(3 ފެބްރުއަރީގެ އަދަދާ ގުޅޭ)
މަޝްހޫރު މުއައްރިޚު އެޑްވަޑް ގިބޯންސް ލިޔުއްވާގޮތުގައި ޝަހެންޝާހު ޕެލައެލޮގޫސް (ޤުސްޠަންޠީން XII ގެ) ތަޤްރީރު ހިމެނުނީ ރޯމަން އެމްޕަޔަރުގެ ޖަނާޒާގެ ތަޤްރީރާ އެއްމާނައެއްގެ ތަޤްރީރެއްކަމުގައެވެ. (ގިބޯންސް ބާބު: 68)
ޝަހެންޝާހު ދައުލަތުގެ ބޮޑުންނާއި ރަށުގެ އަޝްރާފުންނަށް އެންމެފަހު ވަގުތާހަމަޔަށް ހަނގުރާމަކުރައްވަން ހިތްވަރުދެއްވުމަށްފަހު ދައުލަތުގެ ބޮޑުން ގޮވައިގެން ވަޑައިގެންނެވީ އަޔާސޯފިޔާއަށެވެ. ޝަހެންޝާހު އަޔާސޯފިޔާއަށް ވަޑައިގެން މަޝްޣޫލުވެވަޑައިގެންނެވީ އެންމެފަހުގެ އަޅުކަމުގައެވެ. އޭރު ދެލޯފުޅުން ހޯސްލާފައި ކަރުނަފޮދު އޮހޮރެއެވެ. ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންވެސް ތިއްބެވީ އެކަހަލަ ހާލުކޮޅެއްގައެވެ. ޝަހެންޝާހު އަޅުކަމުން ނިމިވަޑައިގެން އަނެއްކާވެސް ވަޑައިގެންނެވީ ގަނޑުވަރަށެވެ. އޭރު ހަފަރާތަށް ވެރިވެފައިއޮތީ ބިރުވެރިކަމެވެ. ގަނޑުވަރުގެ ތެރެއިން މުޅީންވެސް އިވެނީ ކީރިތިކުރައްވާ އަޑުފުޅެވެ. ހިތާމަފުޅު ކުރެއްވުމުގެ ބަސްފުޅުތަކުގެ އަޑުފުޅެވެ. ޝަހެންޝާހު އިރުކޮޅަކު އަރާމުކުރެއްވުމަށްފަހު ވަޑައިގެންނެވީ ރަށުގެ ބޭރުފާރު ކައިރިޔަށެވެ.
އެޑްވަޑް ކްރޭޒީ ލިޔުއްވައިފައިވެއެވެ. "ޙަމަލައިގެ ކުރީރޭ ޝަހެންޝާހު ސެއިންޓް ސޯފިޔާ ފައްޅީގައި ޢިޝާއޭ ރައްބާނީ (ދަ ލާސްޓް ސަޕަރ - عـيســـى عــلــيـــه الـسّــلام ޙަވާރީ ބޭކަލުންނާއެކު އެންމެފަހުން ފަރީއްކުޅުއްވި ފަރިއްކުޅުއްވުން ރަމްޒުކުރަން މަސީޙީން ކުރާކަމެއް) ގެ ރަސްމު އަދާކުރެއްވިއެވެ. އެއަށްފަހު އޭނާ ވަޑައިގެންނެވީ އޭނާގެ ހައިބަތުހުރި ގަނޑުވަރަށެވެ. ގަނޑުވަރުގެ ބޮޑެތި ކޮޓަރިކޮޅު (މާލަން) ތަކުގައި ހިންގަވައިލެއްވިއެވެ. އިރުކޮޅަކު މަޑުކޮށްވެސްލެއްވިއެވެ. އެއީ އޭނާގެ ކުރީން ތިއްބެވި ޤައިޞަރުން ޤަރްނުތަކެއްވަންދެން ނުހަނު ޖާހާއި ޝާނުޝައުކަތާއެކު ރަސްކަންކުރެއްވި ގަނޑުވަރެވެ. އެކަމަކު އެގަނޑުވަރު ދެނެއް އޭނާއަކަށްވެސް އޭނާގެ ނަސްލުގެ އެހެން ޝަހެންޝާހަކަށްވެސް ފެނިވަޑައެއް ނުގަންނަވާނެއެވެ. ރަށުގެބޭރު ފާރުގައި ލައިފައިވާ ބޮޑެތި ރެނދުތަކާ ދިމާއިން އޭނާގެ މަޤާމުގައި ހުއްޓިވަޑައިގެން "ޝަހީދުވުމުގެ" އިންތިޒާރުކުރައްވާން ނުކުމެވަޑައިގެންނެވިއިރު ދުނިޔަވީ ޢިއްޒަތާއި ޝަރަފާއި ކީރިތި މޫރިތިކަމުގެމަތީން އޭނާވަނީ ހަނދުމަފުޅު ނެތިފައެވެ. ޤައިޞަރު އޭނާގެ ވަށައިގެން އެއްވެފައިތިބި މީހުނާ މުޚާޠަބު ކުރެއްވިއެވެ. އޭގެތެރެއިން އެތައްބަޔަކީ އެބައިމީހުންގެ ޒުވާން ޢުމުރުއްސުރެ ޤައިޞަރުގެ އަރިހުގައި އުޅެމުންއައި މީހުންނެވެ. އޭނާގެ ފަރާތްޕުޅުން އެއިންމީހަކަށް އެއްވެސްބާވަތެއްގެ ތުރާލެއް އަނިޔާއެއް އިހާނެތިކަމެއް ކުރެއްވިފައިވާނަމަ އެކަމަކަށް މާފުއެދިވަޑައިގެންނެވިއެވެ. ޢީސާއީއެއްގެ ހައިސިއްޔަތުން މާފުކޮށްދިނުން އެދިވަޑައިގެންނެވިއެވެ. އެއަށްފަހު އެ އެންމެންގެ ކަރުނައާއި ހެޔޮދުޢާތަކުގެ ތެރޭގައި މަޑުކުރައްވައިގެން އެބައިމީހުނާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ. އެއަށްފަހު ޤައިޞަރުންގެ ސިލްސިލާގެ އެންމެފަހުގެ ޤައިޞަރު އަވަހާރަވުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ." (ޞަފުޙާ: 83)
ސްޓެފަން ސުވޭގު/ޒުވޭގު ލިޔުއްވައިފައިވެއެވެ. "ޝަހެންޝާހު ޢިޝާއޭ ރައްބާނީއަށްފަހު އޭނާގެ ފުރަދާނައިންނާއި އަރިހުބޭކަލުންނާއި ޚާދިމުންގެ ކިބައިން މާފުއެދިވަޑައިގަންނަވަމުން ގަނޑުވަރަށް ވަޑައިގެންފިއެވެ. އެއަށްފަހު އަސްމައްޗަށް ސަވާރުވެވަޑައިގެން ރަށުގެ ބޭރުފާރުކައިރިޔަށް ވަޑައިގެންފިއެވެ. (سـلطـــان) محمّـــد ފަދައިންނެވެ. އޭނާވެސް ޢަމަލުކުރައްވަމުން ގެންދެވީ އެގޮތަށެވެ. ޤައިޞަރު ފާރުކައިރީން ރަށުތެރޭގައި ބުރެއް ޖެއްސެވިއެވެ. އޭނާގެ ސިފައިންނަށް ހިތްވަރު ދެއްވުމަށްޓަކައެވެ. އޭނާ ބުރުޖައްސަވައި ނިމުނުއިރު ރޭގަނޑު އަނދިރިވެއްޖެއެވެ." (ޞަފުޙާ: 62)
ކުރީންވެސް ދެންނެވި ފަދައިން ވަރަށް ފަތިހާ ހަނގުރާމަ ފެށިއްޖެއެވެ. އޭރަކު އަދި ފަޖުރެއް ނުލައެވެ. ރަށުގެ ބޭރުފާރުގެ ހުރިހައި ދިމާއެއްގައިވެސް ބިރުވެރި ޙަމަލައިގެ ހުޅު ވަނީ ފަޅައިގެންގޮސްފައެވެ. ރަށުތެރެއާއި ރަށުގެ ބޭރުން ފެންނަނީ އަންތަރީސްވާފަދަ މަންޒަރެކެވެ. ރަށުގެ ބޭރުން މުސްލިމުންނެވެ. ރަށުތެރެއިން މަސީޙީންނެވެ. ކޮންމެބަޔަކުވެސް އެބަޔެއްގެ ދީނާއި ޢިއްޒަތާއި ޝަރަފަށްޓަކައި ޤުރްބާންވަނީއެވެ. ތުރުކިޔޭއިން ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމުގެ ރޭވުންތައް ރާވަމުންގެންދިޔަ ދުވަސްވަރު ޤުސްޠަންޠީން ރޯމަން ކެތަލިކުންގެ މަޒުހަބު ޤަބޫލުކުރެއްވުމުގެ ސަބަބުން ރަށުގެ އަހުލުވެރީން ޤުސްޠަންޠީނަށް ފުރަގަސްދިންކަމުގައިވިޔަސް ޤުސްޠަންޠީނިއްޔާގެ އަހުލުވެރީންގެ އެންމެން މިހާރުވަނީ ރަށް ދިފާޢުކުރަން ކަމަރުބަނދެ އަރުވާޖަހައިގެން މަސައްކަތް ފަށައިފައެވެ. އަންހެނެއް ފިރިހެނެއްގެ ފަރަގެއްނެތެވެ. ކުޑަކުއްޖެއް ބޮޑުމީހެއްގެ ތަފާތެއްނެތެވެ. މީހަކަށް ދޫކުރާނެ މީހެއްނެތެވެ. މުއައްރިޚަކު ލިޔުއްވައިފައިވެއެވެ. "ރަށުގެ ބޭރުން އިވެނީ ތަކްބީރާއި ތަހްލީލުގެ އަޑެވެ. މުސްލިމުންގެ ހަނގުރާމައިގެ ބެރުތަކުގެ ބުންއަޑުން ބިންގަނޑުދަނީ ގުޑަމުންނެވެ. ރަށުތެރޭގައި ފައްޅިތަކުން ހުއްޓައިނުލައި ރަނގަބީލުތައް ތެޅުމުގެ ސަބަބުން ވަނީ ބިރުވެރި މަސްރަޙެއް އުފައްދައިފައެވެ."
މުސްލިމުން ޙަމަލަދެމުން ގެންދިޔައީ އިންތިހާދަރަޖައިގެ ޖޯޝާއި ފޯރިޔާއެކުގައެވެ. މުސްލިމުން އަރައަރައިގެންއައިސް ވަރަށް ގަދަފަދަ ޙަމަލަތަކެއް ރަށަށް އަމާޒުކުރަމުން ގެންދިޔައިރު މުސްލިމުންގެ ބޮޑުބަޑިތަކުން ހަތަރުފަރާތުން އަލިފާނުގެ ވާރޭވެއްސަމުން ގެންދެއެވެ. މުޅި ޖައްވު ބައްދައިލައިފައިވަނީ ދުމުގެ ވިލާތަކުންނެވެ. އޭރު މަޙްޞޫރުން ރަށް ދިފާޢުކުރަމުން ގެންދިޔައީވެސް ފުކެއްވެސް ދުލެއްނުދީއެވެ. ފިސާރި ހިތްވަރާއި ސާބިތުކަމާ އެކުގައެވެ. ނަތީޖާއެއްގެގޮތުން ރަށް ފަތަޙަކުރެއްވުމުގެ ނިޝާނެއްވެސް ފެންނާކަށެއް ނުފަށައެވެ. ސްޓެފަން ސުވޭގު/ޒުވޭގު ވިދާޅުވާގޮތުގައި ގަދަފަދަ ޢަޒުމާ ކުރިމަތިލަމުން ގެންދިޔައީ ގަދަފަދަ ޢަޒުމެވެ. (ޞަފުޙާ: 63)
“Resolution was matched by resolution, the defence was as vigorous, as the attacks.”
މިތާނގައި ފާހަގަކޮށްލާންޖެހެއެވެ. "ގިބޯންސް ވިދާޅުވާގޮތުގައި سـلطـــان محمّـــد ثــانـــــى އަމިއްލަފުޅަށް ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. ދިހަހާސް ސިފައިންގެ ގެމައަކާ އެކުގައެވެ. ސްޓެފަން ސުވޭގު/ޒުވޭގު ވިދާޅުވާގޮތުގައި ޔުނިޗަރީ ސިފައިންގެ ބާރަހާސް ފަހުލަވާނުންގެ ގެމައަކާ އެކުގައެވެ. سـلطـــان محمّـــد ثــانـــــى ގެ އެ ސިފައިންނަކީ ފަނަރަވަނަ ސައްތައިގައި ޔޫރަޕުގެ އެންމެމޮޅަށް ތަމްރީނު ދެވިފައިވާ އެންމެ ޤާބިލު ސިފައިންނެވެ. އެބައިމީހުންނަށް މަގުދައްކަވަމުން ގެންދެވި އިސްވާރަކީ ޚުދު سـلطـــان محمّـــد އެވެ. (ޞަފުޙާ: 63) އެޑްވަޑް ގިބޯންސް ވިދާޅުވާގޮތުގައި سـلطـــان އިންނެވީ އަސްމަތީގައެވެ. އޭނާގެ އަތްޕުޅުގައި ދަގަނޑު ގުރުޒެއް އޮތެވެ."
عــلاّمــــة أسـلـــم ޖޭރާޖުޕޫރީ ލިޔުއްވައިފައިވެއެވެ. "آقــا شمــس الّــديــــن ނިމުތު ދެއްވައިފައިވާގޮތުން ރަށް ފަތަޙަވާނެ ވަގުތު އަތުވެއްޖެއެވެ. ނަމަވެސް ގަޑިޖެހުނުއިރުވެސް ރަށް ފަތަޙައެއް ނުވެއެވެ. سـلطـــان محمّـــد ގެ ވަޒީރެއް ދުވެވަޑައިގެންފައި آقــا شمــس الّــديــــن ގެ އަރިހަށް ވަޑައިގެންނެވިއެވެ. ވަޒީރު ބައްލަވައިލެއްވިއިރު އެކަލޭގެފާނު އޮންނެވީ ސަޖިދައިގައެވެ. ދުޢާކުރައްވަނީއެވެ. އިރުކޮޅެއްގެފަހުން އިސްތަށިފުޅު އުފުއްލަވައިލައްވައިފައި ވިދާޅުވިއެވެ. "ފަތަޙައިގެ މުބާރިކުބާދީއެވެ! މަރްޙަބާއެވެ!" އެވަގުތު އެއްދިމާއަކުން ރަށުގެ ފާރު ހަލާކުވެއްޖެއެވެ. މުސްލިމުން ރަށަށް ވަދެގެންފިއެވެ. ވަޒީރު آقــا شمــس الّــديــــن ގެ މުބާރިކުބާދީ سـلطـــان محمّـــد الــفــاتــــح އަށް ރައްދުކުރެއްވިއެވެ. سـلطـــان ވަގުތުން ސަޖިދައަށް ތިރިވެވަޑައިގެންފިއެވެ. ތެދުވެވަޑައިގެންފައި ވިދާޅުވިއެވެ. "އަހަރެން ޝުކުރުގެ ސަޖިދަ މިކުރީ އަހަރެންގެ ޒަމާނާ ހަމަޔަށް މިފަދަ ބޭކަލުން ލެހެއްޓެވީތީއެވެ." (ޖާމިޢާ)
މުސްލިމު މުއައްރިޚު مـــولانــا أكــبــــــر شــاه خــــان نجــيب آبــادى މިވާހަކަ ތަންކޮޅެއް ތަފްސީލުކޮށް ވަނީ ލިޔުއްވައިފައެވެ. މިދަންނަވާ ފަދައިންނެވެ.
"ޢުޘްމާނީ ލަޝްކަރުގެ ބަހާދަރުން ރަށުގެ ބުރުޒުތަކަށާއި ފާރުގެ ތަންކޮޅެއް ދެރަވަރު ދިމަދިމާއިން ފާރުމައްޗަށް އެރުމުގައި އެތަކެއްފަހަރު ކާމިޔާބު ހޯދިއެވެ. ނަމަވެސް ފާރުގެ އެތެރެއިން ސިފައިންނާއި ރަށުގެ ރައްޔިތުން، އަންހެނުންނާއި ކުޑަކުދީންނަށް ދާންދެން ގެންދިޔައީ ވަރުގަދަޔަށް ހަނގުރާމަކުރަމުން ރަށް ދިފާޢުކުރަމުންނެވެ. ރަށުގެ ހުރިހައި ފަރާތެއްގައިވެސް ކަންހުރީ އެގޮތަށެވެ. އެއްގަމުމަގުންނާއި ކަނޑުމަގުން ޖޯޝާއި ފޯރިޔާއެކު ވަރުގަދަޔަށް ޙަމަލަދެމުން ގެންދެއެވެ. ހަނގުރާމަ ހިނގަމުންދިޔައީ އަޖައިބުވެ އަންތަރީސްވާހައި ވަރުގަދަޔަށެވެ. ރަށްބޭރު ފާރުދޮށަށް އެތައްބައިވަރު މުޅަ މަސްތަކެއް އެޅިއްޖެއެވެ. އެކަމަކު ރަށް ޙިޞާރުކުރާ މީހުންވެސް، ރަށުގައި ޙިޞާރުވެފައިތިބި މީހުންވެސް ހިންމަތް ދޫކޮށެއް ނުލައެވެ. ހިތްވަރު އެލުވައެއް ނުލައެވެ. މެންދުރުވީއިރު ހަނގުރާމައިގެ އެތައްދަރެއް ހުރީ މައްޗަށް އުފުލިފައެވެ. سـلطـــان އެމަނިކުފާނުގެ މުރްޝިދުގެ އަރިހަށް ވަޒީރަކު ފޮނުއްވިއެވެ. އެވަގުތަކީ ޚާއްޞަގޮތެއްގައި ދުޢާއާއި ރޫޙާނީ މަދަދު ބޭނުންވާ ވަގުތެކެވެ. ޙިޞާރުވެފައިތިބި މީހުންގެ ހިންމަތްތެރިކަމާއި ދިފާޢުގެ ވަރުގަދަކަމުން ޙަމަލަދޭ މީހުންގެ ހިތްކުޑައިވާން ފަށައިފިއެވެ. މިއަދު ރަށް ފަތަޙަ ނުކުރެއްވިއްޖެކަމުގައިވާނަމަ ދެން އެރަށް ފަތަޙަކުރެއްވުން އުނދަގޫވެދާނެކަމަށް سـلطـــان ވިސްނައިވަޑައިގެންނެވިއެވެ. އެހެނީ ޙަމަލަދޭ މީހުންވަނީ ފުރިހަމަ އާރާއި ބާރުގެ ބޭނުންކޮށްފައެވެ. ކޮޅުނެތްކޮޅަށް ހިންމަތްކޮށްފައެވެ. އަލަކުންލާނެ ބާރެއްނެތެވެ. ދައްކާނެ ހިތްވަރެއްނެތެވެ. އެހެންކަމުން މިއަދު ރަށް ފަތަޙަ ނުކުރެއްވިއްޖެކަމުގައިވާނަމަ ޤުސްޠަންޠީނިއްޔާ ފަތަޙަކުރުމަކީ މުސްތަޙީލު ކަމެއްކަމަށް ތުރުކިޔޭއިންނަށް ހީވެދާނެތީއެވެ. سـلطـــان ފޮނުއްވި ވަޒީރު އެ ރައްބާނީ މުރްޝިދުގެ ފޭލިގެކޮޅުގެ ކައިރިޔަށް ވަޑައިގެންނެވުމުން ދޮރުވާނު އޭނާ އެތެރެޔަށް ވެދެވަޑައިގެންނެވުން މަނާކޮށްފިއެވެ. ރަސްގެފާނުގެ ވަޒީރު ދޮރުވާނާ ދިމާޔަށް ނުހަނު ހަރުކަށިފުޅުކޮށް އަޑުލެއްވިއެވެ. ވިދާޅުވިއެވެ. "ޝައްކެއްނެތެވެ. މިއީ ވަރަށް ނާޒުކު އަދި ނުރައްކައުތެރި ވަގުތެކެވެ. ރަސްގެފާނުގެ މެސެޖު މުރްޝިދުގެ އަރިހަށް ރައްދުކުރުން ވަރަށް މުހިންމެވެ." ވަޒީރު އެހެން ވިދާޅުވެފައި އެ ފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. ވަޒީރަށް ފެނިވަޑައިގެންނެވީ އެ އަޅުވެރިޔާ ސަޖިދައިގައި އޮންނަވައި ދުޢާކުރައްވަނިކޮށެވެ. ވަޒީރު ފޭލިގެކޮޅަށް ވެދެވަޑައިގެންނެވުމުން އެކަލޭގެފާނު އިސްތަށިފުޅު އުފުލައިލައްވައިފައި ވިދާޅުވިއެވެ. "ޤުސްޠަންޠީނިއްޔާ ފަތަޙަވެއްޖެއެވެ." ވަޒީރަށް އެވާހަކަފުޅު ޔަޤީނެއް ނުކުރެއްވުނެވެ. އެކަމަކު ވަޒީރު އެނބުރިވަޑައިގެންނެވުމުން އޭނާއަށް ފެނިވަޑައިގެންނެވީ ރަސްގެފާނުގެ ދިދަކޮޅު ފާރުމަތީގައި ވިހުރުވި ވިހުރުވި ހުއްޓައެވެ. ކަންވީގޮތަކީ سـلطـــان ދުޢާކޮށްދެއްވަން އެދިވަޑައިގެން ވަޒީރު ފޮނުއްވީ ވަރަށް ނާޒުކު ވަގުތެއްގައެވެ. ވަޒީރު ވަޑައިގެންނެވިތަނާހެން سـلطـــان ގެ ކުރިފުޅުމަތީން ފާރުގެ ބައެއް ވެއްޓިއްޖެއެވެ. މީހަކު ކުރިކަމަކާ ނުލައެވެ. ފާރު ވެއްޓުމުގެ ސަބަބުން ޚަންދަޤުވެސް ބެރިއްޖެއެވެ. މުސްލިމުންނަށް ރަށަށް ވަދެގަތުމުގެ މަގު ސާފުވެއްޖެއެވެ. ފާރުގެ އެބައި ވެއްޓުނު ވަގުތު، ބަނދަރާވީފަރާތުން ކަނޑުގެ ސިފައިންވެސް ރަށުގެ ބުރުޖެއް ހިފައިފިއެވެ. އެ ބުރުޖުގައިވެސް سـلطـــان ގެ ދިދަ ނަގައިފިއެވެ. އެވަގުތު ޔޫނާނީންނަށް ސިހުން ލިބުމާއެކު، ތުރުކިޔޭގެ ކަނޑުގެ ސިފައިން ވަނީ ފުރުސަތުގެ ބޭނުންކޮށްގެން ބޮސްފަރަސްގެ އަނގަމައްޗަށްވެރިވެ ޔޫނާނީން އަޅައިފައިވާ ޗޭނު ދޫކޮށްލައި ޢުޘްމާނީ އަރުމާދު ބޮސްފަރަހަށް ވައްދައިފައެވެ. އެ ބުރުޖަށް ދިދަ ނެގިތަނާއި ފާރު ހަލާކުވެގެން ވެއްޓުނު މަންޒަރު ފެނުމާއެކު سـلطـــان ގެ އަރިހުގައިތިބި ސިފައިން ވަގުތުން ޙަމަލަދީފިއެވެ. ޢީސާއީންވެސް ވަރުގަދަޔަށް ސާބިތުވެތިބެ ދިފާޢީ ޙަމަލަދިނެވެ. އެކަމަކު ސީދާ ކުރިމަތިލައިގެންކުރާ ހަނގުރާމައިގައި މަސީޙީންނަކަށް މުސްލިމުންގެ ކުރިމައްޗަކު ފައިތިލަ ސާބިތުކޮށެއް ނުލެވުނެވެ. އެންމެފަހުން ޤުސްޠަންޠީނިއްޔާ ފަތަޙަވެއްޖެއެވެ. (ޞަފުޙާ: 384)
(ނުނިމޭ)