މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އަލަށް ހަވާލުވި ކޯޗު، ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވްއާއެކު މިއަދު އެޓީމުން އާ ސީޒަނުގެ ފަރިތަކުރުންތައް ފަށައިފިއެވެ.
މާޒިޔައިން މިއަދު ޓާފް ދަނޑުގައި ފަރިތަކުރުންތައް ފަށާފައިވާ އިރު، އެޓީމާ އަލަށް ގުޅުނު ކުޅުންތެރިންވެސް ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. މާޒިޔާގެ ފަރިތަކުރުންތައް ފެށުމުގެ ކުރިން މެނޭޖުމަންޓުން ޓީމާ ވާހަކަ ދައްކާފައިވެސް ވެއެވެ. މިއަދުގެ ޕްރެކްޓިސް ބެލުމަށް މާޒިޔާ ބޯޑުގެ ބައެއް މެމްބަރުން ދަނޑުގައި ތިބިކަން ފާހަގަވެފައިވެއެވެ.
މާޒިޔާއިން މި ސީޒަނަށް ރަނގަޅަށް ތައްޔާރުވަމުންދާ އިރު، އެޓީމަކީ ތަމްރީނުތައް ފެށި ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ޓީމެވެ. އެހެން ޓީމުތަކުން އަދި ތައްޔާރީތައް ފަށާފައިނުވާ އިރު، މާޒިޔާ ނޫން އިތުރު ޓީމަކުން ކުޅުންތެރިން ހޯދަންވެސް މަސައްކަތް ކުރާތަން ފެނިފައެއް ނުވެއެވެ. މާޒިޔާއިން ސީޒަނުގެ ފަރިތަކުރުންތަކަށް މިއަދު ނުކުމެފައި ވަނީ ވަރުގަދަ ޓްރާންސްފާތަކަކަށް ފަހުއެވެ.
މިއަދުގެ ފަރިތަކުރުންތަކުގައި ކްލަބަށް އަލަށް ސޮއިކުރި ފޯވަޑް އަލީ ފާސިރު (ސެންޓޭ) އާއި ގައުމީ ޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އަދި އުންމީދީ ފޯވަޑް ހަސަން ނަޒީމް (ޗޯޓު)ގެ އިތުރުން ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލާއި ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކްރޯ) އާއި ހަސަން ރާއިފް (ހަންނަ) ވެސް ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ހަލީލް ގަމާލްވެސް މާޒިޔާގެ ފަރިތަކުރުންތަކުން މިއަދު ފެނިފައިވެއެވެ.
މާޒިޔާއަށް މި ސީޒަނަށް ގެނައި ކޯޗު އިވާން ވަނީ 1982 ވަނަ އަހަރުން ފެށިގެން ކޯޗިން މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފައެވެ. ބަލްގޭރިއާގެ އެކިއެކި ޒުވާން ޓީމުތަކަށް އިވާން އިރުޝާދު ދީފައިވާ އިރު، އެ ގައުމުގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް އޭނާ ވަނީ އިރުޝާދު ދީފައެވެ.
އިވާން އޭޝިއާގެ ފުޓުބޯޅައަށް ތައާރަފުވީ 2002 ވަނަ އަހަރުއެވެ. އެ އަހަރު އޭނާ އިންޑޮނޭޝިއާގެ ގައުމީ ޓީމާ ހަވާލުވެފައިވާ އިރު، އޭގެ ފަހުން މިޔަންމާއަށް ކޯޗުކަން ކޮށްދީ އިންޑޮނޭޝިއާ އާއި މިޔަންމާގެ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދިނެވެ. އޭގެ ތެރޭގައި ޕަރްސިޕޫރާ ޖަޔަޕޫރާ އާއި ޔޮންގޮން ޔުނައިޓެޑްވެސް ހިމެނެއެވެ. އިވާން ވަނީ 2002 ވަނަ އަހަރު އިންޑޮނޭޝިއާއާ އެކު އާސިއާން ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އޭއެފްއެފް ކަޕްގެ ފައިނަލުގައި ކުޅެފައެވެ. އޭގެ ފަހުން 2004 ވަނަ އަހަރު މިޔަންމާއާ އެކު އެ މުބާރާތުގެ ހަތަރުވަނަ އިވާން ހޯދި އިރު، އޭނާ ވަނީ މިޔަންމާގެ ކްލަބުތަކާ އެކު ދެ ފަހަރަށް އެ ގައުމުގެ ލީގުވެސް ނަގައިފައެވެ.
މާޒިޔާއިން ގިނަ ކުޅުންތެރިންތަކެއް ކްލަބަށް ގެންދިޔުމުގެ އިތުރުން، ކުރިން ތިބި ވަރުގަދަ ކުޅުންތެރިންތަކަކާ އެކު ވަނީ އެއްބަސްވުންވެސް އާކޮށްފައެވެ. އޭގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެއެވެ. މިއަދު ތަމްރީނުތަކުގައި އެ ކުޅުންތެރިންވެސް ފެނިގެން ގޮސްފައިވެއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު