މާލެއިން ގެއްލިގެން ހޯދަމުންދާ ސ. މަރަދޫފޭދޫ / ގަސްކަރަ، މުހައްމަދު އާސިރު އިސްމާއީލް (31އ) އެންމެ ފަހުން ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލަށް ވަންނަނިކޮށް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިމަހުގެ ހަތްވަނަ ދުވަހު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އާސިރު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް މިމަހުގެ ހަތަރުވަނަ ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ދިރިއުޅެނީ މާލޭގައި ކަމަށާއި އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ 19:30 ހާއިރު ކަމަށެވެ. އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި ކަޅުކުލައިގެ ގަމީހެއް ކަމަށް އޭނާގެ އާއިލާއިން ފުލުހަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އާސިރު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދިވެސް އޭނާ ފެނިފައިނުވާ ކަމަށެވެ.
"އޭނާ ހޯދުމަށް މާލޭގެ ވަރަށް ގިނަ ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފުޓޭޖުތަކާއި އެއާޕޯޓްގެ ބައެއް ސަރަހައްދުތަކުގެ ފުޓޭޖުތައް ވެސް ބަލާފައިވޭ. އެގޮތުން ބެލިބެލުމުން، ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ރޭ 19:20 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަފު ފެނިފައިވޭ. އަދި އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލްއަށް މަޑުކުރުމުން މުހައްމަދު އާސިރު އިސްމާއީލް ޓާމިނަލްއަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެނިފައިވޭ،" ފުލުހުން ބުންޏެވެ.
އާސިރު އެއްވެސް އެއާލައިނަކުން ރާއްޖެއިން ބޭރަށް ފުރިތޯ ބަލާފައިވާނެ ކަމަށާއި އޭނާ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ފުރިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމަށް މާލޭގެ އިތުރު ސަރަހައްދުތަކުގެ ސީސީޓީވީ ކެމެރާ ފޫޓޭޖުތަކާއި އެއާޕޯޓުގެ އިތުރު ސަރަހައްދުތަކުގެ ފޫޓޭޖުތައް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތައް މެދުވެރިކޮށްގެން އާސިރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އާސިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ގަލޮޅޮ ޕޮލިސް ސްޓޭޝަންގެ 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު