މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ހިއްސާކުރެއްވި މެސެޖުތަކެއްގައެވެ.
އެެއް މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ކޯލިޝަން ހަދައިގެން ރައީސް ސޯލިހުގެ ފަހަތްޕުޅަށް ގާސިމް އަރުއްވާނެ އެއްގޮތެއްވެސް މިފަހަރަކު ނެތް ކަމަށެވެ. އެހެން ވިދާޅުވުމުން ގާސިމް ދިފާއުކުރައްވައި ބައެއް މެންބަރުން ރައީސް ނަޝީދަށް ރައްދު ދެއްވިއެވެ.
އޭގެ ތެރެއިން ރައީސް ސޯލިހުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، 2008ވަނަ އަހަރު ރައީސް ނަޝީދާ އެކު ގާސިމް ހެއްދެވި ކޯލިޝަންގެ ހަނދާންތައް ގާސިމު އަދިވެސް އެބަ ހުންނެވި ކަމަށާއި އެއީ ގާސިމަށް ހިތި ތަޖުރިބާއެއް ކަމަށެވެ.
ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ، ޝަރީފަށް އެނގިލައްވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި ރައީސް ސޯލިހުގެ ފަހަތްޕުޅަށް ގާސިމް ނާރުއްވާނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބަ އޮތް ކަމަށެވެ.
"ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެއްދަނީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި، މިއީ ގާސިމްގެ ރަނުގެ ފުރުސަތު." ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ގާސިމަށް ރައީސްކަން ދޭން އެމްޑީޕީގެ ގަރާރެއް އޮންނާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އެ ފާހަގަކުރެއްވީ ގާސިމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ދިނުމަށް އޮކްޓޯބަރު 2018 ގައި އެމްޑީޕީ ހިމެނޭ ގޮތުން އޭރުގެ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ހިމެނޭ ޕާލަމެންޓްރީ ގްރޫޕުން ނިންމި ގަރާރެވެ.
ޚަބަރު
ޚަބަރު
ޚަބަރު