މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިފްރާސްޓްރަކްޗާ އާއި މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ ނަމްބަރު 6.1 ގައި އޮތީ އެ ދެ ވުޒާރާގެ މަސައްކަތުގެ ދާއިރާއަށް ސަރުކާރުން ގެނައި ބަދަލު މަޖިލީހުން ފާސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ދެ ސިޓީއާ ގުޅޭގޮތުން ގޮތެއް ނިންމެވުމެވެ. ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި އެ ސިޓީ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ މަޖިލީހުގެ ތަޅުމަށް އިއްވައިފައެވެ.
ރައީސް ސޯލިހު އެ ދެ ސިޓީގައި ވިދާޅުވީ ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު)ގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނައުމާ ގުޅިގެން އެ މިނިސްޓްރީގެ މަސައްކަތްތަކުގެ ދާއިރާއިން ގެނައި ބަދަލާއި، ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓު ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދައި، އެ އިދާރާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، އެ ބަދަލު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މައްދާގެ (ހ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި މަޖިލީހަށް ހުށަހަޅުއްވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަމީންއާންމު ސިޓީތައް އިއްވައި ނިމުމުން ނަޝީދު ވިދާޅުވީ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމަށް ނިންމިއްޖެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު