ޓޮޓެންހަމްގެ ފްރާންސް ގޯލްކީޕަރު ހޫގޯ ލޮރިސްގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ފްރާންސް ގައުމީ ޓީމުން ދާދިފަހުން ރިޓަޔާކުރި، އުމުރުން 36 އަހަރުގެ ލޮރިސްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ ޓޮޓެންހަމްއިން އެންމެފަހުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލީގުގައި ކުޅުނު މެޗުގައެވެ. އެ މެޗުން ޓޮޓެންހަމް ވަނީ 1-0 އިން މޮޅުވެފައެވެ.
ލޮރިސްގެ އަނިޔާގެ ބާވަތުން އޭނާ ހަ ހަފުތާ ނޫނީ އަށް ހަފުތާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހޭނެ ކަމަށް ވަނީ ބެލެވިފައެވެ. ލޮރެސް ނެތްތައް ފޫބެއްދުމަކީ ޓޮޓެމްހަމްއަށް ޗެލެންޖަކަށްވާނެ އިރު، ލޮރިސްއަށް ޓޮޓެންހަމްގެ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުވެސް ގެއްލޭނެއެވެ.
މިވަގުތު ޕްރިމިއާ ލީގުގެ ފަސްވަނައިގައި އޮތް ޓޮޓެންހަމްއިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ޖާގައަކަށް މަސައްކަތް ކުރަމުންދާ އިރު، ލީގުގައި ދެން އެންމެ އަވަހަށް ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗަށްފަހު ދެން ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ޓޮޓެންހަމް ނުކުންނާނީ އޭސީ މިލާނާ ދެކޮޅަށެވެ. އެ މެޗަކީ މިލާންގައި އޮންނަ މެޗެވެ.
ސްޕާސްގެ ބަދަލު ގޯލްކީޕަރެއްގެ ގޮތުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ގޯލްކީޕަރަކީ ފްރޭސާ ފޯސްޓާއެވެ. މިދިޔަ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ޓޮޓެންހަމްއާ ގުޅުނު ފޯސްޓާ، މިހާތަނަށް އެ ކްލަބަށް ކުޅެފައި ވަނީ އެންމެ މެޗެކެވެ. އެއީ ބޮކްސިން ޑޭގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.
ފްރާންސާއެކު 2018 ވަނަ އަހަރު ވޯލްޑް ކަޕް އުފުލާލި ލޮރިސް މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން ހަތް ކްލީންޝީޓް ދަމަހައްޓާފައިވެއެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ