ކޯލިޝަން ހެދުމަށް ޕީޕީއެމުން ދައުވަތު ދީފައިނުވާ ކަމަށާއި އެކުގައި މަސައްކަތް ކުރަން އޭނާގެ ފަރާތުންވެސ ޕީޕީއެމަށް ދެއްވާފައިނުވާނެ ކަމަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު "ވަން" އަށް ވިދާޅުވީ ކޯލިޝަން ހެދުމަށް އޭނާ ޕީޕީއެމްއަށް ދައުވަތު ދެއްވި ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރަކީ އަސްލެއް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ އެގޮތަށް އެ ހަބަރު ޕަބްލިޝް ކޮށްފައިވަނީ އޮޅުމަކުން ކަމަށެވެ.
"އެއީ އަސްލު އޮޅުމެއް، އަޅުގަނޑުގެ ފަރާތުންވެސް އަދި ޕީޕީއެމްގެ ފަރާތުން ނޯންނާނެ ދައުވަތެއް،" އުމަރު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ކޯލިޝަން ނަހައްދަވައިތޯ "ވަން" އިން އުމަރާ ކުރި ސުވާލަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އެއްވެސް ބައެއްގެ ފަހަތަށް ނާރުއްވާނެ ކަމަށެވެ. އުމަރު ވިދާޅުވީ އެހެން ޕާޓީތަކުން އޭނާއަށް ތާއީދުކުރިޔަސް އިސް ސަފުގައި ހުންނަވާނީ އޭނާ ކަމަށެވެ.
އުމަރު އޭނާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާއެއްގައި ލޯންޗުކޮށްފައެވެ. އެ ޖަލްސާގައި އުމަރު ވިދާޅުވެފައިވަނީ ރައްޔިތުން ވަނީ އެންމެ ބޮޑު ދެ ޕާޓީއަށް ފުރުސަތު ދީފައި ކަމަށާއި ނަމަވެސް ރައްޔިތުންނަށް އެކަމުން ފައިދާއެއްނުވެ އެ ޕާޓީތައް ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުން އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކަމަށެވެ.
އުމަރު ވިދާޅުވެފައިވަނީ އެ މިސްރާބަކީ 2045 ވަނަ އަހަރު އަންނަ އިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުން ކަމަށެވެ. ވެރިކަމުގައި އޭނާގެ ޒިންމާއަކީ އިޖުތިމާއީ އަދި އިގުތިސޯދީ މައްސަލަތައް ހައްލުކޮށްދެއްވައި އިގުތިސޯދު ޑައިވާސިފައިކުރައްވައި ދިގު މުއްދަތުގެ ތަރައްގީގެ މަޝްރޫއުތައް ފެށޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން ކަމަށެވެ.
ސިންގަޕޫރާއި ރާއްޖޭއަށް މިނިވަންކަން ލިބުނީ ދާދި އެއް ދުވަސްވަރެއްގައި ކަމަށާއި އެއިރު ރާއްޖެ އޮތީ އިގުތިސޯދީ ގޮތުން މާކުރީގައި ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެ މިވަނީ ފަހަތައް ސޮއްސާލާފައި ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންނަށް އަރައިގެން ނުދެވުނީ ކީއްވެގެންތޯ ކުޑަކުޑަށް ބައްލަވާ. ފުރަތަމަ ކަމަކީ ސިންގަޕޫރުގައި ގާނޫނު ތަންފީޒު ކުރާނެ. ގާނޫނުތަކާ ދޭތެރޭގައި ކުޅޭކުޅޭއެއް ނޯންނާނެ. ދެވަނަ ކަމަކީ ކޮރަޕްޝަން ފުނޑުފުނޑު ކޮށްލާނެ ދައުލަތުގެ ވެރިންނަށް ކޮރަޕްޓެއް ނުވެވޭނެ. ތިންވަނަ ކަމަކީ ދައުލަތުން ހަރަދުކުރާނެ އިންސާނީ ވަސީލަތްތައް ތަރައްގީކުރަން ހަރަދުކުރަމުން ގެންދާނެ،" އުމަރު ވިދާޅުވެފައިވެއެވެ.
ނަމަވެސް ރާއްޖެއިން ހަރަދުތައް ކުރަމުން ގެންދިޔައީ ސިޔާސީ ގޮތުން ވޯޓު ހޯދަން ކަމަށެވެ. ރަށްރަށުގެ ބިން ހިއްކާއިރު އެ ބިމުގައި 20 އަހަރުވާ އިރުވެސް މަސައްކަތެއް ނުފެށޭ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު