މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއްވީ ނަމަވެސް އެ ބިލު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އަދިވެސް ފޮނުވާފައި ނުވާކަމަށް، އެމްއެމްސީގެ މެންބަރުކަން ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު (މޯޑު) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މޯޑު ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރާ ވާހަކަ ދައްކާއިރު، އެއްކަހަލަ މަސައްކަތްކުރާ ސަރުކާރުގެ އިދާރާތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް އެއް އިދާރާއެއްގެ ގޮތުގައި ގާނޫނުގެ ތެރެއިން ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެގޮތަށް ދެއްކި ވާހަކަތަކުގެ ތެރެއިން، އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުގެ ވާހަކައަކީ، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނީއްސުރެން ދައްކަމުން އަންނަ ވާހަކައެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެއްކަހަލަ މަސައްކަތްކުރާ ދައުލަތުގެ އިދާރާތައް ގިނަ، ވާހަކަ ތަކުރާރުކޮށް މި މަޖިލީހުގައި އެބަ ދައްކަން، ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލާ ވާހަކަ އަކީ ވަރަށް ދުވަސްވެއްޖެ ދައްކާ ވާހަކައެއް، 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުމާއެކީ ދައްކަމުން އަންނަ ވާހަކައެއް، ނަމަވެސް އެކަން ކުރުމަށްޓަކައި މިހާރު ކުރިމަތިވެފައިވާ ހުރަހަކީ އެބިލު މަޖިލީހަށް ނައިސް އޮތުން،"
މޯޑު ވިދާޅުވީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް އެބިލު ހުށަހެޅުމަށް، އެޓާނީޖެނެރަލް، (އޭޖީ) އޮފީހުން ފޮނުވި ލިސްޓުގައި ހިމެނޭ ކަމަށެވެ. ހަމަ އެގޮތަށް "މިދިޔަ ދައުރުގައިވެސް އެވާހަކަ އޮތް، އެހެން ނަމަވެސް އެ ބިލެއް މަޖިލީހަކަށް ނާދޭ. އަޅުގަނޑު ދެކޭގޮގުގައި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ވާހަކަ ދައްކާއިރު، ދައުލަތުގެ އިދާރާތައް ހިންގުމުގެ ވާހަކަ ދައްކާއިރު، ދައުލަތުގެ އިމާރާތްތައް މަދު ވާހަކަ ދައްކާއިރު، މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.
މޯޑު ވިދާޅުވީ، އެ ދެ ކޮމިޝަން އެއްކޮށްލުމަށް ބޭނުންވާ ބިލު ޑްރާފްޓް ކުރުމުގެ ވާހަކަ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައިވެސް ދެއްކި ކަމަށެވެ. ނަމަވެސް ކޮމިޓީން އެ މަސައްކަތް ނުކުރީ، އެބޭފުޅުން އެކަން ކުރައްވާނެ ކަމަށް އޭޖީ އޮފީހުން ބުނުމުން ކަމަށްވެސް ވިދާޅުވިއެވެ.
"ކޮމިޓީގައި އަޅުގަނޑުމެނަށް ވާހަކަ ދެކެވުނު އެ ބިލު އަޅުގަނޑުމެން ޑްރާފްޓްކުރަން އެހެން ނަމަވެސް އޭޖީ އޮފީހުން ވިދާޅުވީ އެބޭފުޅުންނޭ އެ މަސައްކަތް ކުރައްވާނީ، އެހެންވީމަ އަޅުގަނޑުމެން އެ މަސައްކަތް ނުކުރީ، އެހެންނަމަވެސް އަދިވެސް މި ފެންނަނީ އެ މަސައްކަތް ނުކުރެވިވާތަން، އަދި އަނެއްކާ މިއަދު އަޅުގަނޑުމެނަށް މި އަޑުއިވުނީ އަނެއްކާވެސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު ހޮވުމަށް މަޖިލީހަށް ނަން ފޮނުވި ވާހަކަ" ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު