އަމީނީ މަގުގެ މަސައްކަތް އަވަސް ކުރުމަށް ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު އާންމުންނަށް ހުޅުވާލާފައިވާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަޜޭޝަން (އާރްޑީސީ)ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މިކަން މި ގޮތަށް ކުރީ އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައިނުވާތީ. ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައިގެން، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް "ވަން" އަށް މިރޭ ވިދާޅުވީ އެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނުފެށި އާންމުންނަށް އެކަމުގެ އުނދަގޫތައް ލިބެމުންދާތީ އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީން، އެމްޓީސީސީއާ ހަވާލުކުރީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެކަމަށް ހިނގާ ހަރަދު އެމްޓީސީސީއަށް ދޭނީ އާރްޑީސީން ކަމަށް އަކްރަމް ވިދާޅުވިއެވެ. ތާރު އެޅުމުގެ މަސައްކަތަށް ދަރުބާރުގެ ކައިރިން ފެށިގެން ސިނަމާލެ ފްލެޓާ ހަމައަށް މިހާރު ވަނީ އަމީނީ މަގު ބަންދުކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އަމީނީ މަގުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރީ ޕްލޭނިން މިނިސްޓްރީންނެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތިންވަނަ ދުވަހު، 210 މިލިއަން ރުފިޔާއަށެވެ.

އާރްޑީސީން އެ މަގު ތަރައްގީކުރަން ނިންމާފައިވަނީ ޒަމާނީ ފެންވަރަށް ތާރު އަޅައިގެންނެވެ. އެމަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެކަމަށް ވެސް އާރްޑީސީން ބުނެފައިވެއެވެ. އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިވެސް ހަރުކުރާނެކަމަށް ބުނެފައިވެއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މުއްދަތުގެ ކުރިން މަގުގެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް އާރްޑީސީން ބުންޏަސް މަސައްކަތް ނިންމިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް މިދިޔަ ބުދަ ދުވަހު ރައްޔިތުން މަޖިލީހުގައި ޕްލޭނިން މިނިސްޓްރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ އަމީނީ މަގުގެ މަސައްކަތް ނިންމާލެވޭނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ.