ސީރިއާ ބައެއް ވެސް ހިމެނޭ ގޮތަށް ތުރުކީއަށް އިއްޔެ ފަތިހު އައި ބިން ހެލުމުގައި ސީރިޔާ އާއި ތުރުކީން 4،900 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ތުރުކީގެ ޑީޒާސްޓާ އެންޑް އެމަޖެންސީ މެނޭޖުމެންޓް ޕްރެޒިޑެންސީ (އޭއެފްއޭޑީ) ގެ ހެޑް ޔޫނުސް ސީޒާ މިއަދު ވިދާޅުވީ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 3،549 އަށްވުރެ އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ 15،384 މީހަކު ބިން ހެލުމުގެ ސަބަބުން ޒަހަމްވެފައިވާ ކަމަށާއި 6،217 އިމާރާތެއް ބިން ހެލުމުގެ ސަބަބެއް ވެއްޓިފައިވާ ކަމަށެވެ.
ޔޫނުސް ވިދާޅުވީ ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން 243 ލޮޅުމެއް އައިސްފައިވާ ކަމަށެވެ. ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގައި 16،400 ރެސްކިއު ވޯކާސް ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވީ ބިންހެލުމުގެ މައުލޫމާތާކު ލިބުމާއެކު ސާޗް އެންޑް ރެސްކިއު ޓީމުތައް ފޮނުވާފައިވާ ކަމަށެވެ. އުރުދުގާން ވަނީ އެ ގައުމުގައި ގައުމީ ހިތާމައިގެ ހަތް ދުވަސް އިއުލާންކުރައްވައިފައެވެ. އަދި އުރުދުޣާން ވަނީ ތިން މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ 10 ސިޓީއަކަށެވެ. އެއީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އެންމެ ގިނަ ބަޔަކު މަރުވެފައިވާ ސިޓީތަކެވެ.
އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފިނަ މޫސުންކަމަށްވުމުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިޔުމަށް ދަތިތަކެއްވަނީ ދިމާވެފައެވެ.
ބިން ހެލުމުގެ އަސަރު ކުރުމުގެ ސަބަބުން ސީރިއާއިން މިހާތަނަށް 1،444 މީހުން މަރުވެފައިވާ އިރު، އެ އަދަދު އިތުރުވާނެ ކަމަށް ސީރިއާގެ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. ބިންހެލުމުގެ އަސަރު ކުރުމުގެ ސަބަބުން ސީރިއާގެ ވެސް ވަރަށް ގިނަ އިމާރަތްތައް ވަނީ ވެއްޓިފައެވެ.
ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އދ. އިން ވަނީ ގޮވާލައިފައެވެ. އެ އިދާރާއިން ބުނީ މިއީ ފިނި މޫސުންކަމަށްވުމުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލަސްވެއްޖެނަމަ، ހިތާމަވެރި ކާރިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން އިއްޔެ ބުނެފައިވަނީ، ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިން ހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށެވެ. ފުރަތަމަ ބިން ހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނެފައިވަނީ ތުރުކީއަށް އިއްޔެއައި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިން ހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިން ހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ތުރުކީގެ ސައިސްމޮލޮޖިކަލްއިން ބުނެފައިވަނީ ބިން ހެލުމުގެ ސެންޓާ ޕޮއިންޓް ހުރީ ދެކުނުގެ ސިޓީއެއް ކަމަށްވާ އާޒިއަންބާތުގައި ކައިރީގައިވާ ފަރުބަދަތަކުގެ ހަތް ކިލޯމީޓަރުގެ ފުނުގައި ކަމަށެވެ.
ސައިސްމޮލޮޖިކަލްއިން ބުނެފައިވަނީ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ކަހުރަމާންގެ ސިޓީތަކާއި ވިލެޖުތަކަށް ކަމަށެވެ. އެ ސަރަހައްދުތަކުގައި ބިން ހެލުމުގެ އަސަރު އެއް މިނެޓު ވަންދެން ހުރި ކަމަށެވެ. ބިންހެލުމުގެ އަސަރު ސޫރިއާގެ އުތުރުގެ ސަރަހައްދުތަކަށާއި ސައިޕްރަސްއަށާއި ލުބުނާނަށްވެސް ކޮށްފައިވާ ކަމަށް ސައިސްމޮލޮޖިކަލްއިން ބުންޏެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ