ވިލިމާލޭގައި 500 ހައުސިން ޔުނިޓު އެޅުމަށް އެރަށުގެ ކޮމިއުނިޓީ ގާޑަން އެހެން ތަނަކަށް ބަދަލުކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 88 ވަނަ ޖަލްސާގައި ވިލިމާލެ ކޮމިއުނިޓީ ގާޑެން ބަދަލުކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހުއެވެ.

ސައިފް ވިދާޅުވީ ވިލިމާލޭ ގިނަ ބަޔަކަށް ކޮމިއުނިޓީ ގާޑެންގެ ސަބަބުން މާލީ ފައިދާ ކުރަމުންދާ ކަމަށެވެ. އެހެންވެ ސިޓީ ކައުންސިލުން ވިލިމާލޭގައި ހިންގަން ނިންމާފައިވާ 500 ހައުސިން ޔުނިޓުގެ މަޝްރޫއު ފަށަން ކައިރުވުމުން ކޮމިއުނިޓީ ގާޑެން އެހެން ސަރަހައްދަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

އެ ހުށަހެޅުމާ ގުޅިގެން މޭލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޮމިއުނިޓީ ގާޑެން އެހެން ތަނަކަށް ބަދަލުކުރާނީ ހައުސިން މަޝްރޫއަށް ހައުސިން މިނިސްޓްރީގެ ހުއްދަ ލިބުމުން ކަމަށެވެ.

ސައިފު ވިދާޅުވީ ހައުސިން މަޝްރޫއަށް ހުއްދަ ނުލިބި ލަސްވެފައިވަނީ ހައުސިން މިނިސްޓްރީން މާލޭގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްނުދީ ދިގުދައްމާލާފައިވާތީ ކަމަށެވެ.

ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީވެސް ވަނީ ކޮމިއުނިޓީ ގާޑެން އެހެން ތަނަކަށް ބަދަލުކުރުމަށް ތާއިދުކުރައްވައިފައެވެ. އޭނާ ހުށަހެޅުއްވީ ރޯދަ މަހުގެ ފަހުން ކޮމިއުނިޓީ ގާޑެން އެހެން ތަނަކަށް ބަދަލުކުރެއްވުމަށެވެ. ކޮމިއުނިޓީ ގާޑެން ބަދަލުކުރާ އިރު، ކައުންސިލާއެކު ފަސް އަހަރުގެ އެގްރިމެންޓެއް ހަދައި ގޮޅީގެ ސައިޒު ބޮޑުކޮށް އަދި އިތުރު 10 މީހަކަށް ގާޑަން ހިންގުމަށް ފުރުސަތު ދިނުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.

ނަހުލާގެ އެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވައި ސައިފު ވިދާޅުވީ ކޮމިއުނިޓީ ގާޑެން ފަސް އަހަރުގެ މުއްދަތަކީ މާ ދިގު މުއްދަތެއް ކަމަށެވެ. ސައިފު ހުށަހެޅުއްވުން ފާސްކުރީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ވިލިމާލޭގައި ކޮމިއުނިޓީ ގާޑެންއެއް ހުޅުވީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އެތަނުން 30 މީހަކަށް ގޮޅި ދޫކޮށްފައިވާ އިރު، ގޮޅީގެ ކުއްޔަކީ މަހަކު 500 ރުފިޔާއެވެ. ކޮމިއުނިޓީ ގާޑެންއަކީ ތަރުކާރީ އާއި މޭވާ އަދި އެކި ވައްތަރުގެ މާ ގަސްތައް ހައްދައި ވިޔަފާރިކުރާ ކުރާ މީހުންނަށް ހާއްސަ ކޮށްގެން ހުޅުވި ތަނެކެވެ.