އިންޑިޔާގެ ކެރެލާ ސްޓޭޓަށް ނިސްބަތްވާ މުސްލިމެއް ކަމަށްވާ އުމުރުން 29 އަހަރުގެ ޝިހާބް ބާއީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް އެއްގަމު މަގުން ހިނގާފައި މައްކާއަށް ކުރާ ދަތުރުގައި އިންޑިޔާގެ ސަރަހައްދު ހުރަސްކޮށް ޕާކިސްތާނަށް ވަދެއްޖެއެވެ.

ކެރެލާގައި ހުރެފައި އޭނާ ދަތުރުފެށީ ހުސްވި އަހަރުގެ ފަހުކޮޅުއެވެ. ގާތްގަނޑަކަށް ތިންހާސް ކިލޯމީޓަރު ކަޑައްތުކޮށް ޕާކިސްތާނަށް އެންމެ ފުރަތަމަ އެތެރެވީމާ އޭނާގެ އަތުގައި ސައްހަ ވިސާއެއް ނެތިގެން ޕާކިސްތާނުގެ އިމިގްރޭޝަނުން ވަނީ އޭނާ އިންޑިޔާއަށް ފޮނުވާލައިފައެވެ. މިކަން މިމަގުން ހިނގީމާ ޕާކިސްތާނުގެ އާންމުންގެ ތެރެއިން މީހަކު މި މައްސަލަ ކޯޓަށް ހުށައަޅައިގެން އެންމެ ފަހުން ޕާކިސްތާނުން ވަނީ ޝިހާބު ބާއީއަށް ވިސާދީފައެވެ. ވިސާ ލިބުނީމާ ދެވަނަ ފަހަރަށް އޭނާ ޕާކިސްތާނަށް އެތެރެވީ ޕަންޖާބުގެ ވަގާ ބޯޑަރު ގޭޓުންނެވެ. އޭނާއަށް މަރުހަބާ ކިޔަން ޕާކިސްތާނުގެ އާންމުންގެ ވަރަށް ގިނަ ބަޔަކުވެސް ޖަމާވިއެވެ.

ޕާކިސްތާނުގެ ތެރެއިން ހިނގާފައިގޮސް އޭނާ ދެން އެތެރެވާނީ އީރާނަށެވެ. އީރާނު ހުރަސްކޮށް އިރާގަށެވެ. އެއަށްފަހު ސައޫދީ އަރަބިޔާއަށެވެ. މިދަތުރުގައި އެތައްއެތައް ސަހަރާޔަކާއި އެތައް އެތައް ވާދީއަކާއި އެތައް އެތައް ކޯރެއްވެސް އޭނާއަށް ހުރަސްކުރަން ޖެހޭނެއެވެ. ދަތުރުގެ ބޮޑުބައި އަދިއޮތީ ކުރިއަށެވެ.

ޝިހާބު ބާއީގެ ހައްޖު ދަތުރުގައި އަދިވެސް ގާތްގަޑަކަށް ހަތަރުހާސް ކިލޯމީޓަރު ކަޑައްތު ކުރަންޖެހޭއިރު ހައްޖާ ދެމެދު އަދިވެސް ފަސް މަސް އެބައޮތެވެ. އެހެންވީމާ އޭނާއަށް ފައިމަގުގައި މިދަތުރު ފުރިހަމަ ކުރުމަށް އަދިވެސް އެކަށީގެންވާ ވަގުތު އެބައޮތެވެ. ހައްޖަކީ ކެރިކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކަށްވެސް މަދުވެގެން އެއްފަހަރު އަދާކުރަން ފަރުޟު އަޅުކަމެކެވެ.