އިންޑިޔާ އާއި ޕާކިސްތާނުގައި އެންމެ މަގްބޫލު ކުޅިވަރަކީ ކުރިކެޓެވެ. މިއީ ކުރިކެޓްގެ ދުނިޔޭގައި އެންމެ ބޮޑެތި ބާރުތަކުގެ ތެރެއިން ދެ ބާރެވެ. މި ދެގައުމުގެ މެދުގައި ކުރިކެޓް މެޗެއް ކުޅެންޏާ ދެ ގައުމުވެސް ހުއްޓުމަކަށް އާދެއެވެ. ފަހަކަށް އައިސް ބައިނަލްއަގުވާމީ ކުރިކެޓުން ޕާކިސްތާން އެކަހެރިކޮށްލުމަށް އިންޑިޔާއިން ދަނީ އެކިގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ. ކުރިކެޓަކީ ވަޒަނާއި ނުލައި ދެގައުމު ކުރަމުންދާ ހަނގުރާމައެކެވެ. އިންޑިޔާގެ ޓީމެއް ޕާކިސްތާނަށް ފޮނުވަން އެއްބަހެއް ނުވެއެވެ. ހަމައެބީދައިން ޕާކިސްތާނުގެ ޓީމެއް އިންޑިޔާއަށް ފޮނުވަންވެސް އެއްބަހެއް ނުވެއެވެ. މިކަން މިހެންއޮތީމާ ބައިނަލްއަގުވާމީ މުބާރާތެއް މިއިން ތަނެއްގައި ބޭއްވުމަކީ މިހާރު ބޮޑު މައްސަލައެކެވެ. މިއަހަރުގެ އޭޝިއާ ކަޕާއި ވޯލްޑްކަޕަށްވެސް މިކަމުގެ ހިޔަނި ވަނީ އެޅިފައެވެ.

އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ ލިމިޓެޑް އޯވަރުގެ އޭޝިއާ ކަޕް މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން އެންމެ ފުރަތަމަ ހަމަޖެހުނީ ޕާކިސްތާނުގައެވެ. މުޅިއެކު ހަ ގައުމު ވާދަކުރާގޮތަށް ފަރުމާ ކުރެވިފައިވާ މި މުބާރާތް ޝެޑިއުލް ކުރެވިފައިއޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ގޮތަށެވެ. އެހެންނަމަވެސް ޕާކިސްތާނަކަށް ނުދާނަމޭ، ސަލާމަތީ ޔަގީންކަމެއްނެތޭ ބުނެފައި އިންޑިޔާ ވަނީ މި މުބާރާތް އެހެން ގައުމެއްގައި ބާއްވަން ހުށައަޅައިފައެވެ. އޭޝިއާގެ ކުރިކެޓް ކައުންސިލްގެ ރިޔާސަތު މިވަގުތު ބަލަހައްޓަނީ އިންޑިޔާއިންނެވެ. މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރިޔާސަތުން ވަނީ ޕާކިސްތާނުގެ ކިބައިން ނިގުޅައިގެންފައެވެ. އަދި ކުރިއަށްއޮތް މާރޗް މަހު މުބާރާތް ބާއްވާނެ އައު ގައުމު އިއުލާންކުރުމަށްވެސް ވަނީ ނިންމައިފައެވެ.

އޭޝިއާ ކަޕަށް އެއްމަސްފަހުން ފަންސާސް އޯވަރުގެ ކުރިކެޓް ވޯލްޑްކަޕް އިންޑިޔާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭޝިއާ ކަޕް ޕާކިސްތާނުގައި ނުބާއްވާނަމަ، އަދި މިކަމުގެ ފަހަތުގައި އޮތީ އިންޑިޔާ ކަމަށްވާނަމަ ޕާކިސްތާނުގެ ޓީމު ވޯލްޑްކަޕް ކުޅެން އިންޑިޔާއަށް ނުދާނެ ކަމަށް ޕާކިސްތާނުން މިހާރު ވަނީ ބުނަން ފަށައިފައެވެ. ޕާކިސްތާން ބުނަނީ ވޯލްޑްކަޕްގައި ޕާކިސްތާން ކުޅެންޖެހޭ މެޗުތައް އެހެން ގައުމެއްގައި ބާއްވަން ރުހިދާނޭ ކަމަށާއި އެކަމަކު އިންޑިޔާއަށް ދިއުމެއް ނެތްކަމުގައެވެ. އޭޝިއާ ކަޕްގައި ކުޅެން އިންޑިޔާގެ ޓީމު ޕާކިސްތާނަށް ދާން އުޒުރުވެރިވާ ބީދައިން ވޯލްޑްކަޕްގައި ކުޅެން އިންޑިޔާއަށް ދާން ޕާކިސްތާން ވެސް އުޒުރުވެރިވާ ކަމަށް ވަނީ ބުނެފައެވެ. މި އަރައިރުން ބޮޑުވެގެންގޮސް އިންޓަރނޭޝަނަލް ކުރިކެޓް ކައުންސިލަށް މިހާރު ވަނީ ގޮތްހުސްވެފައެވެ.

ޕާކިސްތާނުގެ ކުރިކެޓް ޓީމު އެންމެފަހުން އިންޑިޔާއަށް ދަތުރެއްކުރީ މީގެ ހަތް އަހަރު ކުރިން 2016 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އެއަހަރު އިންޑިޔާގައި ބޭއްވުނު ޓީ ޓުވެންޓީ ކުރިކެޓް ވޯލްޑްކަޕްގައި ވާދަކުރުމަށްޓަކައެވެ. އިންޑިޔާގެ ކުރިކެޓް ޓީމު ޕާކިސްތާނުގެ ފަސްގަނޑުގައި ފައިބީއްސައިނުލާތާ ފަނަރަ އަހަރު ވެއްޖެއެވެ. އިންޑިޔާގެ ޓީމު އެންމެފަހުން ޕާކިސްތާނަށް ދަތުރެއްކުރީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ޕާކިސްތާނާއި އިންޑިޔާއިން އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް އެންމެ ފަހުން ޓެސްޓް ކުރިކެޓް ސިލްސިލާއެއް ކުޅުނީ 2007 ވަނަ އަހަރުއެވެ. ޓެސްޓް ކުރިކެޓަކީ ދުނިޔޭގެ ކުރިކެޓްގެ ބޮޑެތި ބާރުތަކުގެ މެދުގައި ނިކަން ދޭތެރެ އަވަސްކޮށް ކުޅެވޭ އެއްޗެކެވެ. ނިކަން ފޯރިގަދަ އަދި ވަރަށް ބޮޑަށް އެޔަށް އިންތިޒާރު ކުރެވޭ އެއްޗެކެވެ.

ކަން މިހެންއޮތަސް އޭޝިޔާގެ ކުރިކެޓްގެ އެންމެ ބޮޑު ދެބާރުކަމަށްވާ މި ދެއަވަށްޓެރިންގެ މެދުގައި ޓެސްޓް ކުރިކެޓް މެޗެއް ނުކުޅޭތާ ސޯޅަ އަހަރުވީއެވެ. ޓެސްޓް ކުރިކެޓާއި އެއްދުވަހުގެ ބައިނަލްއަގުވާމީ ކުރިކެޓް މެޗުތަކަކީ ކޮންމެ ބަޔަކުވެސް އަނެއް ބައެއްގެ ގައުމަށް ޒިޔާރަތްކޮށް ދެބައިމީހުންގެ މެދުގައި ކުޅޭ ސިލްސިލާތަކެކެވެ. މި ދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ ގައުމަށް ޒިޔާރަތްކޮށް ޓެސްޓް ކުރިކެޓާއި އެއްދުވަހުގެ ބައިނަލްއަގުވާމީ ކުރިކެޓާއި ދެންވެސް އެޒާތުގެ ލިމިޓެޑް އޯވަރު މެޗުތަކެއް ނުކުޅުނަސް އެހެން ތަންތާގައި ބޭއްވޭ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކުރެއެވެ. އެގޮތުން އެންމެފަހުން މިދެބައިމީހުން ބައްދަލުކޮށްފައިވަނީ ހުސްވި 2022 ވަނަ އަހަރު އޮސްޓްރޭލިޔާގައި ކުޅުނު ޓީ ޓުވެންޓީ ވޯލްޑްކަޕުގައެވެ.

އެންމެފަހުން ބައްދަލުކުރި ފަހަރު މެލްބަންގައި ހަތަރު ވިކެޓުން މޮޅުވީ އިންޑިޔާއެވެ. އޭގެކުރިން 2021 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކުޅުނު ޓީ ޓުވެންޓީ ވޯލްޑްކަޕުގައި ވެސް މިދެބައިމީހުން ބައްދަލު ކުރިއެވެ. އެފަހަރު ދިހަ ވިކެޓުން މޮޅުވީ ޕާކިސްތާނެވެ. އެއީ މި ދެގައުމުގެ މެދުގައި މިހާތަނަށް ކުޅެވުނު ދުއިސައްތަ ވަނަ ބައިނަލްއަގުވާމީ ކުރިކެޓް މެޗެވެ. ފަންސާސް އޯވަރުގެ ކުރިކެޓް ވޯލްޑްކަޕެއްގައި މިދެބައިމީހުން އެންމެފަހުން ބައްދަލުކޮށްފައިވަނީ އިންގްލެންޑުގައި 2019 ވަނަ އަހަރު ބޭއްވުނު އައިސީސީ ވޯލްޑްކަޕުގައެވެ. އެފަހަރު 89 ލަނޑުން މޮޅުވެފައިވަނީ އިންޑިޔާއެވެ. ނިއުޓްރަލް ތަންތަނުގައި ކުޅެގެން ގިނަފަހަރު މޮޅުވެފައި ވަނީ އިންޑިޔާއެވެ. ނިއުޓްރަލް ތަންތަނުގައި ވާދަކުރި ކޮންމެފަހަރަކުވެސް ވާދަކޮށްފައިވަނީ ކޮންމެވެސް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައެވެ.