ތުރުކީއާއި ސީރިއާގެ ސަރަހައްދަށް މިދިޔަ ހަފުތާ ކުރިމަތިވި ވަރުގަދަ ބިންހެލުމާއެކު އެތައް ފުރާނައެއް ގެއްލިއްޖެއެވެ. އެތައް ބަޔަކަށް ވީނުވީއެއް ނޭނގި އަދިވެސް ތިބީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. މީހުން ހޯދުމުގެ މަސައްކަތުގައި އެތައް ބަޔަކާއި އެތައް ގައުމެއްގެ ޓީމުތައް ހަރަކާތްތެރިވަމުންދާ އިރު، ތުރުކީ ކަރުނައަޅައި ރޮނީއެވެ. އެގައުމުން އެކަނިވެސް 25،000 އެއްހާ މީހުން މަރުވެއްޖެއެވެ. އަނިޔާވި މީހުންގެ އަދަދު ގިނަ ކަމުން ހަސްފަތާލުތަކުގައި ތޮއްޖެހި، ވާނުވާ ނޭނގޭ ހިސާބަށް ގޮސްފިއެވެ.

ތުރުކީގެ ކޮންމެ މަންޒަރަކުންވެސް ދިވެހީންގެ ހިތްތަކަށްވެސް ކުރުވަނީ ހިތާމަވެރިކަމުގެ އިހުސާސެކެވެ. މުސްލިމް އަހުންތަކެއް ހާލުގައި ޖެހި، މަދަދަށް އެދި ގޮވާ ގޮވުމަށް މި ދިވެހިރާއްޖެވެސް ހަމްދަރުދީވެއެވެ. ސީރިއާގެ ހާލަތުވެސް އެހާމެ ގޯސްކޮށް އޮތް އިރު، ދިވެހީންގެ އެހީތެރިކަން އެކިއެކި ގޮތްގޮތުން އަންނަނީ ފޯރުކޮށްދެމުންނެވެ. އެހީގެ ޓީމެއް މިހާރުވެސް ބިންހެލެމުގެ ސަރަހައްދުގައި ހަރަކާތްތެރިވާ އިރު، އެއް މިލިއަން މަސްދަޅު ދޭންވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.

އެ ހުރިހާ ކަމަކާއެކު ތުރުކީއާއި ސީރިއާގެ ހާލަތަށް މީހުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމުތައް ހިންގައި، އެގައުމުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރަން ކުރާ މަސައްކަތަކީވެސް ތައުރީފު ހައްގު މަސައްކަތެކެވެ. ރާއްޖޭގެ އެތައް ލޯތަކެއް، އެތައް ރަށެއްގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 އިންވެސް މިއަދު ދެމުންދިޔައީ ތުރުކީއާއި ސީރިއާ ރައްޔިތުންނާއެކު ތިބިކަމުގެ މެސެޖެވެ. އެއީ ކުޅިވަރުން ދައްކުވައިދޭ ތަފާތެވެ. އެ މަންޒަރުން ރަމްޒުކޮށްދެނީ ހާއްސަ މެސެޖެކެވެ.

"ކޮންމެ މެޗެެއް ފެށުމުގެ ކުރިން މި ނަގާލައި ފޮޓޯގަނޑުން ދޭން ބޭނުންވަނީ ހާއްސަ މެސެޖެއް. މެސެޖަކީ ތުރުކީއާއި ސީރިއާ ރައްޔިތުންނާއެކު ދިވެހީން ތިބިކަން ދައްކުވައިދޭ މެސެޖެއް. މިހާ އޯޑިއަންސް ބޮޑު މުބާރާތެއްގައި ދޭ މެސެޖާއެކު އެކަމަށް ސަމާލުކަން ހުއްޓި އެހީތެރިކަން އެކިއެކި ގޮތްގޮތުން ފޯރުކޮށްދޭ އަދަދު ބޮޑުވުން މަގުސަދަކީ،" ގޯލްޑަން ފުޓްސަލް ޗެލެންޖް އިންތިޒާމު ކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ 'ވަން' އަށް ވިދާޅުވިއެވެ.

ގޯލްޑަން ފުޓްސަލް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ފޯރިއާއެކު މިހާރު ކުރިއަށްދާ އިރު، މުބާރާތުގައި ޖުމުލަ 102 ޓީމު ވާދަކުރަމުން ދެއެވެ. އެ މުބާރާތަކީ ރާއްޖޭގެ އެތައް ރަށަކުން ބުރަކޮށް ތައްޔާރުވެ، އެންމެ ވާދައިގައި ކުޅޭ މުބާރާތެވެ. މުބާރާތަށް އަހަރަކަށްވުރެ އަހަރަކަށް ތަރުހީބު ބޮޑުވަމުންދާ އިރު، އިންތިޒާމުތަކަށް އަބަދުވެސް ގިނަ ބަޔަކު ތައުރީފު ކުރެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކާމިޔާބުކަމާއެކު މިހާރު އެ މުބާރާތަކީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.