ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ފަތިހު އައި ދެ ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ރާއްޖެއިން އެހީވުމުގެ ގޮތުން އެއް މިލިއަން މަސް ދަޅު ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި އެ ބާރުގަދަ ދެ ބިން ހެލުމުގައި މިހާތަނަށް ވަނީ 22،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު 79،487 މީހުން ވަނީ ޒަހަމްވެފައެވެ. ބިން ހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ އަދަދު ވަނީ 14 މިލިއަންވުރެ މައްޗަށް އަރައިފައެވެ. ބިން ހެލުމުގެ ސަބަބުން ސީރިއާއިންނާއި ތުރުކީން ވަނީ 6,589 އިމާރާތެއް ވެއްޓިފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ތުރުކީ އާއި ސީރިއާގެ ވެރިންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި ދެ ގައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހިންގެ ފަރާތުން ތުރުކީއަށް 500،000 މަސްދަޅު އަދި ސީރިއާއަށް 500،000 މަސްދަޅު ދިނުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
"ތުރުކީ އާއި ސީރިއާއަށް އައި ބިން ހެލުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދެ ގައުމުގެ ވެރިންނަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވެފަ. ރައީސް ވަނީ ދިވެހިންގެ ފަރާތުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން އެއް މިލިއަސް މަސްދަޅު ދިނުމަށް ނިންމާފައި" މިއުވާން ވިދާޅުވިއެވެ.
ބިންހެލުމާ ގުޅިގެން ގައުމުތަކުން ދަނީ ތުރުކީ އާއި ސީރިއާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން ގައުމުތަކުގެ އިތުރުން އޭޝިއާގެ ބައެއް ގައުމުތަކުންވެސް މިހާރު ވަނީ ތުރުކީއަށާއި ސީރިއާއަށް ސިފައިންނާއި މީހުން ހޯދުމަށް ހާއްސަ ކުއްތާތައް ފޮނުވައިފައެވެ. ބިން ހެލުންތަކުގެ ސަބަބުން ގެއްލޭ މީހުން ހޯދުމަށް މެކްސިކޯގެ ސިފައިން ބޭނުންކުރާ ކުއްތާތަކުގެ ޓީމެއްވެސް ވަނީ ތުރުކީއަށް ފޮނުވައިފައެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ފްރޭންސިސް ޑެލްމާސް ވިދާޅުވީ ސީރިއާއަށް 13 މިލިއަން ޕައުންޑްގެ އެހީ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެހީ ފޮނުވަން ނިންމާފައިވަނީ ސީރިއާގެ ސަރުކާރު މެދުވެރިނުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ހޯމަ ދުވަހު ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ބިންހެލުމާ ގުޅިގެން އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އައި ބިންހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިންހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު