ރާއްޖޭގެ ބައެއް މުއައްސަސާތަކާއި ތަންތަނުގެ ތާރީޚު ލިޔެއުޅޭގޮތް ފެނިފައި ބައެއްފަހަރު ނުހަނު ބޮޑަށް ހައިރާންވެ އަންތަރީސްވެފައި ހުންނާންޖެހެއެވެ. މިފަދަ ހައިރާންކަމެއް އެންމެފަހުން ލިބުނީ އައްޑުއަތޮޅު ގަމުގައި އޮންނަ އެއަރޕޯޓަށް 80 އަހަރު ފުރުން މިހަފުތާގައި ފާހަގަ ކުރުމުންނެވެ. ގޭން އިންޓަރނޭޝަނަލް އެއަރޕޯޓަށް 80 އަހަރު ފުރުނުކަމަށް ބުނާއިރު އިނގިރޭސިވިލާތުގެ ލަންޑަނުގައި އޮންނަ ހީތުރޯ އެއަރޕޯޓަށް މިވީ 76 އަހަރެވެ. އެމެރިކާގެ ނިއުޔޯކުގައި އޮންނަ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިވީ 74 އަހަރެވެ. މި ދެތަނަށްވުރެވެސް ގަމުގެ އެއަރޕޯޓް ދޮށްޓެވެ. މިއީ ކޮންގޮތަކުން އެކަށީގެންވާކަމެއް ބާވައެވެ. ގަމުގެ އެއަރޕޯޓް ވުޖޫދުވިކަމަށް އެބުނަނީ 8 ފެބްރުއަރީ 1943 ގައެވެ.
ތެދެކެވެ. އިނގިރޭސި އަސްކަރިއްޔާގެ ކުޑަވަރެއްގެ ބޯޓެއް ގަމުގެ ވަގުތީ ވެލި ރަންވޭގައި ޖެއްސީ އެދުވަހުއެވެ. އެކަމަކު މިއަދު އެ ރަންވޭއެއް ނެތެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ވަގުތީގޮތުން ހެދި ވެލީގެ ރަންވޭއެކެވެ. ބޮޑު ހަނގުރާމަ ނިމިގެން އިނގިރޭސިން 1945 ވަނަ އަހަރު ގަމުން ފައިބައިގެން ދިޔައީމާ ގަމުގެ ރައްޔިތުން އަލުން ގަމަށް ބަދަލުވެ އެއްކަލަ ރަންވޭ އޮތްތަނުގައި ގެދޮރުއަޅައި ދަނޑުބިންތައް ހަދައި ގޮވާންއިންދައި މިޒާތަކުން އެ ރަންވޭ ވުޖޫދުންވެސް ފުހެވިގެން ހިނގާއްޖެއެވެ. މިއަދު އޮތީ އޭގެ މާފަހުން ވުޖޫދުވި ރަންވޭއެކެވެ. އެއަރޕޯޓެކެވެ. މިއަދު އެއޮތީ އިނގިރޭސިން ދެވަނަ ފަހަރަށް ގަމަށްގޮސް ކޮސްޓޭން ނަމަކަށް ކިޔުނު ކުންފުންޏަކަށް ކޮންޓްރެކްޓް ދީގެން 1959 ވަނަ އަހަރު ތައްޔާރުކޮށް ބޭނުންކުރަން ފެށި ކޮންކްރީޓް ރަންވޭއެކެވެ.
ކުރީގެ ވެލި ރަންވޭގެ އަސަރުވެސްނެތި ދަނޑުވެރިކަމުގެ ރަށެއްގެ ގޮތުގައި ގަން އޮންނަތާ އެތައް އަހަރެއް ފާއިތުވީފަހުން ދެވަނަ ފަހަރަށް އިނގިރޭސިން ގަމަށްގޮސް އެރަށުގެ ރައްޔިތުން ރަށުން ބާލައި ދެން އެޅި ކޮންކްރީޓް ދާއިމީ ރަންވޭ އަސްކަރީ ކަންކަމަށް ބޭނުންކުރަން ފެށީ 19 ސެޕްޓެމްބަރު 1959 ގައެވެ. އެފަހުން މިވީ 63 އަހަރެވެ. ގަމުގެ އެއަރޕޯޓުގެ އަހަރީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ބޭނުންނަމަ، ގަމުގައި އިނގިރޭސީން އަސްކަރީ ބޭނުމަށް ހެދި ރަންވޭއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މަދަނީ ވައިގެ ބަނދަރަކަށް އެތަން ބަދަލުކޮށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެއަރޕޯޓު ހިންގުމުގެ ހުއްދަދިން ދުވަސް އަހަރީ ދުވަސްކަމުގައި ބެލިދާނެއެވެ. ނުވަތަ ފުރަތަމަ މަދަނީ މަތިންދާ ބޯޓު ޖެއްސި ދުވަސް އަހަރީ ދުވަސްކަމުގައި ބެލިދާނެއެވެ.
ދުނިޔޭގެ އެހެން މީހުންވެސް މިޒާތުގެ ކަންކަން ކުރުމުގައި ބަލަނީ މި ހަމައެވެ. މި އުސޫލެވެ. މީގެ މިސާލެއް އަވަށްޓެރި ސްރީލަންކާއިންވެސް ނެގިދާނެއެވެ. ސްރީލަންކާގެ އެންމެ ދުވަސްވީ އެއަރޕޯޓަކީ ރަތުމަލާނާ އެއަރޕޯޓެވެ. އެތަން ރަސްމީގޮތުން ބޭނުން ކުރަމުން އަންނަނީ 1938 ވަނަ އަހަރުން ފެށިގެންނެވެ. އެކަމަކު އަޖުމަ ބަލައިލުމުގެ ގޮތުން އެތަނަށް ފްލައިޓް ތިރިކޮށް އުދުހި ހަދަމުންދަނީ 1935 ވަނަ އަހަރުން ފެށިގެންނެވެ. ލަންޑަނުގެ ހީތުރޯއަށްވެސް ފްލައިޓް ތިރިކުރަމުން ދިޔައީ 1929 ވަނަ އަހަރުން ފެށިގެންނެވެ. އެތަންތާގެ އަހަރީދުވަސް މާފަހުގެ ތާރީޚަކުން އެފަށަނީ ރަސްމީގޮތުން މަދަނީ އެއަރޕޯޓެއްގައި ހުންނާންޖެހޭ އަސާސީ ސިފަތައް ފުރިހަމަވެގެން އޮޕަރޭޝަން ފެށި ތާރީޚު ފާހަގަކުރުމުގެ ގޮތުންނެވެ.
ގަމުގައި މާކުރިން ބަޔަކު ޖެހި ސަކަރާތެއް އޭގެފަހުން ގާއިމްކޮށް ބޭނުންކުރަން ފަށާފައިވާ ވަސީލަތަކާ ނުގުޅުވޭނެއެވެ. ގުޅުވާން މަސައްކަތްކޮށްގެންވެސް ނުވާނެއެވެ. ގަމުގައި މިހާރުއޮތް ރަންވޭއަށް 63 އަހަރުވީއިރު މަދަނީ އުދުހުންތަކުގައި އެތަން އާއްމުކޮށް ބޭނުންކުރަން ފަށާފައިވަނީ އަދި މާފަހުގެ ތާރީޚެއްގައެވެ. އިނގިރޭސިން 1976 ވަނަ އަހަރު ފޭބުމާ ހަމަޔަށް އެއީ އެއަރޕޯޓެއް ނޫނެވެ. އެއީ އިނގިރޭސި އަސްކަރިއްޔާގެ ސްޓޭޖިން ޕޯސްޓެކެވެ. އެތަނަށް ބޯޓުފަހަރު ތިރިކުރީ މަތިންދާބޯޓު އުފުލާ މަނަވަރަކަށްވެސް އުޅަނދުތައް ތިރިކުރާ ބީދައިންނެވެ. އިނގިރޭސިން ފޭބުމަށްފަހު އެއަރމޯލްޑިވްސްގެ ޒަމާނުގައި ސްކައިވޭނޭ ކިޔުނު ބޯޓެއް ގެނެސްގެން ގަމާއި ހުޅުލެޔާއި ދެމެދު މަދަނީ އުދުހުންތައް ފެށީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އެފަހުންމިވީ ސާޅީހަކަށް އަހަރެވެ.
ކޮސްޓޭން ކުންފުނިން ގަމުގައި ހެދި 2650 މީޓަރު ދިގު ރަންވޭ އަކީ އެތަނުގައި ގާއިމުކުރި އެހެނިހެން ވަސީލަތްތަކާއެކު އައިކާއޯގެ ކޯޑް 4- ގެ ރަންވޭއަކަށް ވިޔަސް ނުވިޔަސް އެއީ ދިވެހިންގެ ބޭނުމަށް ދިވެހިން ހެދި ތަނެއް ނޫނެވެ. އިނގިރޭސިން ގަމުގައި ދެމިތިބިހާ ދުވަހެެއްގައި ދިވެހީންނަށް ޚިދުމަތް ލިބުނު ތަނެއްވެސް ނޫނެވެ. އަދިކިޔެެއްތަ އެތަނަކީ ދިވެހި ސަރުކާރުގެ ހުއްދަ އޮވެގެން ދިވެހި ސަރުކާރުގެ ރުހުމުގައި ހެދި ތަނެއްވެސް ނޫނެވެ. އިނގިރޭސިން ތިބިހައި ދުވަހަކު ދިވެހި ދައުލަތުގެ ހުކޫމަތު ހިނގި ތަނެއްވެސް ނޫނެވެ. އެހެންވީއިރު ގަމުގެ އެއަރޕޯޓުގެ ތާރީޚު އިނގިރޭސިންގެ ޒަމާނުން ފެށިގެން ގުނަން ހެޔޮވެދާނެ ބާވައެވެ. ހެޔޮކަމަށްވަންޏާ ދިވެހިރާއްޖޭގެ މުވާސަލާތީ ކަންކަމާއި ހަސްފަތާލުގެ ކަންކަމާއި އަލިފާން ނިއްވުމުގެ ނިޒާމާއި މިހެންގޮސް މިބާވަތުގެ ހަމަ ކޮންމެ ކަމެއް ގަމުގެ ޒަމާނާއި ގުޅުވަންވީއެވެ. އެއީ ހައްތާވެސް އިނގިރޭސިން އެތާގައި ތިބެގެން ކުރިކަންކަމަށްވާތީއެވެ.