައި ފޯ ނޭޝަންސް ވޮލީ މުބާރާތް އިއުލާން ކުރީ މިމަހުގެ 23 އިން 27 އަށް ދެ މުބާރާތެއް ތާވަލު ކޮށްފައެވެ. މުބާރާތުގައި ރާއްޖެއާ ވާދަކުރާނީ މެލޭޝިއާ އާއި ސިންގަޕޫރު އަދި އަފްގާނިސްތާނެވެ. އަފްގާނިސްތާނުން ހަމައެކަނި ބައިވެރިވަނީ ފިރިހެން ޓީމެވެ. މިއަދުގެ ޕްރެސްގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ސައުދީ އަރަބިއާގެ އަންހެން ޓީމަށް ދައުވަތު ދިން ނަމަވެސް، މިވަގުތު ހާލަތު ހުރި ގޮތުން އެޓީމަށް އާދެވެން ނެތް ކަމަށެވެ.

އެހެން ނަމަވެސް ފަހުން އަދި ސައުދީ އަންހެން ވޮލީ ޓީމުވެސް ރާއްޖެ ގެނެސް ތަމްރީނުތަކެއް ކުރުމަށް ފުރުސަތު ފަހިކުރެވޭނެ ކަމަށް މިނިސްޓަރު މަހުލޫފް ފާހަގަކުރެއްވިއެވެ.

މިއަދު އިއުލާން ކުރި ފޯ ނޭޝަންސް ކަޕްގެ އަންހެން އަދި ފިރިހެން މުބާރާތްވެސް ފޯމެޓް ރޭވިފައި އޮތީ ރައުންޑް ރޮބިން ކުޅުމަށް ފަހު، އެއް ވަނަ ފައިނަލަށް ދާ ގޮތަށާއި ދެވަނަ އާއި ތިންވަނަ ޓީމު، ސެމީ ފައިނަލް ކުޅޭ ގޮތަށެވެ.

މިވަގުތު ރާއްޖޭގެ ސީނިއާ އަންހެން އަދި ފިރިހެން ޓީމުވެސް ތައިލެންޑްގައި ތަމްރީނު ހާސިލުކުރަމުންދާ އިރު، އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ވޮލީ އަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކުޅިވަރެއް ކަމަށާއި މިހާތަނަށް ބިނާކުރެވުނު ވަސީލަތްތަކުން އެކަން ފެންނާނެ ކަމަށެވެ. އޭގެ އިތުރުން ޓީމުގެ ފެންވަރު ރަނގަޅު ކުރުމަށް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ކޭމްޕް ކުރުމުގެ ފުރުސަތުވެސް މި ސަރުކާރުން ހޯދައިދީފައިވާނެ ކަމަށާއި މިހާރު ބިދޭސީ ކޯޗަކާއެކު ޓީމަށް ދަނީ ކުރިއެރުންތައް އަންނަމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިދިޔަ ޑިސެމްބަރު މަހު، އަންހެން އަދި ފިރިހެން ސެންޓްރަލް އޭޝިއަން ވޮލީބޯޅަ މުބާރާތް ބާއްވަން ޝެޑިއުލް ކުރެވުނު ނަަމަވެސް، އެ މުބާރާތް ތާވަލުކުރި ގޮތަށް ނުބޭއްވުނެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ ސެންޓަރަލް ޒޯން އެ މުބާރާތް ނުބޭއްވުނު ސަބަބުގެ ތަފުސީލަށް ދާން ބޭނުންނުވާ ކަމަށާއި އޭގެ ބަދަލުގައި ވިސްނީ އެހެން ބަޔަކަށް ބަރޯސާނުވެ، ވީއޭއެމްއާ ގުޅިގެން އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަށް ކަމަށެވެ.

އެގޮތުން، ބާއްވާ އިންޓަނޭޝަނަލް މުބާރާތަކީ މި މަހު ބާއްވާ ފޯ ނޭޝަންސް ކަޕް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރު ޑިސެމްބަރު މަހަށް ތާވަލުކުރި ސެންޓްރަލް ޒޯންގެ އެ މުބާރާތް ނުބޭއްވިދިޔަ ސަބަބެއް ހާމަކުރެވިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަށް ދިމާވީ އެމުބާރާތް ބާއްވަން ގަސްދުކުރި ތާރީހުގައި އެކަން ކުރަން ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

"އެންމެ ބޮޑު ކަމަކަށް ދިމާވީ އެ މުބާރާތް ބާއްވަން އޮތް ތާރީހަކީ އެހެން ފަރާތަކަށް ޑިޕެންޑް ވެގެން ކުރަން ޖެހޭ ކަމެއް ގޮތަށް. އެހެންވީމަ، އަޅުގަނޑުމެން މިދިޔަ އަހަރު ފެށިގެން، އަޅުގަނޑު ހަމަގައިމު ވެސް ދައްކަމުން އައި ވާހަކައަކީ ޑިސެމްބަރު، އަޅުގަނޑުމެން އަންހެން ފިރިހެން ސެންޓްރަލް ޒޯން މުބާރާތުންނޭ ނިންމާނީ، އެކަމަކު އެކަން ނުވެ އެދިޔަ ސަބަބުގެ ތަފްސީލަށް ނުގޮސް އަޅުގަނޑު ވީއެންމެ ކުރުކޮށް މިތަނުގައި މި ވިދާޅުވީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިއަދު އިތުރަށް ވިދާޅުވީ މިއީ 2019 ވަަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސައުތު އޭޝިއަން ގޭމްސް އަށްފަހު ވޮލީއަށް ކުރެވުނު މަސައްކަތުން ތަފާތެއް ފެންނާނެ ކަމަށް އުންމީދު ކުރެވޭ މުބާރާތް ކަމަށެވެ.

މިއަދުގެ ޕްރެސްގައި ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ މިދިޔަ އަހަރު ފަހުކޮޅުގައި ހުރި އިންޓަނޭޝަނަލް އެކިއެކި މުބާރާތްތަކެއް، ސަބަބުތަކާ ހުރެ ނުބޭއްވި ދިޔަ ކަމަށެވެ. އެގޮތުން އޭޝިއަން ގޭމްސް މިއަހަރަށް ލަސްވެގެން ދިއުމާއި ސެންޓްރަލް ޒޯން މުބާރާތްވެސް ނުބޭއްވި ދިޔުމަކީ ކުޅުންތެރިންނަށް މާޔޫސްކަމާ ކުރިމަތިލާން ޖެހުނު ކަމެއް ކަމަށް ރަނޭ ވިދާޅުވިއެވެ.

އެއާއެކު ރަނޭ ވިދާޅުވީ އައިއޯއައިޖީ، އޭޝިއަން ގޭމްސް އަދި ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ރާއްޖޭގައި ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

""މިމުބާރާތަކީ މިދިޔަ އަހަރު ކުރެވުނު ފަރިތަކުރުންތަކުގެ، އެ ކުރެވުނު މަސައްކަތުގެ ނަތީޖާ ބަލާލަން ލިބޭ ފުރުސަތެއް. އަޅުގަނޑުމެން ޓެކްނިކަލް ޓީމަށް ފެނުނު ގޮތުގައި މިމުބާރާތަކީ (ފޯ ނޭޝަންސް ކަޕަކީ) މިއަހަރު ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާން ބަލާއިރު ބޭނުން ހިފޭނެ ފުރުސަތެއް،" ރަނޭ ވިދާޅުވިއެވެ.

ރަނޭޝް ވިދާޅުވީ ފޯ ނޭޝަންސް ކަޕްގައި ކުޅޭ އަފްގާނިސްތާނަކީ ސެންޓްރަލް އޭޝިއާއަށް ނިސްބަތްވާ ޓީމެއް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅެލުމަކީ ސެޕްޓެމްބަރު މަހު ސްރީ ލަންކާގައި ބާއްވާ ފިރިހެން ސެންޓަރަލް އޭޝިއާ މުބާރާތަށް އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

އަދި އަންނަ މެއި މަހު ސެންޓްރަލް އޭޝިއަން ވޮލީ ބޯޅަ މުބާރާތަށް ނޭޕާލަށް އަންހެން ވޮލީ ޓީމު ދާއިރު، ފޯ ނޭޝަންސް ކަޕަކީ އަންހެން ޓީމަށްވެސް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ރަނޭޝް ވިދާޅުވިއެވެ.

މިދިޔަ އަހަރު ފަހުކޮޅުގައި މުބާރާތްތައް ނުބޭއްވި މާޔޫސްކަމާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ އަހަރުވެސް ކާމިޔާބީތައް ހޯދިއެވެ. އެގޮތުން އަންހެން ވޮލީ ޓީމު ވަނީ ސެންޓަރަލް އޭޝިއަން މުބާރާތުން ރިހި މެޑަލް ހޯދައިފައެވެ. އަދި މިދިޔަ ޑިސެމްބަރު މަހު ސެންޓްރަލް އޭޝިއާގެ ބީޗް ވޮލީ މުބާރާތުން ރާއްޖޭގެ ބީޗްވޮލީ ޓީމުން ވަނީ ރަން މެޑަލް ހޯދައިފައެވެ.

މި މަހު ބާއްވާ ފޯ ނޭޝަންސް ކަޕް ވެގެންދާނީ 2017 ވަނަ އަހަރަށްފަހު މާލޭ ސޯޝަލް ސެންޓަރުގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ ވޮލީ މުބާރާތަށެވެ. އެއަހަރު ޖެނުއަރީ މަހު މާލޭގައި އަންހެން ވޮލީގެ ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފައިން މުބާރާތެއް ރާއްޖޭގައި ބޭއްވި އިރު، އެއަހަރު މާޗު މަހުވަނީ އޭވީސީ ސެންޓަރަލް ޒޯން ފިރިހެން މުބާރާތް ބާއްވައިފައެވެ.